އެސްއޯއީތަކުން ލޯން ނެގުމަށާއި އިންވެސްޓްކުރަން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެ

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ޕީސީބީން ވަނީ އެސްއޯއީތަކުން ފިނޭންސް މިނިސްޓްރީގެ ފަރާތުން ބައެއް ހުއްދަތައް ހޯދަން ޖެހޭ ގޮތަށް، ނަމޫނާ ހިންގާ ގަވާއިދެއް ފާސްކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ ހިއްސާވާ ކުންފުނި (އެސްއޯއީ)ތަކުން ލޯނު ނެގުމާއި އިންވެސްޓް ކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އެސްއޯއީތަކުގެ ނަމޫނާ ހިންގާ ގަވާއިދެއް ފާސްކޮށްފިއެވެ.

ޕީސީބީން ބުނީ، އެސްއޯއީތަކުގެ ގަވާއިދު އެއްގޮތް ކުރުމަށް ޓަކައި، ނަމޫނާ ހިންގާ ގަވާއިދު ފާސްކުރީ މިދިޔަ ބުދައިގައި ކަމަށެވެ.

މި ގަވާއިދުގައި ކުރިން އޮންނަ ގޮތުން، އެސްއޯއީތަކުގެ އޮނިގަނޑު އެކުލަވައިލުމާއި، ލޯން ނެގުމާއި އިންވެސްޓް ކުރުމުގެ ކުރިން ހޯދަންޖެހެނީ ޕީސީބީގެ ހުއްދައެވެ. އަދި ކުންފުނީގެ މުވައްޒަފުންނާއި މެނޭޖްމަންޓުގެ މަސައްކަތަށް ބަލައި، ބޯނަސް ޕޭމެންޓެއް ދެވެން އޮންނަނީ ވެސް ޕީސީބީގެ ހުއްދަ ލިބިގެންނެވެ.

މި އުސޫލަށް ގެނައި އިސްލާހާއެކު، ޕީސީބީގެ ބަދަލުގައި ހޯދަންޖެހޭނީ ފިނޭންސް މިނިސްޓްރީގެ ހުއްދައެވެ.

އެސްއޯއީތަކުގެ ހިންގާ ގަވާއިދުގެ ދަށުން، ލޯން ނަގަން ބޭނުންވާ ކުންފުނިތަކުން، ގައިޑްލައިންގައިވާ ކަންކަން ފުރިހަމަކުރުމަށް ފަހު، ކުންފުނީގެ ހިއްސާދާރުންގެ ހުއްދައަށް އެދި ފޮނުވަންޖެހެއެވެ. އަދި ހުއްދަ ލިބުމުން، ކުންފުނީގެ ބޯޑުން ލޯނު ނެގުމަށް ފާސްކުރާތާ ފަސް ދުވަހުގެ ތެރޭގައި ޕީސީބީއަށް އެކަން އަންގަން ޖެހެއެވެ.

މި ގައިޑްލައިނަށް އަމަލުކުރަންޖެހޭ ކުންފުނިތަކުން، ގައިޑްލައިންގައިވާ ކަންކަން ފުރިހަމަކުރުމަށް ފަހު، ހުއްދަ ހޯދުމަށް ފޮނުވަންޖެހޭނީ ފިނޭންސް މިނިސްޓްރީއަށެވެ. ޕީސީބީން އެދިފައިވަނީ އެހެން ދައުލަތުގެ ވިޔަފާރި ތަންތަނުން ވެސް ލޯނު ނެގުމުގައި މި ގަޑްލައިނާ އެއްގޮތަށް ހިއްސާދާރުން ހުއްދަ ހޯދުމަށެވެ.

ޕީސީބީގެ ރައީސް ހަމްދީ އަގީލް: ޕީސީބީން އެސްއޯއީތަކުގެ ނަމޫނާ ހިންގާ ގަވާއިދެއް ފާސްކޮށްފައި -- ފޮޓޯ/ ޓްވިޓާ

"ކޯޑް އޮފް ކޯޕަރޭޓް ގަވަނަންސް ފޯ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް"އަށް އަމަލުކުރުން ލާޒިމުވާ ކުންފުނިތަކުން މި ގޮތަށް އަމަލު ކުރަމުން ގެންދިއުމަށް ޕީސީބީން ވަނީ އަންގައިފައެވެ.

އެސްއޯއީތައް ގިންތިކުރުމާއި، މެނޭޖިން ޑިރެކްޓަރުން، ޗެއާމަނުން އަދި ބޯޑު މެމްބަރުންގެ އިނާޔަތްތައް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުގައި، އަލަށް އުފައްދާ އެސްއޯއީތައް ގިންތިކުރާނެ ގޮތް ސަރީހަކޮށް މީގެ ކުރިން ބަޔާންކޮށްފައެއް ނެތެވެ.

އެހެން ކަމުން ޕީސީބީންވަނީ އެ އުސޫލަށް ވެސް ނުކުތާއެއް އިތުރުކޮށްފައެވެ.

އެ ގޮތުން އަލަށް އުފައްދާ އެސްއޯއީތަކުގެ ގިންތި ކަނޑައަޅާނީ ކުންފުނި އުފައްދާފައިވާ މަގުސަދާއި ކުންފުނީގެ ރައުސުލްމާލަށް ރިއާޔަތްކޮށް، ފިނޭންސް މިނިސްޓްރީގެ ލަފާއާއެކު، ޕީސީބީންނެވެ. ޕީސީބީން ކަނޑައަޅާ ގިންތިއަށް ބިނާކޮށް، އަލަށް އުފައްދާ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންނަށް އިނާޔަތްދޭންވާނީ، މި އުސޫލުގެ ދަށުން ކަމަށް ބުނެފައިވެއެވެ.

ކުންފުނިތައް އަލުން ގިންތި ކުރެވޭނީ، ކުންފުނީގެ ފުރަތަމަ އަހަރު ނިމުމުން، މި އުސޫލުގެ ދަށުން ހަދާ އެސެސްމަންޓުގެ ނަތީޖާއަށް ބެލުމަށް ފަހުގައެވެ.

މި ގައިޑްލައިނާ އެއްގޮތަށް އެސްއޯއީތަކުން އަމަލު ކުރުމަށް ޕީސީބީން ވަނީ އެދިފައެވެ.

މި ގަވާއިދު އެކުލަވައިލީ، ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓާކޮށް، އިވެލުއޭޓް ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މަގުސަދުތައް ހާސިލް ކުރުމަށެވެ. އަދި މި ގަވާއިދުގެ ދަށުން، އެސްއޯއީތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަން ހިންގުން އިތުރަށް ހަރުދަނާ ކުރުމަށެވެ.

comment ކޮމެންޓް