ކ. ހުރާގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި މީހުން ދިރިއުޅޭ ގެއެއް ބޭނުން ނުކުރެވޭ ވަރަށް އަނދައި، އެ ގޭގައި ދިރިއުޅެމުންދިޔަ 15 މީހުން ހާލުގައި ޖެހިއްޖެއެވެ.
މި ހާދިސާގައި އެ ގޭގައި ދިރިއުޅޭ މީހެއްގެ އެއް އަތް ފިހިގެން ފަރުވާ ދީފައިވާ ކަމަށް, ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެއެވެ.
ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި އަލިފާން ރޯވާން ދިމާވި ސީދާ ސަބަބެއްވެސް އަދި ކަށަވަރެއް ނުވެއެވެ.

އެންޑީއެމްއޭއިން ބުނިގޮތުގައި، މި ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު 15 މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން މިހާރު ވަނީ ފަށާފައެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ހުރާ ކައުންސިލާ ގުޅިގެންނެވެ.
މިފަދަ ހާދިސާތަކުގައި ގެއްލުންވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަކީ އެންޑީއެމްއޭއިން އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. މި ހާދިސާގައި ލިބުނު މާލީ ގެއްލުމުގެ ތަފްސީލު ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އިތުރަށް ބަލައި ވަޒަންކުރަމުންނެވެ.
މި ފަހަކަށް އައިސް އަނެއްކާ ވެސް ބޮޑެތި އަލިފާނުގެ ހާދިސާތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހިނގުން މިވަނީ އާއްމުވެފައެވެ.