އައްޑޫ ސިޓީގައި ގާމެންޓް ފެކްޓްރީއެއް އެޅުމަށް ޓަކައި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އަށް ދޫކުރި ބިން ދޫކޮށްލަން އެ ކޯޕަރޭޝަނުން ނިންމާފައިވާ ކަމަށް ވިދާޅުވެ، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ގާމަންޓް ފެކްޓްރީ އެޅުމަށް އައްޑޫ ސިޓީ ކައުންސިލުން ބީސީސީއަށް ބިން ދޫކޮށްފައި ވަނީ މި އަހަރުގެ ޖޫން ނުވައެއްގައެވެ.
"ސަން" އާ ވާހަކަދައްކަވަމުން އައްޑޫގެ މޭޔަރު ނިޒާރު ވިދާޅުވީ، އެ ސިޓީގައި ގާމަންޓް ފެކްޓްރީ އެޅުމަށް ދޫކުރި ބިން ކޮންސްޓްރަކްޝަން މިނިސްޓްރީއަށް ދޫކުރުމަށް ބީސީސީން ނިންމާފައިވާކަމުގެ ސިޓީއެއް އެ ކައުންސިލަށް ލިބިފައިވާ ކަމަށެވެ. ނިޒާރު ވިދާޅުވީ އެގޮތަށް ދޫކުރުމަށް ނިންމާފައި ވަނީ މި ފަހުން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ގަވާއިދަށް ގެނައި ބަދަލެއްގެ ސަބަބުން ކަމަށެވެ.
އެހެންނަމަވެސް އެ ޕްރޮޖެކްޓް ޑިޒައިން ކުރުމުގެ މަސައްކަތް ވެސް ހަވާލުކޮށް، ފަންޑު ވެސް ހަމަޖެހިފައިވާކަން މޭޔަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން އެހާ ފަސޭހައިން ބީސީސީން އެ ބިން ދޫކުރުމަށް ނިންމީތީ މޭޔަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ގާމަންޓް ފެކްޓްރީ އެޅުމަށް ސިޓީ ކައުންސިލުން ބީސީސީއަށް ބިން ދޫކުރުމަށް ސޮއިކުރި ދުވަސް -- ފޮޓޯ/ އައްޑޫ ސިޓީ ކައުންސިލް
ނިޒާރު ވިދާޅުވީ، ބީސީސީން އެ ބިން ދޫކޮށްލުމަށް ނިންމުމަށް ފަހު ބުނެފައި ވަނީ އަލުން އެ މަސައްކަތަށް ބިމެއް ހޯދާނެ ވާހަކަ ކަމަށެވެ. ނަމަވެސް އަދި އަދަށް ވެސް ބިމެއް ހޯދުމުގެ މަސައްކަތް ނުވަތަ އެއްވެސް މަޝްވަރާއެއް ވެސް އެ ކޯޕަރޭޝަނުން ނުކުރާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
ފެކްޓްރީގެ މަސައްކަތް ހުއްޓުމަކަށް އައިސްދާނެ ކަމުގެ ކަންބޮޑުވުން މޭޔަރު ފާޅުކުރެއްވިއެވެ.
"އަނެއްހެން ދަންނަވާނަމަ [ގާމަންޓް ފެކްޓްރީގެ މަސައްކަތް] ހުއްޓިފައިތާ މިހާރު މިއޮތީ،" ނިޒާރު ވިދާޅުވިއެވެ.
އައްޑުއަކީ މީގެ ކުރިން ވެސް ގާމަންޓް ފެކްޓްރީ ހިންގާފައިވާ ސިޓީއެކެވެ. ލަންކާގެ ކުންފުނިތަކަކުން ވަރަށް ފުޅާ ދާއިރާއެއްގައި ހިންގި ގާމަންޓް ފެކްޓްރީގެ ސަބަބުން އައްޑުއަށް ވަރަށް ގިނަ ފައިދާތަކެއް ވެސްވިއެވެ.
ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ވެސް ލިބުނެވެ. ނަމަވެސް އެ ފެކްޓްރީގެ މަސައްކަތް ވަކި ހިސާބަކުން ހުއްޓުނެވެ. ދެ ފަހަރަކު ފަށައި ފެކްޓްރީގެ މަސައްކަތް އެންމެ ފަހުން ހުއްޓާލާފައި ވަނީ 2005 ވަނަ އަހަރުއެވެ.
އެއަށްފަހު އައްޑޫގައި ގާމެންޓް ފެކްޓްރީއެއް ހަދަން ބީސީސީން އިއުލާންކުރީ 2020 ވަނަ އަހަރެވެ.
ގާމެންޓް ފެކްޓްރީ ހަދަނީ އައްޑޫ ހިތަދޫގެ ޕޯޓު އޭރިއާ ސަރަހައްދުގައެވެ. މިއީ ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫއެކެވެ.