ޖިންސީ ފުރައްސާރައިގެ އިތުރުން ބަތަލާ ބްލޭކް ލިވްލީގެ އަގު ވައްޓާލުމަށް ބޮޑު ކެމްޕޭނެއް ހިންގި ކަމަށް ބުނެ ފިލްމު "އިޓް އެންޑްސް ވިތު އަސް"ގެ އެކްޓަރު ޖަސްޓިން ބަލްޑޯނީއާ ދެކޮޅަށް ބްލޭކް ގާނޫނީ މައްސަލައެއް ހުށަހަޅައިފިއެވެ.
ޖަސްޓިން އަކީ މި އަހަރުގެ އޮގަސްޓް މަހު ރިލީޒްކުރި ފިލްމު "އިޓް އެންޑްސް ވިތު އަސް"ގެ އެކްޓަރުގެ އިތުރުން އެ ފިލްމުގެ ޑައިރެކްޓަރު ވެސް މެއެވެ. މިދިޔަ ހުކުރު ދުވަހު ކެލިފޯނިއާގެ ސިވިލް ރައިޓްސްއަށް ބްލޭކްގެ ފަރާތުން ހުށަހެޅި މި މައްސަލައިގައި ބަތަލާ ބުނެފައި ވަނީ ފިލްމުގެ ޝޫޓިންގް ކުރިއަށްދިޔަ ދުވަސްވަރު ޖަސްޓިން އާއި އޭނާގެ ޓީމުގެ ފަރާތުން ބްލޭކްއަށް ވަރަށް ގިނަ ގޮތްގޮތުން ގޯނާކޮށް އުނދަގޫތަކެއް ކުރިމަތި ކުރުވި ކަމަށެވެ.
ބަލްޑޯނީގެ އިތުރުން ފިލްމުގެ ޕްރޮޑިއުސަރުގެ ފަރާތުން ވެސް ބްލޭކްއަށް ޖިންސީ ފުރައްސާރައިގެ އިތުރުން ތަކުރާރުކޮށް އެހެނިހެން އުނދަގޫތައް ފިލްމު ސެޓުގައި ކޮށްފައިވާ ކަމަށް ލީގަލް ފައިލިންގްގައި ވަނީ ބުނެފައެވެ.
މި މައްސަލަތައް ހައްލުކުރުމަށް ފިލްމުގެ ޕްރޮޑިއުސަރުންނާ އެކު ބޭއްވި ބައްދަލުވުންތަކުގައި ބްލޭކްގެ ފިރިމީހާ މަޝްހޫރު ހޮލީވުޑް އެކްޓަރު ރަޔަން ރޮނަލްޑްސް ބައިވެރިވެފައި ވާއިރު މި ދައުވާގައި ބުނާގޮތުން ބްލޭކްގެ އިތުރުން ފިލްމު ކާސްޓުގައި އަދި ކްރޫގައި މަސައްކަތްކުރާ އެހެން އަންހެނުންނަށް ވެސް ފުރައްސާރައާ ކުރިމަތިލާން ޖެހުނެވެ.
މި ދައުވާތަކާ ގުޅިގެން އެކްޓަރު ޖަސްޓިން ބަލްޑޯނީގެ ގާނޫނީ ޓީމުން ބީބީސީއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ޖަސްޓިންއަށް ތުހުމަތުކޮށް ބްލޭކް ކޮށްފައިވާ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގު ތުހުމަތުތަކެއް ކަމަށާއި ފިލްމަށް ކްރައިސިސް މެނޭޖަރެއް ހަމަޖެއްސީ ވެސް ބްލޭކްގެ ފަރާތުން ކުރި ޑިމާންޑުތައް ފުރިހަމަ ނުކޮށްފިނަމަ ފިލްމު ފެއިލް ކޮށްލާނެ ކަމަށް ބުނެ އިންޒާރުތައް ދިނުމުން ކަމަށެވެ.
މި ދެ ތަރިންގެ ގުޅުން ގޯސްވުމުގެ ސަބަބުން މި އަހަރުގެ އޮގަސްޓް މަހު ރިލީޒްކުރި މި ފިލްމުގެ ޕްރޮމޯޝަންތަކުގައި ވެސް ބްލޭކް ބައިވެރިވެފައި ވަނީ ވަކިންނެވެ. އަންހެނަކަށް އަނިޔާވެރި ލޯބިވެރިއެއްގެ ފަރާތުން ދިމާވާ ގެވެށި އަނިޔާތަކަށް ކެތް ނުވެ, ފަހުން ކައިވެނި ރޫޅާލުމަށްފަހު ދިރިއުޅުމާއިގެން ކުރިއަށް ދާ އަންހެނެއްގެ ރޯލްއިން ބްލޭކް ފެންނަ "އިޓް އެންޑްސް ވިތު އަސް" އަކީ ރީތި ލޯބީގެ ވާހަކަ ލިޔުންތެރިޔާ ކުލީން ހޫވާ ލިޔފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމެކެވެ.
މި ފިލްމަކީ ކާމިޔާބު ފިލްމަކަށް ވާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރި ފިލްމެއް ނަމަވެސް ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ފިލްމަށް ލިބިފައެއް ނުވެއެވެ.