ޖާންވީ ކަޕޫރު އަދި ސިދާތު މަލްހޯތުރާ--ފޮޓޯ/ބޮލީވުޑްހަންގާމާ

މިފަހަކަށް އައިސް ގިނައިން އެކްޝަން ފިލްމުތަކުން ފެނިފައިވާ ބޮލީވުޑްގެ އެކްޓަރު ސިދާތު މަލްހޯތްރާ ރީތި ލޯބީގެ ފިލްމަކަށް ތައްޔާރު ވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ ހަފްތާތެރޭ ޝޫޓިންގް ފެށިފައިވާ މި ފިލްމުގެ ނަމަކީ "ޕަރަމް ސުންދަރީ"އެވެ. ރިޕޯޓުތައް ބުނާގޮތުން ސިދާތުއާއެކު މި ފިލްމުން ބަތަލާގެ ރޯލްއިން ފެންނާނީ ބޮލީވުޑްގެ އުއްމީދީ ބަތަލާ ޖާންވީ ކަޕޫރެވެ.

ފިލްމީ ޚަބަރުތައް ބުނާގޮތުން ޖާންވީ ފިލްމުގެ ސެޓާ ގުޅޭނީ ފެށޭ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައެވެ. މި ފިލްމުގައި ސިދާތު ކުޅެން ހަމަޖެހިފައި ވަނީ ނިއު ދިއްލީއަށް ނިސްބަތްވާ ޒުވާން، ކާމިޔާބު ބިޒްނަޒް ޓައިކޫންއެއްގެ ރޯލެވެ.

ޖާންވީ ފިލްމުގައި ކުޅެން ހަމަޖެހިފައި ވަނީ ވަރަށް މިނިވަންކަމާ އެކު ކުރެހުމުގެ ދާއިރާގައި މަސައްކަތްކުރާ ކެރެލާއަށް ނިސްބަތްވާ އާޓިސްޓެއްގެ ރޯލެވެ.

ފިލްމީ ތަރި ޖާންވީގެ އެންމެ ފަހުން ރިލީޒްވި ފިލްމު "ދޭވަރާ"ޕާޓް 1"ގެ މަންޒަރެއްގައި ބަތަލާ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މި ފިލްމުން މުޅިން ދެ ސްޓޭޓަކަށް ނިސްބަތްވާ ދެ މީހެއްގެ ލޯބީގެ ވާހަކަ ގެނެސްދޭނެއިރު އިންޑިއާގެ އުތުރާއި ދެކުނުގެ ދިރިއުޅުންތަކުގެ ފަރަގުތަކާއެކު ދެ ތަރިންގެ ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތައް މި ފިލްމުން ފެންނާނެއެވެ.

މި ފިލްމަކީ ސިދާތުއާ އެކު ޖާންވީ މަސައްކަތް ކުރާނެ ފުރަތަމަ ފިލްމެވެ. ދިނޭޝް ވީޖަން ޕްރޮޑިއުސްކުރާ މި ފިލްމަކީ މަޝްހޫރު ހޮރޯ ކޮމެޑީ ފްރެންޗައިސްތަކުގެ އިތުރުން އިތުރު ޖޯންރާގެ ފިލްމުތައް ބެލުންތެރިންނަށް ގެނެސްދިނުމަށް ޕްރޮޑިއުސަރު ފަށާ މަސައްކަތެއް ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.

ސިދާތު މަލްހޯތުރާގެ އެންމެ ފަހުން ރިލީޒް ވެފައިވާ ފިލްމަކީ ދަރުމާ ކުންފުނިން ގެނެސްދިން އެކްޝަން ތުރިލާ "ޔޮދާ"އެވެ. ބަތަލާ ޖާންވީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ސެޕްޓެމްބަރު މަހު ރިލީޒްވެ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ތެލުގޫ ފިލްމު "ދޭވަރާ: ޕާޓް-1"އެވެ.

comment ކޮމެންޓް