މަސްކްއަށް ސްޕޭސްއެކްސްގެ ސިއްރު މަޢުލޫމާތުތައް ނޭނގޭނެކަމަށް ބުނެފި

ސްޕޭސްއެކްސްގެ ވެރިޔާ އީލޮން މަސްކް --

ސްޕޭސްއެކްސްގެ ސީއީއޯ އެލޮން މަސްކްއަށް ލިބިފައިވާ ސެކިއުރިޓީ ކްލިއަރަންސްއިން އެމެރިކާ ސަރުކާރާއެކު އެ ކުންފުނިން ކުރާ ސިއްރު މަސައްކަތްތަކަށް ފުރިހަމަ އެކްސެސް ނުލިބޭކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓުކޮށްފިއެވެ.

މި މަޢުލޫމާތު ހާމަކޮށްފައިވަނީ މި މައްސަލައާ ގުޅުންހުރި ފަރާތްތަކަކާ ހަވާލާ ދީގެންނެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މަސްކްއަށް ސްޕޭސްއެކްސްގެ ސިއްރު މަޢުލޫމާތުތައް ބަލަހައްޓާ ތަންތަނަށް ވަދެވޭ ގޮތެއް ނުވެއެވެ. އަދި އެމެރިކާގެ ޤައުމީ ސަލާމަތީ އިދާރާތަކާއެކު ސްޕޭސްއެކްސްއިން ކުރާ މަސައްކަތްތަކުގެ ދަށުން ޖައްވަށް ފޮނުވާ ސިއްރު މުދަލުގެ މަޢުލޫމާތުވެސް މަސްކްއަށް ނުލިބެއެވެ.

ނަމަވެސް މިދިޔަ އޮކްޓޯބަރު މަހު ޕެންސިލްވޭނިއާގައި ބޭއްވުނު ޑޮނަލްޑް ޓްރަމްޕްގެ ކެމްޕެއިން އިވެންޓެއްގައި މަސްކް ވަނީ އޭނާއަށް "ޓޮޕް-ސީކްރެޓް ކްލިއަރަންސް" ލިބިފައިވާކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން މަސްކްއަށް މި ކްލިއަރަންސް ލިބިފައިވަނީ 2022 ވަނަ އަހަރުގައެވެ. އެއީ އަހަރުތަކެއްގެ ދިގު މުރާޖަޢާ ޕްރޮސެސްއަކަށް ފަހުގައެވެ.

ސްޕޭސްއެކްސްގެ ޤާނޫނީ ވަކީލުން ވަނީ މަސްކްއަށް މިއަށްވުރެ މަތީ ސެކިއުރިޓީ ކްލިއަރަންސްއެއް ހޯދުމަށް މަސައްކަތް ނުކުރުމަށް ލަފާ ދީފައެވެ. އެއީ އެފަދަ ކްލިއަރަންސްއެއް ހޯދުމަށް މަސްކްގެ މަސްތުވާތަކެތި ބޭނުންކުރުމާއި ބޭރު ޤައުމުތަކުގެ ރައްޔިތުންނާ އޮންނަ ގުޅުންތަކުގެ ތަފްސީލު ހާމަކުރަން ޖެހޭނެތީއެވެ.

މި މައްސަލައާ ގުޅޭގޮތުން ޕެންޓަގަންގެ ތަރުޖަމާނު ސޫ ގޯފް ވަނީ ވަކި ފަރުދެއްގެ ސެކިއުރިޓީ ކްލިއަރަންސްގެ ހާލަތާ ބެހޭ ގޮތުން އެއްވެސް ކޮމެންޓެއް ނުކުރާނެ ކަމަށް ބުނެފައެވެ. އެއީ 1974 ވަނަ އަހަރުގެ ޕްރައިވަސީ އެކްޓާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ޖެނުއަރީ މަހު ވޯލް ސްޓްރީޓް ޖާނަލްއިން މަސްކް މަސްތުވާތަކެތި ބޭނުންކުރުމާ ގުޅޭ ގޮތުން ރިޕޯޓުކުރުމުން، މަސްކް ވަނީ ނާސާއިން އެދިގެން ތިން އަހަރު ދުވަހުގެ މުއްދަތަކަށް ކުރި ރެންޑަމް ޑްރަގް ޓެސްޓުތަކުގައި "އެއްވެސް ބާވަތެއްގެ މަސްތުވާތަކެއްޗެއް ނުވަތަ ބަނގުރަލެއްގެ އަސަރެއްވެސް" އޭނާގެ ހަށިގަނޑުން ފެނިފައި ނުވާކަމަށް ބުނެފައެވެ.

މަސްކްގެ ވިޔަފާރީގެ މުޢާމަލާތްތަކުގެ ތެރެއިން، އޭނާ ވަނީ ފާއިތުވި އަހަރުތަކުގައި އެކި ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކޮށްފައެވެ. މިގޮތުން މިދިޔަ އޭޕްރިލް މަހު މަސްކް ވަނީ ޗައިނާއަށް ޒިޔާރަތްކޮށް، އެ ޤައުމުގެ ދެވަނައަށް އެންމެ އިސް ސިޔާސީ ލީޑަރު ކަމަށްވާ ޕްރިމިއަރ ލީ ޗިއާންގއާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ޗައިނާގައި ޓެސްލާގެ ސެލްފް-ޑްރައިވިންގ ޓެކްނޮލޮޖީ ތަޢާރަފުކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ.

އޮކްޓޯބަރު މަހު ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓުކުރި ގޮތުގައި 2022 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން މަސްކް ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިރް ޕުޓިންއާ ގަވާއިދުން މުޢާމަލާތުކުރަމުން ގެންގޮސްފައެވެ.

ވޯލްސްޓްރީޓްޖާނަލްގެ މި ރިޕޯޓާ ގުޅިގެން ސްޕޭސްއެކްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖާނަލްގެ މި ވާހަކައަކީ "އިންތިހާއަށް އޮޅުވާލުންތެރި" އަދި "އެއްވެސް ހަޤީޤަތެއްގެ މައްޗަށް ބިނާވެފައިނުވާ" ވާހަކައެއް ކަމަށެވެ.

comment ކޮމެންޓް