އާންމުކޮށް ރާއްޖޭގައި ނުފެންނަ ފަދަ ޑްރޯން ޝޯއަކާއެކު، އައު އަހަރު ފެށުން ފާހަގަކުރުމަށް ބާއްވާ މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް ކުލަގަދަކޮށް ފަށައިފިއެވެ.
މިއީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ބާއްވާ ހަރަކާތެކެވެ.
މިރެއިން ފެށިގެން މާދަމާ ރޭގެ ނިޔަލަށް މި ހަރަކާތް ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
މިރޭ 20:00ގައި މި ފެސްޓިވަލް ފެށީ ކާބޯތަކެއްޗާއި ސަގާފީ ސްޓޯލްތަކާ ވެސް އެކުގައެވެ.

މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް: ސަގާފީ ބޮޑުބެރުގެ ހަރަކާތް -- ސަން ފޮޓޯ/ މާނިއު މުހައްމަދު
މިރޭ ފެށި މި ފެސްޓިވަލްގައި ދެއްކި ޑްރޯން ޝޯގައި ރާއްޖޭގެ ސަގާފަތާއި ފަތުރުވެރިކަމާ ގުޅުން ހުރި މަންޒަރުތައް ދައްކުވައިދީފައިވެއެވެ.
އެ ޝޯއަށް ގިނަ ބަޔެއްގެ ތަރުހީބު ލިބުނުއިރު، ބޮޑުބެރުގެ ހުށަހެޅުންތަކާއި، ދަފި ނެގުން ފަދަ ސަގާފީ ހަރަކާތްތައް ވެސް ދައްކައިލައިފައިވެއެވެ. އަދި މަޝްހޫރު ކޮމީޑިއަން ނާޒިމް ޝިހާމް (ކާއްޓޭ)ގެ ސެގްމަންޓެއް ވެސް ގެނެސްދީފައިވެއެވެ.

މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލްގައި ބޭއްވި ޑްރޯން ޝޯގެ ތެރެއިން -- ސަން ފޮޓޯ/ މާނިއު މުހައްމަދު
އައު އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން މި ފެސްޓިވަލްގައި ވަނީ ހަވާއެރުވުން ވެސް ކުރިޔަށް ގެންގޮސްފައެވެ.
ކާބޯތަކެއްޗާއި އާޓްސް އެންޑް ކްރާފްޓްސް ސްޓޯލްތައް ވެސް ހުރި މި ފެސްޓިވަލްގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.

މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް -- ސަން ފޮޓޯ/ މާނިއު މުހައްމަދު
މާދަމާ މި ފެސްޓިވަލް ކުރިޔަށްދާނީ އާއިލާތަކަށް ޚާއްސަ ގިނަ ހަރަކާތްތަކާއެކު، ހަވީރު 16:00އިން 22:00ގެ ނިޔަލަށެވެ.
އެ ގޮތުން ކާބޯތަކެއްޗާއި ސަގާފީ ސްޓޯލްތައް ދައްކައިލުމުގެ އިތުރުން، ފުލުހުންނާއި ފަޔާ ޓްރަކްގެ ހުށަހެޅުމަކާއި ކްލައިމްބިން ވޯލް އާއި ބައުންސް ހައުސް އަދި ޓްރާންސްފޯމާސް ޑިސްޕްލޭއެއް ވެސް މާދަމާގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ބޮޑުބެރުގެ ހަރަކާތްތައް މާދަމާ ހަވީރު ވެސް ބާއްވާނެއެވެ.
އައު އަހަރާ ދިމާކޮށް އަބަދު ވެސް ރާއްޖޭގައި ތަފާތު ހަރަކާތްތައް ކުރިޔަށް ގެންދެއެވެ. މި ފަހަރުގެ ހަރަކާތުގައި މި އަހަރު ދިވެހިރާއްޖޭގެ ކާމިޔާބީތައް ފާހަގަކުރުމާއި، ރާއްޖޭގެ ތަފާތު ސަގާފީ ތަރިކަ ޕްރޮމޯޓްކުރާނެ ކަމަށް އެމްއެމްޕީއާރުސީންވަނީ ބުނެފައެވެ.
މިއީ ދިވެހިންނާއި ފަތުރުވެރިންނަށް އާ ތަޖުރިބާއެއް ހޯދައިދިނުމަށް ކުރިއަށް ގެންދާ މުހިންމު ހަރަކާތެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.