އިންޑިއާގެ މަޝްހޫރު މިއުޒީޝަން ޒާކިރު ހުސައިން މަރުވެއްޖެ

އިންޑިއާގެ އިތުރުން ބޭރު ޤައުމުތަކުގެ ވެސް ވަރަށް ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ އިންޑިއާގެ މިއުޒީޝަން ޒާކިރު ހުސައިން މަރުވެއްޖެއެވެ.

ޒާކިރު ހުސައިން މަރުވުމާ ގުޅިގެން އެ އާއިލާއިން ނެރުނު ރަސްމީ ބަޔާނުގައި ބުނެފައި ވަނީ ޒާކިރު މަރުވެފައި ވަނީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

ޒާކިރު ދިޔައީ ދިގު މުއްދަތެއް ވަންދެން ފުއްޕާމޭއަށް ދިމާވި ސީރިއަސް ބައްޔެއް ކަމަށްވާ އިޑިއޮޕެތިކް ޕަލް މެނަރީ ފައިބްރޮސިސް (އައިޕީއެފް)އަށް ފަރުވާ ހޯދަމުންނެވެ. ޒާކިރު މަރުވުމުގެ ކުރިން އިއްޔެގެ ވަގުތެއްގައި މަޝްހޫރު ނޫސްވެރިޔާ ޕަރުވޭޒް އާލަމް ވަނީ ޒާކިރުއަށް އެމެރިކާގެ ސެން ފްރެންސިސްކޯގެ ހޮސްޕިޓަލެއްގައި އެޑުމިޓްކޮށް ފަރުވާ ދެމުން އަންނަ ކަމަށާއި ހެޔޮއެދޭ ހުރިހާ ފަރާތްތަކުން ވެސް ހެޔޮ ދުޢާކޮށް ދިނުމަށް އެދިފައެވެ.

ޒާކިރު ހުސައިން އަންހެނުން އެންޓޯނިއާ އަދި އާއިލާގެ މެމްބަރުންނާ އެކު--ފޮޓޯ/އެންޑީޓީވީ

ޢުމުރުން 73 އަހަރުގައި ޒާކިރު ހުސައިން މަރުވިއިރު އަތްނބަކާއި ދެ ކުދިން އެބަތިއްބެވެ. ޒާކިރު ހުސައިނަކީ އިންޑިއާގެ ކްލެސިކަލް މިއުޒިކްގައި ބޭނުންކުރާ އެންމެ ދުވަސްވީ އެއް މިއުޒިކީ ސާމާނު ކަމަށްވާ 'ތަބްލާ' ކުޅުމުގެ ހުނަރާ އެކު ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ފަންނާނެކެވެ.

ޒާކިރުއެކޭ އެއްގޮތަށް ޒާކިރުގެ ބައްޕައަކީ ވެސް 'ތަބްލާ' ކުޅުންތެރިއެކެވެ. އިންޑިއާގެ އިތުރުން ބައިނަލްއަޤްވާމީ ސްޓޭޖްތަކަށް އިންޑިއަން ކްލެސިކް މިއުޒިކް ތައާރަފް ކޮށްދިނުމުގައި ޒާކިރު ވަނީ ވަރަށް މުހިއްމު ދައުރެއް ކުޅެފައެވެ.

އިންޑިއާގެ ސަރުކާރުން ފަންނާނުންނަށް ދޭ އެންމެ މަތީ ޝަރަފު ޒާކިރު ހުސައިނަށް އަރުވާފައި ވާއިރު، މިއުޒިކީ ދާއިރާއިން މިހާތަނަށް ތިން ގްރެމީ އެވޯޑު ޒާކިރު ވަނީ ކާމިޔާބުކޮށްފައެވެ.

އުސްތާޛުގެ ނަމުން މިއުޒިކް އިންޑަސްޓްރީގެ ގިނަ ބަޔަކު މުޚާތަބް ކުރާ މިއުޒީޝަން މަރުވުމާ ގުޅިގެން މިހާތަނަށް ފިލްމު އިންޑަސްޓްރީގެ އިތުރުން އާއްމުންގެ ގިނަ ބަޔަކު އަންނަނީ ތައުޒިއްޔާގެ މެސެޖުތައް ފޮނުވަމުންނެވެ.

comment ކޮމެންޓް