މިދިޔަ އަހަރު ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "އެނިމަލް"ގެ ޑައިރެކްޓަރު ސަންދީޕު ރެޑީ ވަންގާ އުފައްދާ ފިލްމެއްގެ ބަތަލާގެ ރޯލަށް މްރޫނާލް ތާކޫރު ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
"ސްޕިރިޓް"ގެ ނަމުގައި ބޮޑު ބަޖެޓަކުން އުފައްދާ މި ފިލްމުގެ ލީޑް ރޯލް ކުޅޭ އެކްޓަރަކީ ސައުތު ސިނަމާގެ ކުޅަދާނަ ތަރި ޕްރަބާސްއެވެ. ޕްރަބާސް ފުލުހެއްގެ ރޯލްއިން މި ފިލްމުގައި ފެންނާނެއިރު ފިލްމުގެ ކާސްޓަށް އިތުރުވާ އަނެއް ދެ ތަރިންނަކީ ބޮލީވުޑްގެ މަގުބޫލު ދެމަފިރިން ކަމަށްވާ ސައިފް އަލީ ޚާންއާއި ކަރީނާ ކަޕޫރު ޚާންއެވެ.
ރިޕޯޓުތައް ބުނާގޮތުން ސައިފް އާއި ކަރީނާ މި ފިލްމުގައި ފެންނާނީ ވަރަށް ވަރުގަދަ ވިލެންގެ ރޯލްތަކުންނެވެ.
ސަންދީޕް އަންނަނީ ފިލްމު "އެނިމަލް"ގެ ދެވަނަ ބައެއްގެ މަސައްކަތް ފެށުމަށް ވެސް ތައްޔާރުވަމުންނެވެ. އަންނަ އަހަރު އެ ފިލްމުގެ މަސައްކަތް ފަށާނެކަން އެކްޓަރު ރަންބީރު ކަޕޫރު ބުނެފައިވާއިރު ފިލްމު "ސްޕިރިޓް"ގެ މަސައްކަތް ވެސް އަންނަ އަހަރު ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފިލްމު "ސްޕިރިޓް"އަކީ ޑައިރެކްޓަރު ސަންދީޕުގެ ކެރިއަރުގެ ތިން ވަނަ ހިންދީ ފިލްމެވެ. ސަންދީޕު އެންމެ ފުރަތަމަ ގެނެސްދިން ހިންދީ ފިލްމަކީ 2017ވަނަ އަހަރު އޭނާ ޑައިރެކްޓް ކުރި ތެލުގޫ ފިލްމު "އަރުޖުން ރެޑީ"ގެ ރިމޭކް ކަމަށްވާ "ކަބީރު ސިންގް"އެވެ.
ފިލްމު "ސްޕްރިޓް" ވެގެންދާނީ އިންޑިއާގެ ސިނަމާތަކުން މިހާތަނަށް ފެންނާނެ އެންމެ ޝައުގުވެރި ފިލްމު ކަމަށާއި މިއީ އެފަދަ ފިލްމަކަށް އިންތިޒާރު ކުރަމުން އަންނަ ބެލުންތެރިންގެ އިންތިޒާރަށް ނިމުން ގެނެސްދޭނެ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.