މިފަހުން ރާއްޖެއަށް ކުރި ވިއްސާރާގައި މާލެއިން 30 ގެ ހިމެނޭ ގޮތަށް، 57 ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.
މި ހިނގާ ޑިސެމްބަރު މަހު މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރި ވިއްސާރައާ ގުޅޭ އަދާހަމަތައް މިއަދު އެންޑީއެމްއޭއިން ވަނީ ހާމަކޮށްފައެވެ.
މިދިޔަ އަންގާރަ ދުވަހު ކުރި ވިއްސާރައިގައި ތިން ރަށަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ވަނީ ރިޕޯޓުކޮށްފައެވެ. އެއީ ނ. ހެނބަދޫ، ނ. ކެނދިކުޅުދޫ އަދި ޅ. ކުރެންދޫއިންނެވެ.
އޭގެތެރެއިން ހެނބަދޫއިން 80 ވަރަކަށް ގެއަށް ފެންވަދެގެން ރިޕޯޓުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ. އެހެންނަމަވެސް އެއްވެސް ގެއަކުން މީހަކު ބަދަލުކުރަންޖެހޭ ފަދަ ހާލަތަކަށް ގޮސްފައިނުވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެންޑީއެމްއޭއިން ބުނީ ޑެމޭޖް އެސެސްމަންޓް ހެދުމަށްފަހު ހެނބަދޫގެ 27 ގެއެއްގެ ފޯމު މިހާރު އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ. އަދި އެ ފޯމުތައް ވެރިފައިކޮށް، ޕްރޮސެސްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އެ ގެތަކަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި ހިފާ ގެންގުޅޭ ތަކެއްޗާއި އިމާރާތްތަކަށް ލިބުނު ގެއްލުންތައް ހިމެނެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ކުރި ވިއްސާރާގައި މާލޭގައި ފެންބޮޑުވުމުގެ ސަބަބުން އެހީތެރިކަމަށް އެދި ދިވެހި ސިފައިންނާއި ރެޑް ކްރެސެންޓްގެ ހޮޓްލައިންތަަކަށް 98 ކޯލް ލިބިފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ. އޭގެތެރޭގައި ވެލިބަސްތާ ޖައްސައިދިނުމަށް އެދި 70 ކޯލަކާއި، ގެއްލުންތައް ރިޕޯޓުކުރުމަށް 21 ކޯލެއް އަދި ސީދާ ޒަރޫރީ އެހީތެރިކަމަށް އެދި ހަތް ކޯލު ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ފެންވަނުން ކޮންޓްރޯލް ކުރުމަށް ސިފައިންނާއި، މާލެ ސިޓީ ކައުންސިލާއި، ޕަބްލިކް ވޯކްސްގެ އެހީތެރިކަމާއެކު 49 ތަނެއްގައި 304 ވެލި ބަސްތާ ޖަހާފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
މީގެ އިތުރުން ވަގުތުން އެހީތެރިކަން ބޭނުންވާ ކަމަށް ފާހަގަކުރެވުނު 12 ގޭބީސީއެއްގެ ރެޕިޑް އެސެސްމަންޓް ދިވެހި ރެޑްކްރެސެންޓްގެ އެހީތެރިކަމާއެކު ހެދިއިރު، އަށް ގޭބީސިއަކުން 32 މީހަކަށް އެއް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސައިދިން ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އަދި މިހާރު އެ އާއިލާތައް އާންމު ހާލަތަށް ރުޖޫއަވެފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އަދި 30 ގެއެއްގެ ޑެމޭޖް އެސެސްމަންޓް ހަދައި، އެ ފޯމުތައް ވެރިފައިކޮށް، ޕްރޮސެސްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އެ ގެތަކަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުންތަކާއި، އިމާރާތުގެ ސީލިންތަކަށް ލިބުނު ގެއްލުން ވަނީ ފާހަގަކޮށްފައެވެ.
ވިއްސާރަ ދުވަސްވަރު މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ދަތުރުފަތުރަށް ބުރޫ އެރުމުގެ އިތުރުން ގެތަކަށް ފެންވަދެ ގެއްލުންތައް ލިބުމަކީ އާންމު މައްސަލައެކެވެ.
އެ މައްސަލަ ހައްލުކުރުމަށް އެކި ސަރުކާރުތަކުން ތަފާތު ފިޔަވަޅުތައް އަޅައިފައިވީ ނަމަވެސް މިހާތަނަށް މައްސަލަ ހައްލުކުރެވިފައިނުވެއެވެ.