ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާނާ އެކު ބަތަލާ ޕްރިތީ ޒިންތާ ލޯބީގެ ގުޅުމެއް ބޭއްވިކަމުގެ ސުވާލުތައް ސޯޝަލް މީޑިއާގައި ރައްދުވާން ފެށުމުން ޕްރިތީ އެ ކަމަށް ރައްދުދީ ވާހަކަ ދައްކައިފިއެވެ.
މި މަހުގެ 27 ވަނަ ދުވަހު އެކްޓަރު ސަލްމާން ޚާނަށް 59 އަހަރު ފުރުމާ ގުޅިގެން ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު ވަނީ ސަލްމާނަށް އުފަންދުވަހުގެ ތަހުނިޔާގެ މެސެޖުތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުވާފައެވެ.
މިފަދަ ވަރަށް ގިނަ މެސެޖުތަކުން އިންޑަސްޓްރީގެ ގިނަ ބައެއްގެ ހަޔާތުގައި ސަލްމާނަށް ދެވިފައިވާ ޚާއްސަ މަޤާމު ހާމަވެގެންދިޔައިރު އޭގެ ތެރޭގައި ޕްރިތީ ޒިންތާ ވެސް ހިމެނެއެވެ. ސަލްމާންގެ އުފަންދުވަހުގެ ތަހުނިޔާގެ މެސެޖުގައި ޕްރިތީ ބުނެފައިވަނީ ހުރިހާ އެންމެންނަށް ވުރެ ވެސް ބޮޑަށް ސަލްމާން ޚާން ދެކެ އޭނާ ލޯބިވާ ކަމަށެވެ.

ސަލްމާން ޚާން އަދި ބަތަލާ ޕްރިތީ ޒިންތާ ފިލްމު "ހަރް ދިލް ޖޯ ޕިޔާރު ކަރޭގާ"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
ޕްރިތީގެ މި ޕޯސްޓާ ގުޅިގެން ސަޕޯޓަރަކު ވަނީ ބަތަލާ އެއްވެސް އިރަކު ސަލްމާނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުތޯ އަހާފައެވެ. އެ ސުވާލުގެ ޖަވާބުގައި ޕްރިތީ ބުނެފައިވަނީ ސަލްމާނަކީ އޭނާގެ އާއިލާގެ މެންބަރެއްގެ ގޮތުގައި ދެކޭ މީހެއް ކަމަށާއި އެއްވެސް އިރަކު ސަލްމާނާ މެދު އެފަދަ ނަޒަރަކުން ނުދެކޭ ކަމަށެވެ.
ޕްރިތީ ބުނެފައިވަނީ ސަލްމާނަކީ ބަތަލާގެ ހަޔާތުގައި ތިބި މަދު ރަހުމަތްތެރިންގެ ތެރެއިން އެންމެ ގާތް އެއް އެކުވެރިއާ ކަމަށާއި އެއީ މިހާރު ޕްރިތީގެ ފިރިމީހާގެ ވެސް ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށެވެ.
ކުރިން 2000 ގެ އަހަރުތަކުގެ ތެރޭ ޕްރިތީއާއި ސަލްމާން ވަނީ ވަރަށް ރީތި ލޯބީގެ ފިލްމުތައް ބެލުންތެރިންނަށް ގެނެސްދީފައެވެ. އޭގެ ތެރޭގައި "ހަރް ދިލް ޖޯ ޕިޔާރު ކަރޭގާ"، "ޗޯރީ ޗޯރީ ޗުޕްކޭ ޗުޕްކޭ" އަދި "ދިލްނޭ ޖިސޭ އަޕްނާ ކަހާ" ހިމެނެއެވެ.