އުޅަނދުތަކުގެ އަހަރީ ފީއާއި ޖޫރިމަނާ ފައިސާ ބަހައިލައިގެން ދެއްކުމަށް ފުރުސަތެއް

ސިނަމާލެ ބްރިޖް ސަރަހައްދުގައި ހަވީރު ބާރުބޮޑުވުން: އުޅަނދުތަކުގެ އަހަރީ ފީއާއި ޖޫރިމަނާ ފައިސާ ބަހާލައިގެން ދެއްކުމަށް ފުރުސަތެއް ވަނީ ފަހިކޮށްދީފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުން ކޮންމެ އަހަރަކު އެއް ފަހަރު ދައްކަން ޖެހޭ ފީއާއި އަހަރީ ފީ ނުދެއްކުމުގެ ސަބަބުން އަރައިފައިވާ ޖޫރިމަނާގެ ފައިސާއާއި އެ ނޫން ވެސް ޖޫރިމަނާގެ ފައިސާ، އިންސްޓޯލްމެންޓް އުސޫލުން ބަހައިލައިގެން ދެއްކުމުގެ ފުރުސަތު ދީފިއެވެ.

އަހަރީ ފީއާއި ޖޫރިމަނާ ފައިސާގެ ތެރެއުން ނުދައްކާ ހުރި ފައިސާ އެކީ އެއް ފަހަރާ ދައްކަން ދަތިވާ މީހުންނަށް ލުއިފަސޭހަ ގޮތެއްގައި އެ ފައިސާ ދައުލަތަށް ދެއްކޭނެ މަގު ފަހިކޮށްދިނުމަށް ޓަކައި އެކުލަވައިލައިފައިވާ ގަވައިދެއް މިއަދު ގެޒެޓުކޮށް، އަމަލުކުރަން ވަނީ ފަށައިފައެވެ.

އެ ގަވައިދުގައި ވަނީ ބަހައިލައިގެން ފައިސާ ދައްކަން ބޭނުންވާ މީހުން އެކަމަށް އެދި ޓްރާންސްޕޯޓް މިނިސްޓްރީއަށް ލިޔުން ހުށަހަޅަން ވާނެ ކަމަށެވެ. އެ ފުރުސަތު ދިނުމުގައި ބަލާ ޝަރުތުތަކަކީ:

  • ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު 10،000 ރުފިޔާއަށް ވުރެ އިތުރުވެފައިވުން
  • އެ ފައިސާއަކީ ފައިސާ ދެއްކުމުގެ ސުންގަޑީ ފާއިތުވެފައިވާ ފައިސާއަކަށްވުން
  • މި ގަވައިދުގެ ދަށުން ފައިސާ ބަހައިލައިގެން ދެއްކުމަށް ހުށަހެޅުން
  • މީގެ ކުރިން ބަހައިލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދީފައިވާ ފަރާތަކަށް ނުވުން
  • އެދޭ ފަރާތަކީ އުޅަނދުގެ ވެރިފަރާތް ކަމުގައިވުން

އެ ޝަރުތުތައް ހަމަވާ މީހުންގެ ތެރެއިން، ބަހައިލައިގެން ފައިސާ ދެއްކުމަށް މިނިސްޓްރީއާއެކު އެއްބަސްވުމެއް ހަދާނީ، އެ މީހަކު ދައްކަން ޖެހޭ ފައިސާގެ އަަދަދުގެ ކޮންމެވެސް މިންވަރެއް 'ކޮމިޓްމެންޓް ފީ'ގެ ގޮތުގައި ދެއްކުމުންނެވެ. އެ އަަދަދުތައް ގަވައިދުގައި ތަފުސީލުކޮށްދީފައިވާއިރު، އޭގެ ތެރޭގައި، 5،000އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދެއް ދައްކަން ޖެހޭ މީހަކު ކޮމިޓްމެންޓް ފީގެ ގޮތުގައި އެ ފައިސާގެ 18 ޕަސެންޓް ދައްކަން ޖެހެއެވެ. އެ ފައިސާ ދެއްކުމުން ހަދާ އެއްބަސްވުމުގެ ދަށުން 10 މަހަށް ބަހައިލައިގެން އެ މީހަކަށް ފައިސާ ޚަލާސްކުރެވޭނެއެވެ.

އެ އިންސްޓޯލްމެންޓް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކައި، މަގުބޫލު އުޒުރެއް ނެތި 30 ދުވަސް ވެއްޖެ ނަމަ އެއްބަސްވުން ބާތިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީއަށް ލިބިދީފައިވެއެވެ.

ޓްރެފިކް މައްސަލަތަކުގައި ކޮންމެ އަހަރަކު ވެސް ބޮޑު އަދަދުތަކުން މީހުން ޖޫރިމަނާކުރެއެވެ. ނަމަވެސް އެކި ފަހަރު މަތިން ސަރުކާރުން ޖޫރިމަނާތައް މާފުކޮށްފައި އެބަހުއްޓެވެ.

comment ކޮމެންޓް