ކޯޓު އަމުރެއްގެ ދަށުން މޫކޭއާއި ޔާސިރު ފުރުން މަނާކޮށްފި

ފެބްރުއަރީ 17، 2020: އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، މޫސާ އަލިމަނިކު (މޫކޭ) މާލޭ ސިޓީ ސްޓްރީޓްސްކޭޕިން މަޝްރޫއު އިފްތިތާހު ކުރުމަށް ވެސްޓް ޕާކް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، މޫސާ އަލިމަނިކު (މޫކޭ)އާއި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު، ޔާސިރު ހަސަން ފުރުން މަނާކޮށްފިއެވެ.

ފުލުހުން ބުނީ، ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މި މީހުންގެ ފުރުން މަނާކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި އެކަން އެ ދެ މީހުންނަށް ވެސް އަންގާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކަކާ ގުޅިގެން ފުލުހުންވަނީ މޫކޭއާއި ޔާސިރުގެ ގެ ވެސް ބަލައިފާސްކޮށްފައެވެ. އަދި އެ ތަންތަން ބަލައި ފާސްކޮށް, އިލެކްޓްރޯނިކް އައިޓަމްސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

https://sun.mv/200746

އާރުޑީސީއަކީ އެމްޑީޕީގެ ވެރިކަމުގައި ގިނަ ހިޔާނާތްތަކެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ ކުންފުންޏެކެވެ. އެ ވެރިކަން ނިމުނުއިރު އެ ކުންފުނި އޮތީ ވަރަށް ބޮޑަށް ދަރައިފައެވެ.

އާރްޑީސީގެ މިހާރުގެ މެނޭޖުމަންޓުން ބުނިގޮތުގައި މި ސަރުކާރުން ކުންފުންޏާ ހަވާލުވީއިރު އެ ކުންފުނީގެ ދަރަނި 837 މިލިއަން ރުފިޔާއަށް އަރައެވެ. އަދި ދެ އަހަރުގެ މުއްދަތުގައި އެއްވެސް ޓްރާންސެކްޝަން ސްލިޕެއް ނެތި އެކި ފަރާތްތަކަށް 161 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެމްޑީޕީގެ ވެރިކަމުގައި އެ އޮފީހުގެ ފައިސާ ތިޖޫރީ ގެއްލުމާއި، އާރްޑީސީގެ އޮފީހުން ވައްކަން ކުރުން ފަދަ އެތައް މައްސަލައެއް ވެސް ވަނީ ހިނގައިފައެވެ.

ކޮރަޕްޝަންގެ މައްސަލަ ތަހުގީގުކުރުމަށް ޓަކައި މިދިޔަ އަހަރުގެ ނޮވެމްބަރު 15 ގައި ފުލުހުން ވަނީ އާރްޑީސީ އޮފީސްތެރެއަށް ވަދެ، ގިނަ އަދަދެއްގެ ލިޔެކިޔުންތައް ގެންގޮސްފައެވެ.

މިވަގުތު ފުލުހުންގެ އިތުރުން އޭސީސީއިން ވެސް ގެންދަނީ އާރްޑީސީގެ ކޮރަޕްޝަންގެ މައްސަލަ ބަލަމުންނެވެ.

comment ކޮމެންޓް