ސައިކަލު ދުއްވީ ލައިސެންސް ހިފަހައްޓައިފައި އޮތް މީހެއް؛ ޕޮޮލިސް ކާރު ދުއްވި އޮފިސަރުގެ އިހުމާލެއް ވޭތޯ ބަލަނީ

ފުލުސް ކާރަކާއި ސައިކަލެއް އެކްސިޑެންޓުވެފައި: އެކްސިޑެންޓުގައި ކާރު ދުއްވި ޕޮލިސް މީހާގެ އިހުމާލެއް ވޭތޯ ފުލުހުން ދަނީ ބަލަމުން -- ސަން ފޮޓޯ/ މޫސާ ނަދީމް

ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސައިކަލަކާއި ފުލުސް ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި ކާރު ދުއްވަންއިން ފުލުސް މީހާގެ އެއްވެސް އިހުމާލެއް ވޭތޯ ތަހުގީގުގެ ތެރެއިން ބަލަމުން ދާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މިކަމާ ގުޅުވައި ފުލުހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ވަނީ މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވާފައި ވަނީ، އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާ ޚިލާފުވެގެން މި މަހުގެ 21 ވަނަ ދުވަހު ލައިސެންސް ހިފަހައްޓާފައިވާ މީހެއް ކަމަށް ބުނެފައެވެ.

އަދި މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަކީ ފުލުހުން ކަންބޮޑުވާ ކަމެއް ކަމަށާއި އެކްސިޑެންޓްތައް ހުއްޓުވުމަށާއި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ ވަސީލަތްތަކަކާ އެކު ގިނަ މަސައްކަތްތަކެއް ވެސް ކުރެވެމުން ދާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

https://sun.mv/200755

އަދި މި އެކްސިޑެންޓް ހިނގުމުގައި ފުލުހުންގެ އުޅަނދު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ތަހުގީގުގެ ތެރެއިން ބަލަމުން ދާކަމަށާއި ނުރައްކާތެރި އެކްސިޑެންޓްތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ދޭކަމަށް ފުލުހުން ބުންޏެވެ.

ރޭ ދަންވަރު، 01:50 ހާއިރު ހުޅުމާލެ ފޭސް ދޭއްގައި ހިނގާދިޔަ މި ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 18 އަހަރުގެ ޒުވާނަކަށެވެ. އޭނާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ.

ފުލުހުން އޭރު "ސަން" އާ ހިއްސާކުރި މެސެޖުގައި ބުނީ، އެ އެކްސިޑެންޓް ހިނގައިދިޔައީ ގުލްއަލްމާ މަގު އިރުން ހުޅަނގަށް، ނިރޮޅު މަގު ހުރަސްކުރި ވަގުތު، ބާރު ސްޕީޑުގައި ނިރޮޅު މަގުން އުތުރުން ދެކުނަށް ދުއްވާފައި އައި ސައިކަލުގައި ޖެހި ކަމަށެވެ.

comment ކޮމެންޓް