ދަރަވަންދޫގެ އަމާޒަކީ 2030ގެ ނިޔަލަށް 1000 ޓޫރިސްޓު ބެޑު ބެހެއްޓުން

ބ. ދަރަވަންދޫ: އެ ރަށަށް ޒިޔާރަތްކުރުމުގެ އަހަރު ފެށުމުގެ ހަރަކާތް މިރޭ ބާއްވަން ވަނީ ތާވަލުކޮށްފައި --

އަމާޒަކީ 2030ގެ ނިޔަލަށް ބ. ދަރަވަންދޫގައި ޓޫރިސްޓު ބެޑު ކެޕޭސިޓީ މަދުވެގެން 1،000އަށް އިތުރު ކުރުން ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އަލީ ސަމީހު މިރޭ ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ "ބާރު ހަތަރެއް"ގައި، އެ ރަށުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ވާހަކަ ސަމީހު ވަނީ ހިއްސާ ކުރައްވައިފައެވެ.

ސަމީހު ވިދާޅުވި ގޮތުގައި އަމާޒަކީ އެ ރަށުގެ ޓޫރިސްޓު ބެޑު ކެޕޭސިޓީ 2030ގެ ނިޔަލަށް މަދުވެގެން 1،000އަށް އިތުރުކޮށް، އެ ރަށަށް އިންވެސްޓަރުން ހޯދުމެވެ. އެ މަސައްކަތުގެ ނަތީޖާ ވެސް ފެންނަމުންދާކަން އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

ދަރަވަންދުއަށް ޒިޔާރަތްކުރުމުގެ އަހަރުގެ ގޮތުގައި 2025 ވަނަ އަހަރު ފާހަގަކުރުމަށް ނިންމައި، 'ދަރަވަންދޫއަށް ޒިޔާރާތްކުރުމުގެ އަހަރު 2025'ވަނީ ރަސްމީކޮށް އިފްތިތާހު ވެސް ކޮށްފައެވެ.

ވިޒިޓް ދަރަވަންދޫ އިޔާ 2025 އިފުތިތާހުކުރުމުގެ ތެރެއިން -- ސަން ފޮޓޯ/ އަލީ ރަޝީދު

މި ހަރަކާތް ފެށުމަށް ހަމަޖެހިފައި އޮތީ އެ ރަށުގައި މިރޭ ބާއްވާ ޚާއްސަ ޝޯއަކުންނެވެ.

ސަމީހު ވިދާޅުވި ގޮތުގައި "ވިޒިޓް ދަރަވަންދޫ"ގެ ދަށުން 2025ވަނަ އަހަރުގެ ކޮންމެ މަހެއްގައި ވެސް ޚާއްސަ ހަރަކާތްތަކެއް އެ ރަށުގައި ކުރިޔަށް ގެންދާނެއެވެ. ކޮންމެ މަހެއްގައި ވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ މަހަކަށް ޚާއްސަ ހަރަކާތްތަކެކެވެ.

ސަމީހު ވިދާޅުވީ ޖެނުއަރީމަހަށް ރާވައިފައިވާ ހަރަކާތަކީ ދަރަވަންދޫއަކީ ކޮބައިކަން ފަތުރުވެރިންނަށް އަންގައިދިނުން ކަމަށެވެ.

މެއިމަހުގެ ތެރޭގައި ބޭރުގެ ބައެއް ފަރާތްތަކާއެކު ވެޓެރެންސް ފުޓުބޯޅަ މުބާރާތެއް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާއިރު، ކުރިޔަށް އޮތް ތަނުގައި އެ ރަށުގައި ބައިނަލްއަގުވާމީ ބީޗް ވޮލީ މުބާރާތެއް ބޭއްވުމަށް ރާވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަމީހު ވިދާޅުވީ އެ ރަށުގެ ރައްޔިތުންގެ ބޭނުމަކީ މެހެމާންދާރީގައި މުޅި ރާއްޖެއިން ވެސް ނަމޫނާ ރަށެއްގެ ގޮތުގައިވުން ކަމަށެވެ. އެ ގޮތުން ރަށުގެ މަގުތައް ރީތި ކުރުމަށް ޓަކައި ގަސްއިންދުމުގެ މަސައްކަތް މިހާރު ވެސް ކުރިޔަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަމީހު ވިދާޅުވި ގޮތުގައި އައު އަހަރާ ދިމާކޮށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ދަރަވަންދޫއަށް ޒިޔާރަތްކޮށްފައެވެ. އޭގެ ތެރޭގައި ފަތުރުވެރިންނާއި މާލޭން އެ ރަށަށް ޒިޔާރަތްކުރި ގިނަ އަދަދެއްގެ މީހުން ހިމެނެއެވެ. ސަމީހު ވިދާޅުވީ އެ ރަށުގެ ގެސްޓްހައުސްހައުސްތަކުން 250 ޓޫރިސްޓް ބެޑު ހިއްސާކުރާއިރު، ހުރިހާ ގެސްޓްހައުސްތަކެއް މިހާރު ފުލްވެފައިވާ ކަމަށެވެ.

"ކައުންސިލްގެ ބޭނުމަށް މި ގެނެވޭ ބޭފުޅުން ބައިތިއްބާނެ ތަނެއް ވެސް މިހާރު ނުލިބިގެން މި އުޅެނީ. ރަށުގައި ހުރި 250 އެނދު މިހާރު ހަމަ އެއްކޮށް ފުރިފައި. މިހާރު ރަށުގައި ވަރަށް ގިނަ އަދަދެއްގެ ބޭފުޅުން ވަޑައިގެން އެބަތިއްބެވި. އެއީ އަޅުގަނޑުމެން އުފަލާއެކު ފާހަގަކުރާ ކަމެއް. އެ ބޭފުޅުންނަށް ދަރަވަންދޫ ކައުންސިލްގެ ފަރާތުން އަދި ރައްޔިތުންގެ ފަރާތުން މަރުހަބާ ވެސް ދަންނަވަން،" ސަމީހު ވިދާޅުވިއެވެ.

ސަމީހު ދެކިލައްވާ ގޮތުގައި ފަތުރުވެރިކަމުގެ ސަބަބުން އެ ރަށުގެ ތާރީޚާއި ސަގާފަތް އަލާކުރުމަށް އިތުރު ބާރެއް ވެސް ލިބެއެވެ. އެ ގޮތުން އެ ރަށުގައި އޮތް އެންމެ އިހުގެ ގޮތް ބަލައިލުމަކީ ފަތުރުވެރިން ވަރަށް ޝައުގުވެރިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަށުގެ އިގުތިސާދު ބިނާވެފައި އޮތީ ފަތުރުވެރިކަމުގެ މައްޗަށެވެ. އެ ގޮތުން އެ ރަށުގެ ކޮންމެ ރައްޔިތަކަށް ވެސް ފަތުރުވެރިކަމުގެ ނަފާ ލިބޭކަން ފާހަގަ ކުރައްވައި ސަމީހުވަނީ އެއީ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަ ކުރައްވައިފައެވެ.

comment ކޮމެންޓް