ފިލްމު "މަރުދާނީ 3"އަކީ ކުށުގެ ނުރައްކާތެރިކަން އިންތިހާއަށް ފެންނާނެ ފިލްމެއް

ބަތަލާ ރާނީ މުކަރުޖީ ފިލްމު "މަރުދާނީ"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ޔަޝް ރާޖް ފިލްމްސްގެ މަގުބޫލު ފްރެންޗައިސް "މަރުދާނީ"ގެ ތިންވަނަ ފިލްމުގެ މަސައްކަތް ފެށޭ އަހަރުގެ އޭޕްރިލް މަހު ފަށާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

ބަތަލާ ރާނީ މުކަރުޖީ ޖެހިލުން ކުޑަ ފުލުސް އޮފިސަރެއްގެ ރޯލް ކުޅޭ މި ފިލްމުގެ ތިން ވަނަ ބަޔަކީ ކުރީގެ ދެ ފިލްމަށް ވުރެ ކުށުގެ އަނދިރި މާހައުލެއް ދައްކައިދޭނެ ނުރައްކާތެރި އަދި އަނިޔާވެރި ފިލްމަކަށް ވާނެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. މި ފިލްމާ ބެހޭގޮތުން އިންޑިއާގެ ޓްރޭޑް އެނަލިސްޓު ތަރަން އާދަޝް އެކްސްގައި ކުރި ޕޯސްޓުގައި ބުނެފައި ވަނީ ވައި އާރް އެފްގެ އެންމެ ކާމިޔާބު އެއް ފްރެންޗައިސް "މަރުދާނީ 3" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ 2026ވަނަ އަހަރު ކަމަށެވެ.

މި ފިލްމާ ގުޅޭގޮތުން ތަންކޮޅެއް ކުރިން ރާނީ މުކަރުޖީ މީޑިއާއަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ނިމި ފިލްމަށް ކާސްޓުން ހޮވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އެކްސްގައި ޕޯސްޓުކޮށްފައިވާ ފިލްމު "މަރުދާނީ 3"ގެ ޕޯސްޓަރެއް--ފޮޓޯ/އެކްސް

މި ފްރެންޗައިސްގެ ތިން ވަނަ ބައިގެ ސްކްރިޕްޓް ވެސް ތައްޔާރު ކުރަނީ ކުރީގެ ދެ ފިލްމަށް ސްކްރިޕްޓް ތައްޔާރުކޮށްދިން ލިޔުންތެރިޔާ ގޯޕީ ޕުތުރާން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

މީގެއިތުރުން ކުރީގެ ދެ ފިލްމާ އެއްގޮތަށް ތިންވަނަ ފިލްމުގެ ވެސް ޕްރޮޑިއުސަރަކީ ރާނީގެ ފިރިމީހާ އަދިތިޔަ ޗޯޕްޅާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބަތަލާގެ އެންމެ ފަހު ފިލްމަކީ 2023ވަނަ އަހަރު ރިލީޒްކުރި ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ"އެވެ. ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފެއްދި މި ފިލްމުން ބަތަލާއަށް ވަނީ މި އަހަރުގެ އައިފާ އެވޯޑްސްގެ އެންމެ މޮޅު ބަތަލާގެ އެވޯޑު ވެސް ލިބިފައެވެ.

comment ކޮމެންޓް