އިނގިރޭސިވިލާތުގެ ސިލްވަސްޓޯންގައި ދާދިފަހުން ބޭއްވި 'ލެ މާންސް' ރޭސިންގް މުބާރާތުގެ ތެރެއިން، ދެކުނު އިންޑިއާގެ މަޝްހޫރު ބަތަލާ ތުރިޝާ ކްރިޝްނަން އާއި ތަމިލްނާޑޫގެ ޗީފް މިނިސްޓަރު އަދި އެކްޓަރު ސީ ޖޯސެފް ވިޖޭ އެކުގައި ފެނުމުން، ދެ ތަރިންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަށް ކުރީގެ މަޝްހޫރު ބަތަލާ އަމްބިކާ ރައްދުދީފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު އޮތް މި ރޭސިންގް ހަރަކާތުގައި ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު އަޖީތު ކުމާރު ވާދަކޮށްފައިވެއެވެ. އެ މުބާރާތް ބަލަން ތިބި ތުރިޝާއާއި ވިޖޭގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވުމާއެކު، ފާޑުކިޔާ ފަރާތްތަކުން ވަނީ ދެ ތަރިންގެ ގުޅުމާ މެދު އަނެއްކާވެސް ބޮޑެތި ސުވާލުތަކެއް އުފައްދާފައެވެ.
މިކަމާ ގުޅިގެން 'ރެޑްޕިކްސް'އަށް ދިން އިންޓަވިއުއެއްގައި އަމްބިކާ ބުނީ، އާންމުންގެ ފާޑުކިޔުން އަމާޒުވެދާނެ އަދި އެކުވެރިއެއްގެ އަބުރަށް އުނިއެރުން އެކަށީގެންވާ ފަދަ ކަންކަމުން އަމިއްލައަށް ދުރުހެލިވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އޭނާ އެފަދަ މަގާމެއްގައި ހުރިނަމަ، ފާޑުކިޔުންތަކުން ދުރުވުމަށްޓަކައި އެފަދަ ކަންކަން ކުރުމުން ދުރުހެލިވާނެ ކަމަށް އަމްބިކާ ފާހަގަކުރިއެވެ.
މި އަހަރުގެ މާޗު މަހު އޮތް ކައިވެނި ހަފްލާއެއްގައި ވިޖޭ އާއި ތުރިޝާ--ފޮޓޯ/އެންޑީޓީވީ އަމްބިކާ އިތުރަށް ބުނި ގޮތުގައި، ދެ ތަރިންގެ ދިފާއުގައި ސަޕޯޓަރުން އަބަދު ވާހަކަދައްކަން ޖެހުމުން އެމީހުންވެސް މާޔޫސްވާނެއެވެ. އަދި އެކުވެރިކަމަށް ގަދަރުކުރާނަމަ އާންމުންގެ ތެރެއަށް ނުކުމެ އުޅުމުގައި، ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއް ބަހައްޓަންޖެހޭނެ ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން، ކުރިން އޭނާ ދެއްކި ވާހަކައަކަށް ރައްދުދީ ތުރިޝާގެ ދިފާއުގައި ވާހަކަދެއްކި ފަރާތްތަކަށް އިޝާރާތްކޮށް، އަމްބިކާ ވަނީ 80ގެ އަހަރުތަކުގެ ތުރިޝާ އާއި ވިޖޭއަކީ ކޮބައިކަމާމެދު ސުވާލު އުފައްދައި، އާންމުންގެ ފާޑުކިޔުންތަކަށް ރައްދުދީފައެވެ.
ވިޖޭ އާއި ތުރިޝާގެ މެދުގައި ސިއްރު ލޯބީގެ ގުޅުމެއް އޮތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ތުހުމަތުތައް ގަދަވާން ދިމާވި މައިގަނޑު ސަބަބަކީ، ވިޖޭގެ އަނބިމީހާ ސަންގީތާ ސޯނަލިންގަމް ވަރިވާން ހުށަހެޅި މައްސަލައިގައި، އިތުރު ބަތަލާއަކާއެކު ވިޖޭ ލޯބީގެ ގުޅުމެއް ބާއްވަމުން އަންނަ ކަމުގެ ތުހުމަތުތަކެއް ހިމެނުމުންނެވެ. އެއާއެކު، ސޯޝަލް މީޑިއާގައި ފާޑުކިޔާ ފަރާތްތަކުން ވަނީ ދެ ތަރިން އެކުގައި އެކި ހަފްލާތަކުން ފެންނަ ފެނުންތަކަށް އިޝާރާތްކޮށްފައެވެ.
އެގޮތުން، މި އަހަރުގެ މާޗު މަހު އޮތް ކައިވެނި ހަފްލާއެއްގައި ދެ ތަރިން އެކީގައި ބައިވެރިވުމާއި، ބަތަލާ ކީރްތީ ސުރޭޝްގެ ކައިވެނީގައި އެކުގައި ބައިވެރިވުމުގެ އިތުރުން، ތުރިޝާގެ ސޯޝަލް މީޑިއާ ޕޯސްޓުތަކުން ވިޖޭ ފެންނަ ފެނުންތަކަކީ ދެ ތަރިންގެ މެދުގައި އާދައިގެ އެކުވެރިކަމަކަށްވުރެ ބޮޑު ގުޅުމެއް އޮތްކަމުގެ ހެކިތަކެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބަހުސްތައް ވަނީ ފެށިފައެވެ.
މި ހުރިހާ އަޑުތަކެއް ގަދަވެފައިވާއިރު، ވިޖޭއާއި ތުރިޝާގެ ފަރާތުން ފެންނަނީ މީޑިއާގެ ސުވާލުތަކަށް ސީދާ ވާހަކަނުދައްކައި، އަމިއްލަ ދިރިއުޅުމުގެ ކަންކަން ސިއްރުގެ ގޮތުގައި ހިފެހެއްޓުމުގެ ސިޔާސަތެކެވެ.
އެގޮތުން، އަމިއްލަ ދިރިއުޅުމާ ގުޅޭގޮތުންނާއި ތުރިޝާއާއެކު އޮތް ގުޅުމާ ބެހޭގޮތުން ނޫސްވެރިން ކުރާ ސީދާ ސުވާލުތަކަށް ވިޖޭ އެއްވެސް ވަރަކަށް ޖަވާބެއް ނުދެއްވައެވެ. ފިލްމީ ކަންކަމާއި ކައިވެނީގެ ވާހަކަތަކާ ގުޅިގެން ފެތުރޭ ދޮގު ޚަބަރުތައް ސޯޝަލް މީޑިއާގައި ތުރިޝާ ދޮގުކުރި ނަމަވެސް، ވިޖޭއާއެކު އޮތް ގުޅުމާ މެދު އޭނާވެސް ގެންގުޅެނީ ހިމޭންކަމުގެ ސިޔާސަތެކެވެ. ކަންކަން ސާފުކޮށްދޭން އުޅުމަށްވުރެ ހިމޭނުން ހުރުމުގެ ފައިދާ ބޮޑުކަން އަންގައިދޭ މާނައެއް އެކުލެވޭ އިބާރާތްތަކެއް އޭނާ ވަނީ އިންސްޓަގްރާމްގައި އާންމުކޮށްފައެވެ.
މީގެ އިތުރުން، ސިޔާސީ މައިދާނުގައި އަންހެނުންނަށް ކުރެވޭ ހަނގާކުރުންތަކާ ދެކޮޅަށް ވިޖޭ ފާޅުގައި ވާހަކަދެއްކެވި ނަމަވެސް، އޭނާގެ ވާހަކަތައް އަބަދުވެސް އަމާޒުކުރައްވަނީ އަންހެނުންގެ ކަރާމަތާއި ގަދަރާ ގުޅޭގޮތުންނެވެ.
މި ހުރިހާ ތުހުމަތުތަކަކާއި ފާޑުކިޔުންތަކެއް ސޯޝަލް މީޑިއާގައި ބޮޑުވެފައިވީ ނަމަވެސް، ވިޖޭ ނުވަތަ ތުރިޝާވެސް މިކަމާ ގުޅޭގޮތުން ރަސްމީކޮށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. އަދި ސަންގީތާވެސް ފަހުން ވަނީ ވަރިވާން ހުށަހެޅި މައްސަލަ އަނބުރާ ނަގާފައެވެ.