ފިލްމު "ޕުޝްޕާ 2"ގެ ސްކްރީނިންގްއަށް ތިއޭޓަރަށް ދިޔަ އާއްމުންގެ ތެރެއިން އަންހެނަކު މަރުވި ހާދިސާއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތެލުގޫ އެކްޓަރު އައްލޫ އަރުޖުން ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފިއެވެ.
އިއްޔެގެ ވަގުތެއްގައި ޓެލަންގާނާ ފުލުހުން އައްލޫ އަރުޖުން ހައްޔަރުކުރީ ފިލްމު "ޕުޝްޕާ 2"ގެ ސްކްރީނިންގްއަށް ދިޔަ މީހުންގެ ތެރެއިން މަރުވި އަންހެން މީހާގެ އާއިލާއިން އައްލޫއާ ދެކޮޅަށް ހުށަހެޅި މަސައްލައާ ގުޅިގެންނެވެ. ނަމަވެސް ފުލުހުން އައްލޫ އަރުޖުން ހައްޔަރު ކުރިތާ މާގިނަ އިރުތަކެއް ނުވެ އިންޑިއާގެ ހައިކޯޓުން ވަނީ ކަފާލާތުގެ ދަށުން އެކްޓަރު ދޫކޮށްލާފައެވެ.
ކަފާލާތުގެ ދަށުން އައްލޫ އަރުޖުން ދޫކޮށްލި ވަގުތު އެކްޓަރުގެ ބައްޕަ އައްލޫ އަރަވިންދު އަދި ބަފާބެ ވަނީ ދޫކޮށްލި ޖަލު ކައިރިއަށް އެކްޓަރު ބަލާ ގޮސްފައެވެ. ޖަލުން ނުކުމެ އައްލޫ އަރުޖުން ވަނީ އެވަގުތު އެތަނަށް އެއްވެތިބި މީޑިއާ ރިޕޯޓަރުންނާ މުހާތަބުކޮށް ވާހަކަ ދައްކާފައެވެ.
ސައުތު ސިނަމާގެ ކާމިޔާބު އެކްޓަރު ބުނިގޮތުގައި އޭނާގެ ސަޕޯޓަރުން ވެސް އަދި އާއިލާގެ މީހުން ވެސް ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް އެ މައްސަލައިގައި ނުވާ ކަމަށެވެ. އެކްޓަރު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދި ގޮވަމުން ދިޔަ އޭނާގެ ސަޕޯޓަރުންނަށާއި އިންޑަސްޓްރީގެ ހުރިހާ އެންމެންނަށް ވެސް އެ ފުރުސަތުގައި އައްލޫ ވަނީ ޝުކުރު އަދާކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ގާނޫނީ ގޮތުން ދޭންޖެހޭ އެއްބާރުލުން އެކްޓަރުގެ ފަރާތުން ލިބޭނެ ކަމަށާއި އޭނާއަކީ ޤަވައިދާ ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތާ ފަރުދެއް ކަމަށް ވަނީ ބުނެފައެވެ. ބެލުންތެރިންނެކޭ އެއްގޮތަށް އައްލޫ ވެސް ސިނަމާއަށް ދިޔައީ އަމިއްލަ ފިލްމު ބަލަން ކަމަށާއި އެފަދަ ހާދިސާއެއް ހިނގާނެކަމަށް އުއްމީދު ނުކުރާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
އައްލޫ އަރުޖުން ބުނިގޮތުގައި ސަޕޯޓަރުންނާ އެކު ސިނަމާއަށް ފިލްމު ބަލަންދާތާ މިހާރު 20 އަހަރު ވެފައިވާއިރު ގާތްގަނޑަކަށް 30ހަކަށް ފަހަރު ތިއޭޓަރަށް އެގޮތަށް ދެވިފައިވާނެއެވެ. އައްލޫ އަކީ އެކްޓަރުންގެ ސަޕޯޓަރުން ދެކެ ވަރަށް ލޯބިވާ މީހެއް ކަމަށާއި އެ ހާދިސާގައި މަރުވި ރެވަތީ ނަމަކަށް ކިޔާ އަންހެންމީހާގެ އާއިލާއަށް އައްލޫ އަރުޖުންގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
މި ހާދިސާގައި މަރުވި ރެވަތީގެ ފިރމީހާ ވަނީ އެ އާއިލާއިން އައްލޫ އަރުޖުންއާ ދެކޮޅަށް ހުށަހެޅި މައްސަލަ އަނބުރާ ނަގަން ބޭނުންވާ ކަމަށް މީޑިއާގައި ބުނެފައެވެ.
އައްލޫ އަރުޖުންގެ ވަކީލު މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ޓެލަންގާނާ ފުލުހުން އެކްޓަރު ހައްޔަރު ކުރުމަށްފަހު ދޫކޮށްލާފައި ވަނީ ހައިކޯޓުން އަމުރު ނެރުނުތާ އެތައް އިރެއް ފަހުން ކަމަށާއި އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.