ފިލްމު 'ޕުޝްޕާ 2'ގެ 18 މިލިއަން ޓިކެޓު ވިކި އަނެއްކާވެސް އާ ރެކޯޑެއް ޤާއިމުކޮށްފި

މިހާތަނަށް އިންޑިއާގައި އުފައްދާ ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ޓިކެޓު ވިކުނު ފިލްމުގެ ރެކޯޑު ބޮކްސް އޮފީހުގައި ރަސްކަން ކުރަމުން އަންނަ ފިލްމު "ޕުޝްޕާ 2" ހޯދައިފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑްހަންގާމާގައި ބުނެފައިވާ ގޮތުން ޓިކެޓު ބުކިންގްއަށް މަޝްހޫރު 'ބުކްމައިޝޯ' މެދުވެރިކޮށް ފިލްމު "ޕުޝްޕާ 2"ގެ ވިކުނު ޓިކެޓުތަކުގެ އަދަދު 18 މިލިއަނަށް ވުރެވެސް އިތުރުވާނެ ކަމަށް ބެލެވެއެވެ.

ރިޕޯޓުތައް ބުނާގޮތުން މިއީ މިހާތަނަށް އިންޑިއާގެ ސިނަމާގައި ބެލުންތެރިންގެ ޝައުގުވެރިކަން އެހާ ބޮޑަށް ދަމައިގަނެ މިފަދަ ކަމެއް ތަޖުރިބާކުރި ފުރަތަމަ ފިލްމެވެ. މި ފިލްމަކީ އިންޑިއާގެ ދެކުނު ބަހުން އުފައްދާފައިވާ ފިލްމަކަށްވީ ނަމަވެސް ފިލްމުގެ އެންމެ ބޮޑު އޯޑިއަންސްގެ ތެރޭގައި ހިމެނެނީ އިންޑިއާގެ އުތުރަށް ނިސްބަތްވާ މީހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ތެލުގޫ އެކްޓަރު އައްލޫ އަރުޖުން އަދި ފިލްމުގެ ބަތަލާ ރަޝްމިކާ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ޖުމްލަ 400 ކްރޯޑް އާއި 500 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފައްދާފައިވާ މި ފިލްމަށް މިހާތަނަށް ބޮކްސް އޮފީހުގައި ވަނީ 1،500 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ލިބިފައެވެ. މިއީ ގާތްގަނޑަކަށް 176.25 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެކެވެ.

ތެލުގޫ އެކްޓަރު އައްލޫ އަރުޖުން މުހިއްމު ރޯލް ކުޅެ ބަތަލާގެ ރޯލްއިން ސައުތު ސިނަމާގެ ތަރި ރަޝްމިކާ މަންދަންނާ ފެންނަ މި ފިލްމުގެ ވަރަށް ހާއްސަ ރޯލަކުން އެކްޓަރު ފަހަދު ފާސިލް ވެސް ބެލުންތެރިންނަށް ވަނީ ފެނިފައެވެ.

މި ފިލްމަކީ ރަތް ކެލާ ގަހުގެ ވިޔަފާރި ގަވައިދާ ޚިލާފަށް ކުރަމުން އަންނަ ބައެއްގެ މެދުގައި ހިނގާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް 2021 ވަނަ އަހަރު އުފެއްދި ފިލްމު "ޕުޝްޕާ: ދަ ރައިޒް"ގެ ދެވަނަ ފިލްމެވެ.

މި ފިލްމު އިންޑިއާގެ ދެކުނުގައި އާއްމުކޮށް ވާހަކަ ދައްކާ އުޅޭ ބަހުރުވަތަކުން ރިލީޒްކުރިއިރު ފިލްމު ވަނީ ހިންދީ ބަހުން ޑަބްކޮށް ވެސް ރިލީޒްކޮށްފައެވެ.

comment ކޮމެންޓް