މިރޭ ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް، މޫސުމަށް ސަމާލުވާން މެޓުން އިލްތިމާސްކޮށްފިއެވެ.
އެ އިދާރާއިން ބުނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ.
އެގޮތުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ހަތް މޭލާ 17 މޭލާ ދެމެދު ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ސަރަހައްދުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ބުންޏެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ބުނެފައެވެ.
މެޓުން ބުނި ގޮތުގައި، އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ ވިލާގަނޑުގައި އިތުރަށް ގަދަވާނެއެވެ. އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އުތުރުގެ އަތޮޅުތަކަށް ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަތް ފޫޓާ ދެމެދުގައި ކަމަށްވާއިރު، މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތަކުގައި ފަސް ފޫޓާ ހަތް ފޫޓަށް ރާޅުގެ އުސްމިން ހުންނާނެ ކަމަށް މެޓުން ބުނެފައިވެއެވެ.
މީގެއިތުރުން، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވާން މެޓުން ވަނީ އެދިފައެވެ.
އުދައިން ރައްކާތެރިވުމަށް މެޓުން ވަނީ ދިޔަވަރު ބޮޑުވާ ވަގުތުތައް ވެސް ހިއްސާކޮށްފައެވެ. އެގޮތުން މެދުރާއްޖެތެރެއަށް ދިޔަވަރު އެންމެ ބޮޑުވާނީ މިރޭ ފަތިހު 4:51 ހާއިރެވެ.
މި ދުވަސްވަރަކީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރަށް ވުމާއެކު، މި ދުވަސްވަރު އާއްމުކޮށް ކޮޅިގަނޑުތައް އުފެދޭ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. އަދި ރާއްޖެއާ ކައިރީގައި ދެ ކޮޅިގަނޑެއް އުފެދިފައިވާތީ، މި ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށްވެސް މީގެ ކުރިން މެޓް އޮފީހުން ބުނެފައިވެއެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރަމުން އަންނައިރު، މާލެއަށް ރޭ ކުރި ވިއްސާރައާ ގުޅިގެން ފެންބޮޑުވެ، 32 މީހަކަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.