އެތައް އަހަރެއް ވަންދެއް ވާނުވާއެއް ނޭނގި އެތައް ވާހަތަކެއް ވަށާލެވިފައިވާ އެޗްބީއޯގެ ޑްރާމާ ޝޯ "ޔޫފޯރިއާ"ގެ ޝޫޓިން އެންމެފަހުން ފެށުމަށް ތައްޔާރުވެއްޖެއެވެ.
ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ޓީވީ ޝޯ ޔޫފޯރިއާގެ ދެވަނަ ސީޒަން ދައްކާފައިވަނީ 2022 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އެއަށްފަހު ޝޯގެ ތިންވަނަ ސީޒަންގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އަދި އެޗްބީއޯގެ ތާވަލުތައް ހުންނަ ގޮތުން ނަމަ މި އަހަރުގެ ތެރޭގައި ޝޯގެ އާ ސީޒަން ދައްކަން ފަށާނެއެވެ.
ނަމަވެސް ތަފާތު އެކި ކަހަލަ ކޮންޓްރޮވަސީ ވަށާލެވިގެންވާ މި ޝޯގެ ޝޫޓިން ލަސްވަމުން ގޮސް އަހަރުތަކެއް ވެއްޖެއެވެ. އެއާއެކު އެތައް ބަޔަކު ހީކޮށްގެން ތިބީ ޝޯ ކެންސަލު ކޮށްލާނެ ކަމަށެވެ. އަދި ޝޯ ކެންސަލު ކޮށްލަން އުޅޭ ކަހަލަ އެތައް ވާހަކަތަކެއް ވެސް ވަނީ ޕްރޮޑަކްޝަނުންނާއި ކާސްޓުންގެ ފަރާތުން އައިސްފައެވެ.
އެންމެފަހުން އަނެއްކާވެސް މި ޑްރާމާގެ ޑްރާމާގަނޑަށް މިއޮތީ އާ ވާހަކައެކެވެ. ޕްރޮޑަކްޝަނުން މައުލޫމާތު ލިބޭ ގޮތުގައި ޝޯގެ އާ ސީޒަންގެ ޝޫޓިން މިމަހުގެ ތެރޭގައި ފަށާނެއެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ވާހަކަތަކެއް އާންމުކޮށްފައެއް ނުވެއެވެ.
ޝޯގެ ޝޫޓިން މިއަހަރު ފަށާ ކަމުގައި ވާނަމަ އެންމެ އަވަހަށް އާ ސީޒަން ފެންނާނީ އަންނަ އަހަރު ނޫނީ 2027 ވަނަ އަހަރެވެ.
ޔޫފޯރިއާގެ އާ ސީޒަނަކަށް ތައްޔާރުވަމުން އަންނަ އިރު ޝޯގެ ލީޑް ކާސްޓުން ބައެއް ތަރިން ވަނީ ޝޯ އެއްކޮށް ދޫކޮށް ގޮސްފައެވެ. އޭގެ ތެރޭގައި ޖޭކަބް އިލޯޑީ އާއި ސްޓޯމް ރީޑް ފަދަ އެކްޓަރުން ހިމެނެއެވެ. ޝޯގެ ޕްރޮޑިއުސަރު އަދި މެއިން ލީޑް ޒެންޑެޔާ ޝޯއަށް އެނބުރި އަންނާނެ ކަމަށް ލަފާ ކުރެވެއެވެ.
އެޗްބީއޯއިން 2019 ވަނަ އަހަރު ދައްކަން ފެށި ޔޫފޯރިއާ އަކީ ޒުވާން އުމުރަށް އަޅައިގެން އަންނަ ކުދިންތަކަކަށް ދިމާވާ އިޖުތިމާއީ ތަފާތު މައްސަލަތައް ދައްކުވައިދޭ ޝޯއެކެވެ. ޝޯ ފުރަތަމަ ސީޒަނަށް ބޮޑު ކާމިޔާބެއް ލިބިފައިވާއިރު، ދެވަނަ ސީޒަން ވެސް ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑަށް ވައިގައި ހިފާފައިވެއެވެ.
އަންސާމްބަލް ކާސްޓެއް ހިމެނޭ މި ޝޯގެ ލީޑުން ފެންނަ އެކްޓަރުންގެ ތެރޭގައި ޒެންޑެޔާގެ އިތުރުން ހަންޓާ ޝައިފާ އާއި ސިޑްނީ ސްވީނީ އަދި އެލެކްސާ ޑެމީ ހިމެނެއެވެ.