ބުރާސްފަތި ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސައިކަލަކާއި ފުލުސް ކާރެއް ޖެހި، ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ލައިސެންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް އެފަދަ ލިޔުމެއް ނެތް ކަމަށް އެ ކުއްޖާގެ އާއިލާއިން ބުނެފިއެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، އެ އެކްސިޑެންޓް ހިނގީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ގުލްއަލްމާ މަގުގެ އިރުން ހުޅަނގަށް ނިރޮޅު މަގު ހުރަސްކުރަމުންދިޔަ ފުލުހުންގެ ކާރެއްގައި، ނިރޮޅު މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެންނެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައިވަނީ ސައިކަލު ދުއްވީ، އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާ ޚިލާފުވެގެން މިމަހުގެ 21ގައި ލައިސެންސް ހިފަހައްޓާފައިވާ މީހެއް ކަމަށެވެ.
އެ އެކްސިޑެންޓުގައި 18 އަހަރުގެ އެ ޒުވާނާއަށް އަނިޔާވެ ހާލު ސީރިއަސްވުމުގެ ސަބަބުން ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު، އައިޖީއެމްއެޗަށް ބަދަލުކޮށް މިހާރު ފަރުވާދެނީ ވެންޓިލޭޓަރުގައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އެ ޒުވާނާގެ ބައްޕަ އިބްރާހިމް ޝިހާމް މިއަދު "ސަން"އަށް ބުނީ، ދަރިފުޅު ލައިސެންސް ހިފެހެއްޓީ މޮޑިފައިކޮށްފައިވާ ސައިކަލެއް ދުއްވި މައްސަލައެއްގައި ކަމަށެވެ. އެއީ ކުއްޖާގެ އެކުވެރިއެއްގެ ސައިކަލެއް ކަމަށާއި އެ ސައިކަލު ފުލުހުން ޓޯކޮށްފައިވާ ކަމަށް ޝިހާމް ބުންޏެވެ.
އެ ސައިކަލު ޓޯކުރި ކަމުގެ ލިޔުން ލިބުނު ނަމަވެސް، ދަރިފުޅުގެ ލައިސެންސް ހިފެހެއްޓި ކަމުގެ ލިޔުމެއް ނުދޭ ކަމަށް އޭނާ ބުންޏެވެ.
"ދަރިފުޅަށް ނެތް ލައިސެންސް ހިފެހެއްޓިކަމުގެ އެއްވެސް ލިޔުމެއް އެއްޗެއް ދީފައެއް. އެކަމަކު އޭނާ ދުއްވި ސައިކަލުގެ ވެރިފަރާތަށް ސައިކަލް ޓޯ ކުރިކަމަށް ލިޔުން ފޮނުވާފައި އެބަވޭ. އެހެންވީމަ ލިޔުމަކުންނެއް އަންގާފައެއް ނުވޭ. ފުލުހުންގެ ބަޔާނުގައި އެގޮތަށް އޮތީމައި އެއީ ދޮގު މައުލޫމާތެއްނު،" ޒުވާނާގެ ބައްޕަ ބުންޏެވެ.
ޝިހާމް ބުނީ އެކްސިޑެންޓުގައި ކުއްޖާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އަދިވެސް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ.
އެހެންކަމުން މިދަނޑިވަޅުގައި ދަރިފުޅު ބަދުނާމުވާ ގޮތަށާއި ހަގީގަތް އޮޅޭ ގޮތަށް އެއްވެސް ފަރާތަކުން މައުލޫމާތު ނުފެތުރުމަށް އޭނާގެ ބައްޕަ ވަނީ އެދިފައެވެ.
ފުލުހުން ވަނީ އެފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެކްސިޑެންޓްތައް ހުއްޓުވުމަށާއި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ ވަސީލަތްތަކަކާއެކު މަސައްކަތްތަކެއް ވެސް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
މީގެ އިތުރުން އެކްސިޑެންޓުވި ވަގުތު ކާރު ދުއްވަންއިން ފުލުސް މީހާގެ އެއްވެސް އިހުމާލެއް ވޭތޯ ބަލަން ތަހުގީގެއް ހިންގާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.