ރާއްޖެއަށް ޒިޔާރާތްކުރެވެނީ ވިސާ ފީ ދައްކައިގެން ކަމަށް ބުނެ، ވެބްސައިޓަކުން ސްކޭމެއް ހިންގާތީ އެކަމަށް ސަމާލުވާން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެ ސްކޭމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ސޮއިކުރައްވައި، ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލަށް ވަނީ ސިޓީއެއް ފޮނުއްވާފައެވެ.
އެ ސިޓީގައި މަޓާޓޯއިން ވަނީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހުއްދަ ދޫކުރާ ރަސްމީ ނިޒާމެއް ކަމަށް ބުނެ އޮޅުވާލާ މޯލްޑިވްސް އެންޓްރީގެ ނަމުގައި ހިންގާ ވެބްސައިޓެއް ފާހަގަވެފައިވާ ކަމަށެވެ. އެ ވެބްސައިޓުން ރާއްޖޭގެ އިމިގްރޭޝަންގެ ޓްރެވަލް ޑިކްލަރޭޝަން ފަސޭހަކޮށްދޭ ކަމަށް ބުނެ ދޮގު މައުލޫމާތު ދީގެން ފަތުރުވެރިިން އަތުން ފައިސާ ހޯދަމުން އަންނަކަމަށް މަޓާޓޯއިން ބުނެފައިވެއެވެ.
އެގޮތަށް ފައިސާ ހޯދަމުން ދަނީ ރާއްޖެއަށް އައުމުން ހިލޭ ވިސާ ލިބޭކަން ނޭނގޭ ފަތުރުވެރިންގެ އަތުންކަން ފާހަގަކޮށް މަޓާޓޯއިން ބުނީ، އެ ސްކޭމްގައި ޖެހި ފަތުރުވެރިންތަކެއްގެ އަތުން ފައިސާ ގެއްލިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެފަދަ މަކަރުވެރި އަމަލުތަކުގެ ސަބަބުން ފަތުރުވެރިންނަށް ގެއްލުން ލިބުމުގެ އިތުރަށް ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި އޮތް ރާއްޖޭގެ ނަން ހަޑިވާކަން މަޓާޓޯއިން ފާހަގަކުރިއެވެ.
އެހެންވެ، މަޓާޓޯއިން ވަނީ އެކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޓޫރިޒަމް މިނިސްޓްރީއަށް ގޮވާލާފައެވެ. އެގޮތުން، އިމިގްރޭޝަނާއި ފުލުހުންނާ ގުޅިގެން އެ ސްކޭމްގެ މައްސަލަ ތަހުގީގު ކުރުމަށާއި މިކަމާ ގުޅިގެން ފަތުރުވެރިންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރަން ކެންޕެއިންގެ ހިންގުމުގެ އިތުރަށް ވީ އެންމެ އަވަހަށް ވެބްސައިޓް ބަންދު ކުރުމަށް އެދިފައިވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތް ކުރާ ޖަމިއްޔާއެއްގެ ހައިސިއްޔަތުން، އެފަދަ މައްސަލަތަކުން ދިމާވެދާނެ ގެއްލުންތަކާ މެދު ވަރަށް ކަންބޮޑުވާ ކަމަށާއި އެ މައްސަލައިގައި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް މަޓާޓޯއިން ބުނެފައިވެއެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުން އެކި އުކުޅުތައް ބޭނުންކޮށްގެން އަންނަނީ ފައިސާ ހޯދަމުންނެވެ. މިފަދަ ކަންކަމަށް ސަމާލުވާން ފުލުހުން އަންނަނީ އިލްތިމާސްކުރަމުންނެވެ.