އެޗްއައިވީ، ސިފްލިސް އަދި ހެޕަޓައިޓިސްބީ މައިމީހާގެ ފަރާތުން ފާރުތަވުން ނައްތާލެވިފައިވާ ގައުމަކަށް، ރާއްޖެ ހެދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ފެށޭ އަހަރު ނިމުމުގެ ކުރީން ޑަބްލިއުއެޗްއޯ ގަބޫލުކުރާ މިންވަރަށް އެ ލަނޑުދަނޑި ހާސިލްކުރުމަކީ އަމާޒެއް ކަމަށް, ސިއްޚަތާއި ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައި ވަނީ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ދުވަހާ ގުޅިގެން، ގައުމެއްގެ ގޮތުގައި ހާސިލްކުރާ އެންމެ މުހިންމު ކަމަކީ މި ސެކްޓާއަށް ފަރުވާ ދިނުމުގައި އަމަލު ކުރާނެ މުހިންމު ތިން ގައިޑްލައިނެއް ތައާރަފް ކުރުން ކަމަށެވެ. މިފަދަ ގައިޑްލައިނެއް އޮވެ ގައިޑްލައިނާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަކީ ދާން ބޭނުންވާ މިސްރާބަށް ދިއުމަށް އެންމެ މުހިންމު އެއް ކަންތައް ކަން ވަޒީރު ވަނީ ފާހަގަ ކުރައްވައިފައެވެ.
އެހެންކަމުން އެފަދަ ބައްޔަކަށް ޝައްކުކުރެވޭ ނަމަ ނުވަތަ ބައްޔެއް ޖެހުމުގެ ފުރުސަތު އެއްވެސް ވަރަކަށް އޮތްނަމަ އަވަހަށް ބައްޔަށް ޓެސްޓު ކުރެއްވުމަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ.
"އަޅުގަނޑުމެން ހެލްތު ސެކްޓާއިން ކަށަވަރު ކޮށްދޭން ބޭނުމީ އެފަދަ ފަރާތްތަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އޯގާތެރިކަމާއި އަޅާލުން މި ނިޒާމުގެ ތެރެއިން އަޅުގަނޑުމެން ދެމުން ގެންދާނެ ވާހަކަ." ނާޒިމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ގައުމެއްގެ ގޮތުގައި އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ނޫނީ މިފަދަ ކަންކަމުން އަރައިނުގަނެވޭނެެކަމީ އެންމެން ވެސް ދަންނަ ހަގީގަތެއް ކަމަށެވެ.
ސަރުކާރުގެ މިއަދުގެ އަމާޒަކީ މައިމީހާގެ ފަރާތުން އެޗްއައިވީ، ސިފްލިސް އަދި ހެޕަޓައިޓެސްބީ ވާސިލުވުން ނައްތާލެވިފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް މިހާރު ކުރެވެމުންދާ މަސައްކަތް، ބާރު ސްޕީޑުގައި ގެންގޮސް ފެށޭ 2025 ވަނަ އަހަރު ނިމުމުގެ ކުރީން ޑަބްލިއުއެޗްއޯ ގަބޫލުކުރާ ފެންވަރަށް އެކަން ހާސިލްވެފައިވާ ގައުމެއްގެ ގޮތުގައި އެ ލަނޑުދަނޑި ހާސިލްކުރުން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު ވަނީ ލަނޑުދަނޑިތައް ހާސިލުކުރެވޭނީ ފަންނުވެރި އަދި ޢިލްމީ ދާއިރާގެ ބޭފުޅުންގެ ލަފަޔާއެކުގައި ކަމަށް ވިދާޅުވެފައެވެ.