ނަންރީތީމާ ނުވަތަ އިނގިރޭސިބަހުން ބުނާނަމަ 'ބަޓަފްލައި ޕީ ފްލާވާ' އަކީ އޭޝިއާގެ އިތުރުން ދިވެހީންގެ ތެރޭ ވެސް ވަރަށް ބޮޑަށް މަގުބޫލު ބަލައިލަން ވެސް ރީތި މަލެކެވެ.
މި މަލަކީ ރާއްޖޭގެ ވަރަށް ގިނަ ގޭގޭ ބަގީޗާ ފަޅުފިލުވައިދޭ ހިތްގައިމު މަލެކެވެ. ވެޔޮގަނޑެއްގައި އަޅާ މި މަލަކީ ގޭތެރޭގައި ހައްދަން ވެސް ފަސޭހަ ވަރަށް ބޮޑު ސަރަޙައްދަށް ފެތުރޭ އެއްޗެކެވެ.
މި މަލުގެ ރީތިކަމާއި ގުދުރަތީ ގޮތުން މި މަލަށް ލިބިފައިވާ ހިތްގައިމު ކުލައިގެ ސަބަބުން މިއީ ކަލީނަރީ އާޓްސްއަށް ވަރަށް ގިނައިން ބޭނުންކުރެވޭ މަލެކެވެ.
ރީތިކަމާ އެއްވަރަށް ނަންރީތިމާ މިއީ ވަރަށް ގިނަ ފައިދާތައް އޭގައި އެކުލެވޭ މަލެކެވެ. މި މަލުން ލިބިދޭ ފައިދާތަކުގެ ސަބަބުން ކޮންމެ ދުވަހަކު ވެސް މިއީ ކެއުމުގައި ހިމަނާލެވިދާނެ މަލެކެވެ.

ނަންރީތިމަލަކީ ގޭތެރޭގައި ފަސޭހައިން ހައްދާލެވޭ ގަހެއް--ފޮޓޯ/ޕިންޓްރެސްޓް
އެމެރިކާއަށް ނިސްބަތްވާ ރެޖިސްޓަޑް ޑައިޓީޝަން ޖިލިއަން ކުބާލާ މުތާލިއާ ކޮށްފައިވާ ލިޔުމެއްގައި ބުނެފައިވާ ގޮތުގައި، ނަންރީތިމަލަކީ ނުވަތަ ނޫކުލައިގެ މަލުގެ ގޮތުގައި ގިނަބަޔަކު ސިފަކުރާ މި މަލުން ހިތުގެ ބަލިތަކާއި، ސިކުނޑީގެ ދުޅަހެޔޮކަން، އެންޓި ޑައިބެޓިކް އަދި ކެންސަރުގެ ބަލިތަކުން ހަށިގަނޑަށް ރައްކާތެރިކަން ހޯދައިދެއެވެ.
މި މަލަކީ ވަރަށް ގިނަ ބަޔަކު ހާބަލް ސައެއްގެ ގޮތުގައި ތައްޔާރުކޮށްގެން ބުއިމަށް ބޭނުންކުރާ މަލެކެވެ. ސައި ތައްޔާރުކޮށް ނިމޭއިރު ވަރަށް ހިތްގައިމު ނޫކުލައަކަށް ސައި ކެއްކި ފެންގަނޑުގެ ކުލަ ބަދަލުވެއެވެ.
ޑައިޓީޝަން ޖިލިއަން ކުބާލާ ބުނިގޮތުގައި 'ބަޓަފްލައި ޕީ ފްލާވާ'އިން ތައްޔާރުކުރާ ސަޔަށް ކުލަ އަރަނީ އޭގައި އެކުލެވޭ އެންޓިއޮކްސިޑެންޓް ޕިގްމެންޓެއް ކަމަށްވާ އެންތޮކަޔަނިންސްގެ ސަބަބުން ކަމަށެވެ. މިއީ މި ނޫނަސް ނޫކުލަ އަދި ދަނބު ކުލައިގައި ހުންނަ މޭވާ އާއި ތަރުކާރީގައި އާއްމުކޮށް އެކުލެވޭ މާއްދާއެކެވެ.

ބަޓަފްލައި ޕީ މަލަކީ އެކި ވައްތަރުގެ ހާބަލް ސައި ތައްޔާރު ކުރުމަށް ބޭނުންކުރުމުގެ އިތުރުން ގަދީމީ ބޭސްވެރިކަމަށް ވެސް ބޭނުންކުރާ ބާވަތެއް--ފޮޓޯ
ހަމައެއާއެކު ހަށިގަނޑުގައި ހިނގާ މެޓަބޮލިކް ރިއެކްޝަންތަކުން ހަށިގަނޑު ރައްކާތެރިކޮށްދޭ އެންޓިއޮކްސިޑެންޓްސްއިން ނަންރީތިމާ މުއްސަނދިވެފައިވާއިރު މިއީ ބަރުދަން ލުއިކުރުމަށް ބޭނުންވާ މީހުންނަށް ވެސް ވަރަށް ރަގަޅު މަލެކެވެ.
ހަށިގަނޑުގެ ކޮލެސްޓްރޯލް ލެވެލް އެއްވަރެއްގައި ހިފަހައްޓައިދީ އިންސިއުލިންގެ ދަށްކޮށްދީ ލޭގައިވާ ހަކުރުގެ މިންވަރު ކޮންޓްރޯލްކޮށް، ލޭގެ ޕްރެޝަރު ވެސް އެއްވަރެއްގައި ބެހެއްޓުމަށް ވެސް މި މަލަކީ އެހީއެއް ކަމަށް ޑައިޓީޝަން ޖިލިއަން ކުބާލާ މުތާލިއާކޮށްފައިވާ ލިޔުމުގައި ވަނީ ބުނެފައެވެ.
މި މަލުން ތައްޔާރުކުރެވޭ ކާނާ ނުވަތަ ބުއިންތައް އެއްފަހަރާ މާގިނައިން ބޭނުންކުރާނަމަ މޭނުބައިކުރުން، ބަނޑަށް ތަދުވުން އަދި ބޭރަށްހިންގުން ފަދަ ކަންކަން މެދުވެރިވުމަކީ ފެނިދާނެ ސައިޑް އިފެކްޓްސް ކަމަށް ޖިލިއަންގެ ލިޔުމުގައި ވަނީ ބުނެފައެވެ.
މިފަދަ ކަމެއް ދިމާވެއްޖެނަމަ ވީހާ ވެސް އަވަހަކަށް ސިއްހީ މާހިރެއްގެ ލަފާ ހޯދުން އެދެވިގެންވެއެވެ.