މި ފަހުގެ ތާރީޚުގައި އުފެދުނު އެންމެ ބޮޑެތި ގްރޫޕްތަކުގެ ތެރޭގައި ހިމެނޭ "ވަން ޑައިރެކްޝަން"ގެ މެންބަރު ލިއަމް ޕޭންގެ މަރާ ގުޅިގެން ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިހާރު ރޫޅާލާފައިވާ ގްރޫޕްގެ މެމްބަރު ލިއަމް ކުއްލި ގޮތަކަށް މަރުވެފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅުގައެވެ. އެތައް ފޭނުންތަކެއް ޝޮކަކަށް ގެނައި މި ޚަބަރު ވެގެން ދިޔައީ ގިނަ ބަޔަކަށް ގަބޫލުކުރަން ވެސް އުނދަގޫ ވާހަކައަކަށެވެ. އޭނާ މަރުވެފައިވަނީ އާޖެންޓީނާގައި ހުރި ހޮޓެލެއްގެ ބެލްކަނީއަކުން ވެއްޓިއެވެ.
މިކަމާ ގުޅޭގޮތުން އާޖެންޓީނާގެ ޕްރޮސެކިއުޓަރު އޮފީހުން ދާދިފަހުން ހާމަކޮށްފައިވަނީ މައްސަލައާ ގުޅޭ ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންގެ ތެރޭގައި ލިއަމް އާޖެންޓީނާގެ ބުއޭނޯސް އޭރީސްގައި ހުރި ހޮޓެލްގެ މެނޭޖަރުގެ އިތުރުން ލިއަމްގެ ރެޕްރެޒެންޓެޓިވް ހިމެނެއެވެ. ދެމީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މޭންސްލޯޓާގެ މައްސަލައެވެ.
މި ދެމީހުންގެ އިތުރުން ހޮޓެލް މުވައްޒަފަކާ ވެއިޓަރަކާ ދެކޮޅަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. ދެމީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ޕޭން އަށް ކޮކޭން ވިއްކި ކަމަށް ބުނެއެވެ. މިކަމާ ގުޅޭގޮތުން އެއްވެސް ދައުވާއެއް ސާބިތުވެއްޖެ ނަމަ ފަސް އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕްރޮސެކިއުޓާ އޮފީހުން ބުނެއެވެ.
ރިއެލިޓީ މިއުޒިކް ޝޯ ކަމަށްވާ އެކްސް ފެކްޓާއިން އުފެދުނު ވަން ޑައިރެކްޝަނަކީ އެއް ދުވަސްވަރެއްގައި އެންމެ ބޮޑު އެއް ގްރޫޕެވެ. އެ ގްރޫޕުގެ ފަސް މެންބަރުންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މެންބަރުންނެވެ.
އަދި، 2015 ވަނަ އަހަރުގައި ގްރޫޕު ބްރޭކަކަށްދާ ވާހަކަ އިއުލާނުކުރުމާ އެކު އެތައް ފޭނުންނެއް ދެރަކޮށްލިއެވެ.
ގްރޫޕް ބްރޭކަށް ދިޔުމަށް ފަހު މެންބަރުން ވަނީ އަމިއްލަ ސޯލޯ ކެރިއަރުތައް ވެސް ފަށާފައެވެ. އޭގެ ތެރޭގައި ލިއަމް ވެސް ހިމެނެއެވެ. ގްރޫޕުން ވަކި ނުވާއިރު ވެސް ލިއަމް ވަނީ އެކި ފީޗާ ލަވަތައް ކިޔާފައެވެ. އަދި، 2019 ވަނަ އަހަރުގައި އޭނާ ފުރަތަމަ ސްޓޫޑިއޯ އަލްބަމް "އެލްޕީ1" އޭނާ ވަނީ ނެރެފައެވެ.
ލިއަމް ވަނީ 2017 ވަނަ އަހަރުގައި ބައްޕައަކަށް ވެސް ވެފައެވެ. އޭނާއާއި އޭނާ އެކުގައި އުޅުނު ލަވަކިޔުންތެރިޔާ ޝެރީލް ކޯލްއާ އެކު ދެ މީހުންނަށް ވަނީ ފިރިހެން ދަރިއެއް ލިބިފައެވެ. ޝެރީލްއަކީ ލިއަމް އެކްސް ފެކްޓާގައި އުޅުނުއިރު ފަނޑިޔާރެއްގެ ގޮތުގައި އިން އެކަކެވެ.