ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް މިއަދު އިންޑިއާއަށް ވަޑައިގެންފިއެވެ.
ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި، އެގައުމުގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ ބައްދަލުކުރައްވާނެ ކަމަށެވެ.
އެ ބައްދަލުވުމުގައި، ދެ ގައުމުން އިސްކަންދޭ ކަންތައްތަކާ ގުޅޭ ގޮތުންނާއި ދެގައުމާއި ރައްޔިތުންގެ ފައިދާއަށް ޓަކައި ގުޅުން ވަރުގަދަ ކުރުމަށް މަޝްވަރާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާގެ މީޑިއާތަކުގައިވާ ގޮތުން، ޚަލީލް އިންޑިއާއަށް ވަޑައިގެންނެވީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައެވެ.
މި ސަރުކާރު ފެށުނުއިރު ހެލްތު މިނިސްޓަރުގެ ގޮތުގައި ހުންނެވި ޚަލީލް، މިދިޔަ ސެޕްޓެމްބަރު މަހުގެ 30ގައި ފޮރިން މިނިސްޓްރީއާ ހަވާލުވެވަޑައިގަތުމަށް ފަހު ސަމޯއާ އާއި ސައުދީ އަރަބިއްޔާގެ އިތުރުން އޮމާންއަށް ވެސް ރަސްމީ ދަތުރުފުޅުތައް ކުރައްވާފައެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ ވައުދު ފުއްދަވާފައެވެ.
އިންޑިއާގެ ސިފައިންނާ ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ 'އިންޑިއާ އައުޓް' ކެމްޕެއިނާ ގުޅިގެން ރާއްޖެއާއި އެގައުމާ ދެމެދު ނުތަނަސްވުން އުފެދިފައި ވަނިކޮށް، މި އަހަރުގެ ކުރީކޮޅު ނައިބު ވަޒީރުންތަކެއް އިންޑިއާގެ ބޮޑުވަޒީރާއި ރައްޔިތުންނަށް ކުޑައިމީސް ކުރުމާ ގުޅިގެން ދެގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ.
އެ މައްސަލައާ ގުޅިގެން އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ބޮޑު ކެމްޕެއިނެއް ފެށިއިރު، މި އަހަރު އައި ފަތުރުވެރިންނަށް ބަލާއިރު އެގައުމުގެ މާކެޓް ހިއްސާ ވަނީ ކުޑަވެފައެވެ. ނަމަވެސް އިންޑިއާއާ ގުޅުން ބަދަހިކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއްކޮށް، ގުޅުން ރަނގަޅުވެފައިވާ ކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ.