މިހާރުގެ ފިލްމީ ތަރިން ހަގީގަތާ ދުރުވާން މަސައްކަތް ކުރާތީ ކަންބޮޑުވޭ: ޝަރުމިލާ

ކުރީގެ މަޝްހޫރު ބަތަލާ ޝަރުމިލާ ޓޭގޯރް--ފޮޓޯ/ޕިންކްވިލާ

ފިލްމު އިންޑަސްޓްރީ ކުރިއަށްވުރެ ތަރައްޤީވެ ހެޔޮ ބަދަލުތަކެއް އައި ނަމަވެސް ކަންބޮޑުވާންޖެހޭ ގިނަ ކަންކަން މިހާރުގެ ބައެއް ފިލްމީ ތަރިންގެ ފަރާތުން ފެންނަ ކަމަށް ކުރީގެ މަޝްހޫރު ބަތަލާ ޝަރުމިލާ ޓޭގޯ ބުނެފިއެވެ.

ސްކްރީން ލައިވްގެ ފަރާތުން ބޭއްވި ހަތަރު ވަނަ އެޑިޝަންގެ އިންޓަވިއުގައި ވާހަކަ ދައްކަމުން ޝަރުމިލާ ބުނެފައި ވަނީ ފިލްމު އިންޑަސްޓްރީއަށް ވެބް ކޮންޓެންޓްތައް ތައާރަފުވެ ވަރަށް އެދެވިގެންދާ ތަރައްޤީ އާއި ކުރިއެރުން އައިސްފައިވާ ކަމަށެވެ.

އެހެންނަމަވެސް މިފަހަކަށް އައިސް އިންޑަސްޓްރީއަށް ތައާރަފުވާ ބައެއް އެކްޓަރުންގެ ސަމާލުކަން ހުންނަނީ މުޅީން އެހެން ކަންކަމުގައި އެކަކު އަނެކަކަށް ވާދަވެރިވުމަށް ކަމަށް ޝަރުމިލާ ވަނީ ބުނެފައެވެ.

ހަގީގަތުގައި އުފެއްދުންތެރި ފިލްމުތަކަށް ސަމާލުކަން ދިނުމަށް ވުރެ ބޮޑަށް ބައެއް ތަރިން ސަމާލުކަންދޭ ކަންކަމުގެ ތެރޭ އެކަކަށް ވުރެ އަނެކަކުގެ ވެނިޓީ ވޭންގެ ފެންވަރު ރަގަޅުކުރުން ހިމެނޭ ކަމަށާއި އެފަދަ ވާހަކަތައް އަޑުއިވުމުން ވަރަށް ބޮޑަށް ހައިރާންވާ ކަމަށް ކުރީގެ ބަތަލާ ވަނީ ބުނެފައެވެ.

ޝަރުމިލާ އޭނާގެ އާއިލާއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ޝަރުމިލާ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރި ދުވަސްވަރު ވެނިޓީ ވޭން އަކީ ފިލްމީ ތަރިން މިނިވަންކަމާ އެކު ކޮސްޓިއުމް ބަދަލުކުރުމަށް ބޭނުންކުރި އެއްޗެއް ކަމަށާއި ނަމަވެސް މިހާރު ކޮންމެ ވެނިޓީ ވޭންއަކީ އެކިއެކި ރަސްމީ ބައްދަލުވުންތައް ބޭއްވުމުގެ އިތުރުން އަރާމުކޮށްލަން ބޭނުންކުރާ އެއްޗަކަށް ވެފައިވާ ކަމަށް ޝަރުމިލާ ބުނެފައިވެއެވެ.

އިންޑަސްޓްރީގައި ބުރަކޮށް މަސައްކަތްކޮށް އާމްދަނީ ހޯދުމަކީ މުހިއްމު ކަމެއް ކަމަށާއި ނަމަވެސް މިފަދަ ކަންކަމުގެ ސަބަބުން ވަރަށް ގިނަ ފިލްމީ ތަރިންނަށް ދިރިއުޅުމުގެ ހަގީގީ މާނަ އޮޅި، އޯޑިއަންސާ ވަރަށް ބޮޑަށް ގުޅުން ކެނޑިފައިވާ ކަމަށް އެކްޓަރު ސައިފް އަލީ ޚާންގެ މަންމަ ވަނީ ބުނެފައެވެ.

ޝަރުމިލާ ބުނިގޮތުގައި މި ޒަމާނުގައި ބާއްވާ އެވޯޑު ޝޯތަކުން ވެސް އެކްޓަރުންގެ މެދުގައި އޮންނަ ނުކިއްސަރު ގުޅުންތައް ވަރަށް ރަނގަޅަށް ދައްކުވައިދެއެވެ. އެގޮތުން އެވޯޑެއް ނުލިބޭ ނަމަ ގިނައީ އެފަދަ ޝޯތަކުގައި ބައިވެރިނުވާ ތަރިން ކަމަށް އޭނާ ބުންޏެވެ.

މީގެ އަހަރުތަކެއް ފަހަތަށް ޖެހިލާއިރު ހިންދީ ސިނަމާގެ އެވޯޑު ޝޯތަކުގެ ސީދާ ކަމާއި ސާދާކަން ވަރަށް ރަނގަޅަށް ފެންނާނެ ކަމަށާއި އޭރު ފިލްމީ ތަރިންގެ މެދުގައި އޮންނަ ރަޙްމަތްތެރި ކަމުގެ ގުޅުން ވަރަށް ރަނގަޅު ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

މިހާރުގެ ފިލްމީ ތަރިންގެ ފަރާތުން އެފަދަ ކަންކަން ނުފެންނަ ނަމަ މިއީ އިންޑަސްޓްރީ ތަރައްޤީވެ ކިތަންމެ ކުރިއެރިޔަސް ހެޔޮ ބަދަލެއްގެ ގޮތުގައި ނުދެކޭ ކަމަށް ޝަރުމިލާ ވަނީ ބުނެފައެވެ.

comment ކޮމެންޓް