ބޮލީވުޑްގެ މަޝްހޫރު ތަރިންނާ އެކު އިންޑިއާގެ ސެންސަރު ބޯޑު އަލުން އެކުލަވާލައިފި

ސީބީއެފްސީ އަލުން އެކުލަވާލައި، އެ ބޯޑުގެ އާ ކޮމިޓީއަށް އައްޔަންކުރި މެމްބަރުންގެތެރޭ ހިމެނޭ ބައެއް ފިލްމީ ތަރިން--ފޮޓޯ/އެންޑީޓީވީ

އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ) އަލުން އެކުލަވާލައި، އެ ބޯޑުގެ އާ ކޮމިޓީއަށް ބޮލީވުޑާއި އިންޑިއާގެ ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ހަމަޖައްސައިފިއެވެ.

ސިނެމަޓޯގްރާފް އެކްޓްގެ ދަށުން މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގްއިން ނެރުނު ގަރާރަކުން އާންމުކުރި 18 މެންބަރުންގެ މި ކޮމިޓީއަށް ތިން އަހަރު ދުވަހުގެ މުއްދަތަކަށް އައްޔަންކުރި މަޝްހޫރު ފަންނާނުންގެ ތެރޭގައި ޕްރިތީ ޒިންތާ، ޕަންކަޖް ތުރިޕާތީ، ސުނިލް ޝެޓީ އަދި ބެންގޯލީ ސިނަމާގެ މަޝްހޫރު އެކްޓަރު ޕްރޮސެންޖިތު ޗެޓަޖީ ހިމެނެއެވެ.

މީގެ އިތުރުން މަނޯޖް ޖޯޝީ، އަބީޝެކް ޖައިން، ގްރެމީ އެވޯޑް ހޯދާފައިވާ މިއުޒިކް ކޮމްޕޯޒަރު ރިކީ ކޭޖް، ފިލްމީ ދާއިރާގެ މަޝްހޫރު ޑައިރެކްޓަރު ޕްރިޔަދަރުޝަން، ހަންސްރާޖް ހަންސް، ސުޕްރިޔާ ޔާރްލަގައްޑާ، ޔަތީންދުރަ މިޝްރާ، ނީލާ މަދަބް ޕާންޑާ، ނިޝިގަންދާ ވަޑް، ވާމަން ކެންޑްރޭ އަދި ރާމޭޝް ޕަޓާންގޭ ވެސް ވަނީ މި ބޯޑުގައި ހިމަނާފައެވެ. އަދި ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)އަށް ނިސްބަތްވާ ބޮލީވުޑްގެ ބަތަލާ ރޫޕާ ގަންގޫލީ ވެސް މި ލިސްޓުގައި ހިމެނެއެވެ.

ސަރުކާރުން ނެރުނު އެންގުމުގައިވާ ގޮތުން، ސިނެމަޓޯގްރާފް (ސެޓިފިކޭޝަން) ރޫލްސް 2024އަށް ރިއާޔަތްކޮށް، ސެންސަރު ބޯޑު އަލުން އެކުލަވާލާފައިވަނީ ވަގުތުން ވަގުތަށް އަމަލުކުރަން ފަށާ އާ ޤަވައިދާއެކު ތިން އަހަރުގެ މުއްދަތަށެވެ. ނަމަވެސް، ސަރުކާރުން ބޭނުންވެއްޖެ ހާލަތެއްގައި އެއަށްވުރެ ކުރިން ވެސް ބޯޑުގެ މުއްދަތަށް ބަދަލުުގެނެވިދާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ސީބީއެފްސީ އަލުން އެކުލަވާލައި، އެ ބޯޑުގެ އާ ކޮމިޓީއަށް އައްޔަންކުރި މެމްބަރުންގެތެރޭ ހިމެނޭ ރޫޕާ ގަންގޫލީ--ފޮޓޯ/އެންޑީޓީވީ

މި ބަދަލު އައިސްފައިވަނީ ސެންސަރު ބޯޑުގެ މަސައްކަތްތަކަށް ބޮޑު ހުއްޓުމެއް އައިސްފައި އޮތް ދިގު މުއްދަތަކަށް ފަހުއެވެ. ސީބީއެފްސީ އެންމެ ފަހުން ރަސްމީކޮށް އަލުން އެކުލަވާލާފައިވަނީ 2017 ވަނަ އަހަރުގެ އޯގަސްޓް މަހުއެވެ. އެއަށްފަހު، ފާއިތުވި ހަ އަހަރުގެ ތެރޭގައި ބޯޑުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މި މަހުގެ ކުރީކޮޅުގައެވެ. އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ފިލްމުތަކަށް ސެޓިފިކެޓް ދިނުމުގެ މާހައުލު ހަރުދަނާކުރުމާއި، ރިވައިޒިން ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތްތަކާ މެދުގައެވެ.

ފިލްމީ ދާއިރާގެ އުފެއްދުންތައް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ސެންސަރު ބޯޑަކީ އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް މުއައްސަސާއެވެ. ފިލްމުތަކުގެ އުފެއްދުންތެރިކަމާއި އިޖުތިމާއީ މިންގަނޑުތަކުގެ މެދުގައި ހަމަހަމަކަން ހިފެހެއްޓުމަށްޓަކައި ބޯޑުގެ ނިންމުންތަކަށް ފިލްމީ ދާއިރާއިން ވަރަށް ބޮޑަށް ބަރޯސާވެއެވެ. އެހެންކަމުން، މި ދާއިރާގެ ތަޖުރިބާކާރު ފަންނާނުންނާއެކު ބޯޑު އަލުން ހަރަކާތްތެރިވާން ފެށުމަކީ ފިލްމު ސެޓިފިކޭޝަންގެ މަރުހަލާތައް އަވަސްވެ، އުފެއްދުންތެރިންނާއި ސެންސަރު ބޯޑާ ދެމެދު އޮންނަ އިތުބާރު ބޮޑުވެގެންދާނެ ކަމެކެވެ.

comment ކޮމެންޓް