ޔޫރަޕިއަން ޕާލަމެންޓުން އިންތިޒާމުކުރި ބައްދަލުވުމެއްގައި ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކަލް ދެއްވަން ހަމަޖެހިފައި އޮތް ތަގުރީރު ކެންސަލް ކުރައްވައިފިއެވެ.
އެކަމަނާ މި ދަތުރުފުޅު ކެންސަލް ކުރެއްވީ، މޭގަންގެ އާއިލާގެ މައްޗަށް ކުޑަކުދިންގެ ޖިންސީ ގޯނާގެ މަންޒަރުތައް ހިމެނޭ ތަކެތި ގެންގުޅުނު ކަމުގެ ދައުވާ އެމެރިކާގެ ކަމާބެހޭ އިދާރާތަކުން އުފުލުމާ ގުޅިގެންނެވެ.
މިއީ އެ މައްސަލަ ފެންމަތިވި ފަހުން މޭގަން އާންމުންގެ ތެރެއަށް ނުކުމެވަޑައިގަންނަވާނެ ފުރަތަމަ ފަހަރަށް ވާތީ، މި ދަތުރުފުޅަށް މުޅި ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަން އޮތީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.
އިންޓަނެޓާއި ސޯޝަލް މީޑިއާގެ ޒަރީއާއިން ކުރިމަތިވި ނަފްސާނީ އަދި ޖިސްމާނީ ގެއްލުންތަކުގެ ސަބަބުން ދުނިޔެ ދޫކުރި ކުދިންގެ ހަނދާނުގައި ބެލްޖިއަމްގެ ބްރަސަލްސްގައި ބެހެއްޓި "ލޮސްޓް ސްކްރީން މެމޯރިއަލް" ހުޅުވުމަށް ހަފުލާއަށް ވަޑައިގެންނެވި ވަގުތު މީޑިއާތަކުން މޭގަންގެ ހާލަތާ ގުޅޭގޮތުން ސުވާލުތައް އޮއްސާލި ނަމަވެސް، އެއްވެސް ޖަވާބެއް ނުދެއްވައި ދެކަނބަލުން ޚިޔާރުކުރެއްވީ ހަމަހިމޭންކަމެވެ. އެ ހަފުލާގައި މޭގަން ވެސް ވާހަކަދައްކަވަން ކުރިން ތާވަލުކުރެވިފައި އޮތް ނަމަވެސް، މޭގަންގެ ތަރުޖަމާނު ހާމަކުރެއްވި ގޮތުގައި ފަހު ވަގުތު އެ ތަގުރީރު ވަނީ ކެންސަލްކޮށްފައެވެ.
އިނގިރޭސިވިލާތުގެ "ދަ ޑެއިލީ ޓެލެގްރާފް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ތަގުރީރު ކެންސަލްކުރަން ޖެހުނީ ބައްޕަގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކާ ގުޅިގެން ލިބުނު ފުން ހިތާމައިގެ ސަބަބުން އެފަދަ ވާހަކައެއް ދައްކަވާނެ ހިތްވަރެއް މޭގަންގެ ނެތުމުންނެވެ. މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި މޭގަން ވަނީ މިދިޔަ މަހު ރަސްމީ ބަޔާނެއްވެސް ނެރުއްވާފައެވެ.
މޭގަން މާކަލް އަދި ބައްޕަ ތޯމަސް މާކަލް--ފޮޓޯ/ޓެލެގްރާފްއިންޑިއާއުމުރުން 82 އަހަރުގެ ތޯމަސް މާކަލްގެ މައްޗަށް އެމެރިކާގެ ތަހުގީގީ އިދާރާތަކުން ދައުވާ އުފުލީ، ކެލިފޯނިއާގައި އޭނާ ކުއްޔަށް ހިފާފައިވާ ސްޓޯރޭޖް ޔުނިޓުތަކަކުން ކުޑަކުދިންގެ ޖިންސީ ގޯނާގެ މަންޒަރުތައް ހިމެނޭ ތަކެތި ފެނުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ކުޑަކުދިންނާ އެކު އޭނާ ނަގާފައިވާ ފޮޓޯތަކެއް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، ތޯމަސް ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި އެއީ އޭނާގެ އަގު ވައްޓާލައި ބަދުނާމުކުރުމުގެ ބޭނުމުގައި ފަތުރާފައިވާ ދޮގު ވާހަކަތަކެއް ކަމަށް އޭނާ ބުނެފައިވެއެވެ.
މޭގަން އާއި ބައްޕައާ ދެމެދު އޮތް ގުޅުން 2018 ވަނަ އަހަރު ޕްރިންސް ހެރީއާ ކުރެއްވި ކައިވެންޏާ ހަމައިން މުޅިން ކެނޑިފައިވާއިރު، މޭގަން ހާމަކުރެއްވި ގޮތުގައި ބައްޕަގެ މިފަދަ އަމަލުތަކުގެ މައުލޫމާތު އޭރުއްސުރެ އޭނާއަށް އެނގިވަޑައިގަންނަވައެވެ. އަދި އޭނާގެ ދެ ކުދިން ކަމަށްވާ އުމުރުން ހަތް އަހަރުގެ އާޗީ އާއި ފަސް އަހަރުގެ ލިލިބެޓްގެ ރައްކާތެރިކަމަށްޓަކައި، ކާފައާ ދުރުގައި އެ ކުދިން ބޭތިއްބުމަށް އެޅި ފިޔަވަޅަކީ ގަސްދުގައި ކުރެއްވި ކަމެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ހަފުލާގައި ތަގުރީރު ކުރައްވަމުން ޕްރިންސް ހެރީ ބައްޕަގެ މައްސަލައަށް އެއްވެސް އިޝާރާތެއް ނުކުރައްވައި، އަލިއަޅުއްވާލެއްވީ ކުޑަކުދިންގެ އޮންލައިން ރައްކާތެރިކަން ކަށަވަރުކުރުމަށް ޓެކް ކުންފުނިތަކުން ފިޔަވަޅު ނާޅާ މައްސަލައަށެވެ. ޕްރިންސް ހެރީ ވިދާޅުވީ، ދުނިޔެ ހައިރާންކޮށްލާ ފަދަ އާދަޔާޚިލާފު ޓެކްނޮލޮޖީ އުފެއްދުމުގެ ގާބިލުކަން އިންސާނުންގެ ކިބައިގައި ހުރިއިރު، މައުސޫމު ކުއްޖަކަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ނުކުޅެދިފައިވާ ސަބަބާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ސިޔާސީ ބޭފުޅެއްގެ ހައިސިއްޔަތުން ނޫން ކަމަށާއި، ބައްޕައެއް އަދި މަންމައެއްގެ ގޮތުގައި، ކުދިން ގެއްލިފައިވާ އާއިލާތަކުގެ އިހުސާސްތަކުގައި ބައިވެރިވުމަށް ކަމަށް ހެރީ ވިދާޅުވިއެވެ.
ޝާހީ ޒިންމާތަކުން ވަކިވެވަޑައިގެން 2020 ވަނަ އަހަރު އެމެރިކާއަށް ދިރިއުޅުން ބަދަލުކުރެއްވުމަށްފަހު އަލުން އިނގިރޭސިވިލާތަށް ބަދަލުވި ފަހުން، މިއީ ދެމަފިރިން އެކުގައި އިނގިރޭސިވިލާތުން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.