ނޭޝަނަލް ޑްރަގު އޭޖެންސީ (އެންޑީއޭ)އިން ޑުރަގު ކޯޓަށް ލަފާދިނުމަށް އެކުލަވައިލަންޖެހޭ ޓެކްނިކަލް ކޮމިޓީއަށް މެންބަރުން އައްޔަނު ކޮށްފިއެވެ.
އެ އިދާރާއިން ބުނީ، މި ކޮމިޓީއަށް މެންބަރުން އައްޔަންކުރީ، މިދިޔަ އޮކްޓޫބަރު 30ގައި ކަމަށެވެ. އެންޑީއޭއިން ވަނީ، އެ ކޮމިޓީ އެކުލެވިގެންވާ ގޮތް ހާމަކޮށްފައެވެ.
ޓެކްނިކަލް ކޮމިޓީގައި ހިމެނެނީ:
- ޗެއާޕާސަން - އެންޑީއޭގެ ޑެޕިއުޓީ ޑިރެކްޓަރު، ޖެނެރަލް އަބްދުﷲ ފަސީހް
- ވައިސް ޗެއާޕާސަން - ކައުންސިލަރު، ޝަމާ ނަސީރު
- އެސިސްޓެންޓް ޑިރެކްޓަރު - އާއިޝަތު ޝިއުނާ
- އެސިސްޓެންޓް ޑިރެކްޓަރު - އަލީ ރިޔާޒު
- އެސިސްޓެންޓް ޑިރެކްޓަރު - ފާތިމަތު ސާނިހާ ސޯލިހް
- ލީގަލް އޮފިސަރު - އަހްމަދު ހިލްމީ
- ސީނިއާ ޕްރޮގްރާމް ކޯޑިނޭޓަރު - ހައްވާ އަގުލާ އަހްމަދު
- ޕްރޮގްރާމް އޮފިސަރު - މަރިޔަމް އާދަމް
- އެސިސްޓެންޓް ކައުންސިލަރު - އަހްމަދު ފިރާގް
- އެސިސްޓެންޓް ކައުންސިލަރު - އާމިނަތު ރިޔާޒާ
- ޑިރެކްޓަރު - މަރިޔަމް އަސްރާ
މި ޓެކްނިކަލް ކޮމިޓީއަކީ އެންޑީއޭގެ ފަރާތުން ޑުރަގު ކޯޓަށް ލަފާދިނުމަށް ޓަކައި އުފައްދަން ގާނޫނުގައި ބުނެފައިވާ ޓީމެވެ. ގާނޫނުގައި ބުނެފައި އޮންނަނީ، އެ ފަދަ ޓީމުތަކުގެ ޚިދުމަތް މެދުކެނޑުމެއްނެތި ޑުރަގު ކޯޓަށް ލިބޭނެ އިންތިޒާމު އެންޑީއޭއިން ހަމަޖައްސަން ޖެހޭނެ ކަމަށެވެ.

އެންޑީއޭއިން އެކުލަވާލި ޓެކްނިކަލް ކޮމިޓީ: މިއީ ޑުރަގު ކޯޓަށް ލަފާދިނުމަށް އެކުލަވައިލަންޖެހޭ ޓެކްނިކަލް ކޮމިޓީއެއް -- ފޮޓޯ/ އެންޑީއޭ
ގާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޑުރަގު ކޯޓަށް ބޭނުންވާ މުވައްޒަފުން އެންޑީއޭއިން އައްޔަންކޮށް ނިންމަން ޖެހެއެވެ.
އެންޑީއޭއަށް ގާނޫނުން މަތިކޮށްފައި އޮންނަ އެއް ޒިންމާއަކީ، މަސްތުވާތަކެތީގެ މައްސަލައެއް ޑްރަގު ކޯޓުން ބެލުމުގައިއާއި އެ ފަދަ މައްސަލަތަކުގައި އަދަބު ކަނޑައެޅުމުގެ އިތުރުން، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާގެ ޕްރޮގްރާމްރައް ކަނޑައެޅުމުގައި ޑުރަގު ކޯޓަށް ލަފާދިނުމެވެ.
ޑުރަގު ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ބާވަތްތަކާއި މައްސަލަތައް ނިމުނު ގޮތުގެ އިތުރުން، ފަރުވާއަށް ފުރިހަމަކުރި މީހުންނާއި ނުކުރާ މީހުންގެ މައުލޫމާތަކީ، އެ ކޯޓުން އަހަރަކު އެއްފަހަރު ރިޕޯޓެއް އެކުލަވާލައި، ޑުރަގު ކައުންސިލަށް ހުށަހަންޖެހޭ މައުލޫމާތެވެ. އެ ރިޕޯޓުގައި މައްސަލަތައް ނިންމުމަށް ހޭދަވީ ވަގުތާއި އިދާރީ ގޮތުން ހުރި ދަތިތައް ވެސް ހިމަނަންޖެހެއެވެ.