ޑާކްރެއިންގެ ރޯލީމޭ އަންނަ ހޯމަ ދުވަހު

ޑާކްރެއިން އެންޓަޓެއިންމެންޓުން ނެރެން ތައްޔާރުވަމުން އަންނަ ވެބް ޝޯ "ރޯލީމޭ" އަންނަ ހޯމަ ދުވަހު ދައްކަން ފަށަން ތައްޔާރުވެއްޖެއެވެ.

ޑާކްރެއިންއިން ރޯލީމޭ އިއުލާނުކޮށްފައިވަނީ އެ ކުންފުންޏަށް 15 އަހަރު ފުރުމާ ގުޅިގެން މިދިޔަ އަހަރު އިއުލާނުކުރި ޕްރޮޖެކްޓުތަކުގެ ތެރެއިންނެވެ. ޑާކްރެއިންއިން މިދިޔަ އަހަރު ވަނީ އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ހަތަކަށް ވުރެ ގިނަ ޕްރޮޖެކްޓު އިއުލާނުކޮށްފައެވެ. އޭގެ ތެރޭގައި ރޯލީމޭ ވެސް ހިމެނެއެވެ.

ރޯލީމޭ އެންމެ ފުރަތަމަ އިއުލާނުކުރިއިރު މި ޝޯއަށް ދީފައިވާ ނަމަކީ "ގިސް"އެވެ. ނަމަވެސް، ޕްރޮޑަކްޝަންގެ ތެރެއިން ޝޯގެ ނަން ރޯލީމޭއަށް ބަދަލުކޮށްފައިވެއެވެ. ހޯމަ ދުވަހު މި ޝޯ ސްޓްރީމިން މެދުވެރިކޮށް ދެއްކުމަށް ހަމަޖެހިފައިވާއިރު މި ޝޯ ދައްކާނީ އެމްއެސްވީޑިއޯ ކްލަބުންނެވެ.

https://www.instagram.com/p/DDte2eapenT

ލޯބީގެ މި ޑްރާމާ ޝޯގެ ޕްލޮޓާ ގުޅޭގޮތުން މާ ގިނަ މައުލޫމާތުތަކެއް ހާމަކޮށްފައިނުވި ނަމަވެސް ހޯމަ ދުވަހުގެ ޕްރިމިއާ އެޕިސޯޑުން މި ޝޯގެ މައިގަނޑު ތީމު އެނގޭނެއެވެ.

ރޯލީމޭގެ ސްކްރިޕްޓް މަސައްކަތްކޮށްފައިވަނީ ޝަހުދާ މަމްދޫހެވެ. ޑާކްރެއިންއިން ދާދި ފަހުން އޮލިމްޕަހުގައި ދެއްކި "ބިބީ"ގެ ސްކްރިޕްޓް ވެސް ލިޔެފައިވަނީ ޝަހުދާއެވެ. މި ޝޯ ޑައިރެކްޓްކޮށްފައިވަނީ އަލީ ޝިފާއެވެ.

މި ޝޯގެ ކާސްޓުންގެ ގޮތުގައި ހިމެނެނީ ޝަރަފު އަބްދުﷲއާއި މަރިޔަމް މަޖުދާ (މަޖޫ)އާއި މޫސާ އަލީފްގެ އިތުރުން ނުޒުހަތު ޝުއައިބް (ނުޒޫ) އާއި ރޯނު ހަސަން މަނިކެވެ. އޭގެ އިތުރުން، އައިމިނަތު ޝުހާއާއި ޝީލާ ނަޖީބް އަދި މަރިޔަމް ހަލީމް ވެސް މި ޝޯއިން ފެންނާނެއެވެ.

ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހުގެ ރޭ އާ އެޕިސޯޑު ނެރުމަށް ހަމަޖެހިފައިވާ ރޯލީމޭއަކީ 15 އެޕިސޯޑުގެ ޝޯއެކެވެ.

comment ކޮމެންޓް