ސްޓާ ޕްލަސްގެ ސީރީސް 'އަނޫޕަމާ'ގެ ކާސްޓުން އަނެއްކާވެސް ބަތަލާއެއް ވަކިކޮށްފި

"އަނޫޕަމާ"ގެ ލީޑް ބަތަލާ ރުޕާލީ އަދި އެ ސިލްސިލާއިން ދާދިފަހުން ވަކިކުރި އަލީޝާ--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ އިތުރުން ރާއްޖެ ހިމެނޭހެން ބޭރުގެ ބައެއް ޤައުމުތަކުގެ ވެސް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ސްޓާ ޕްލަސްގެ މަޝްހޫރު ޑްރާމާ ސީރީސް "އަނޫޕަމާ"އިން އަނެއްކާ ވެސް ބަތަލާއެއް ވަކިކޮށްފިއެވެ.

މި ޑްރާމާ ސީރީސްގެ ކާސްޓުން މި ފަހަރު ވަކިކޮށްފައި ވަނީ ބޮޑެތި ބަދަލުތަކާ އެކު މި ސިލްސިލާގެ މުޅިން އާ ބައެއް ގެނެސްދޭން ފެށިއިރު ފެނުނު އާ މޫނެއް ކަމަށްވާ ޒުވާން ބަތަލާ އަލީޝާ ޕަރުވީންއެވެ.

އަލީޝާ މި ސިލްސިލާގައި ކުޅެމުން އައީ އަނޫޕަމާގެ ރޯލް ކުޅޭ ބަތަލާ ރުޕާލީގެ އެންމެ ހަގު އަންހެން ދަރިފުޅު 'އާދިޔާ'ގެ ރޯލެވެ. މި ސިލްސިލާއާ ގުޅުނުތާ ހަފުތާތަކެއް ފަހުން އަލީޝާ ކުއްލިއަކަށް ސިލްސިލާއިން ވަކިވި ޚަބަރާއެކު ބަތަލާއަށް ތާއީދުކުރާ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި މި ނިންމުމާ ދެކޮޅަށް ނުރުހުން ފާޅުކޮށްފައެވެ.

ޓެލެވިޒަން ބަތަލާ ސަނާ ސައްޔާދު--ފޮޓޯ/ޕިންކްވިލާ

މީގެކުރިން ވެސް "އަނޫޕަމާ" ސިލްސިލާއިން ބޮޑު މަޝްހޫރުކަމެއް ހޯދި ގިނަ ފިލްމީ ތަރިން ވަނީ އެކި ސަބަބުތަކާ ހެދި ސިލްސިލާ ދޫކޮށްލާފައެވެ.

އޭގެތެރެއިން ބައެއް ފިލްމީ ތަރިން މީޑިއާގައި ބުނެފައި ވަނީ "އަނޫޕަމާ"ގެ ރޯލް ކުޅޭ ޓެލެވިޒަން ބަތަލާ ރޫޕާލީ ގަންގޫލީގެ ނުފޫޒު މުޅި ސިލްސިލާއަށް ފޯރުވާފައިވާ ކަމަށާއި އެ ސިލްސިލާއިން ވަކިވެފައި ވަނީ ރުޕާލީއާ އެކު ގުޅުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.

މިކަމާ ގުޅިގެން އަލީޝާއާ މީޑިއާއިން ސުވާލު ކުރުމުން ބަތަލާ ބުނެފައި ވަނީ "އަނޫޕަމާ" ސިލްސިލާއިން އޭނާ ވަކިވި ސަބަބަކީ ރުޕާލީއަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށާއި ނަމަވެސް ޔަގީންކަމާ އެކު އެއަށް ދޭނެ ވަކި ޖަވާބެއް މިވަގުތު ނެތް ކަމަށެވެ.

މި ސިލްސިލާގެ ޕްރޮޑިއުސަރު ރަޖަން ވަރަށް ކުއްލި ގޮތަކަށް އަލީޝާ ސިލްސިލާއިން ވަކިކުރަން ނިންމިކަން އެންގި ކަމަށާއި އޭގެ ސަބަބެއް ކަމަށް ބުނެފައި ވަނީ އަލީޝާގެ އެކްޓިންގް ހުނަރު ދެއްކުމުގައި މައްސަލައެއް އެބަހުރި ކަމަށް ބުނެފައިވާ ކަމުގައި ބަތަލާ ވަނީ މީޑިއާގައި ބުނެފައެވެ.

ނަމަވެސް އެއީ ކޮން މައްސަލައެއްކަމެއް ބުނެދެވިފައި ނުވާ ކަމަށް ވެސް އަލީޝާ ވަނީ ބުނެފައެވެ. އަލީޝާގެ ބަދަލުގައި މި ސިލްސިލާއިން ދެން ފެންނާނީ މަޝްހޫރު ޑްރާމާ ސިލްސިލާ "ކުންދަލީ ބާގްޔާ"ގެ ރޯލަކުން ފެނުނު ބަތަލާ ސަނާ ސައްޔާދުއެވެ.

comment ކޮމެންޓް