ހައްޔަރުކުރި ޑްރައިވަރުންގެ ތެރެއިން އެކަކު ދޫކޮށްލައި، ދެމީހުންގެ ބަންދަށް ފަސް ދުވަސް

ހުޅުމާލޭގައި އިއްޔެ ކުރިއަށްގެންދިޔަ ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖުގެ ތެރެއިން -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ހުޅުމާލޭގައި އިއްޔެ ކުރިއަށްގެންދިޔަ ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ތެރެއިން އެކަކު ދޫކޮށްލައި، ދެ މީހުންގެ ބަންދަށް ފަސް ދުވަސް މިއަދު ޖަހައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ހިއްސާކުރި މެސެޖެއްގައި ވަނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު އެކަކު ދޫކޮށްލިކަމަށެވެ.

ދެން ތިބި ދެ މީހުންގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފައެވެ.

ސަރުކާރަށް އަހަރުވެގެންދިޔައިރު، ޓެކްސީ ޑްރައިވަރުން ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީފައިނުވާ ކަމަށް ބުނެ، ޓެކްސީ ޑްރައިވަރުން އިހުތިޖާޖުކުރަން ފެށީ އިއްޔެ 6:30 ހާއިރެވެ.

މި އިހުތިޖާޖުގައި އެ މީހުން ގޮލާވާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި:

  • ސަރުކާރުން ޓެކްސީ ފްލީޓު ވުޖޫދަށް ނުގެންނާނެ ކަމަށް އިއުލާން ކުރުން
  • ވޭން ދަތުރުގެ އަގުތައް ކުރިން އޮތް ގޮތަށް ބަދަލުކުރުން
  • މާލެ އަދި އެއާޕޯޓުގެ ޓްރެފިކް ފްލޯ ފަސޭހަވާނެ ގޮތަށް ހެދުން
  • ފަސޭހައިން ދަތުރު ނެގޭނެ މާހައުލެއް ފަހިކޮށްދިނުން
  • ޓެކްސީ ޑްރައިވަރުންގެ ދަފްތަރު އަލުން ހުޅުވައިލުން
  • މާލޭގައި ޕާކު ކުރެވޭނެ ނިޒާމެއް ގާއިމްކުރުން

އިހުތިޖާޖު ހޫނުވީ، އެ ޑްރައިވަރުންގެ ޑިމާންޑުތަކަށް ޖަވާބެއް ލިބުމެއް ނެތި ގިނައިރުވެ، ހުޅުމާލެއިން ހައިވޭއަށް އެރެން އޮންނަ މަގަށް ޑްރައިވަރުން ނިކުމެ ބަންދުކުރުމުންނެވެ.

https://sun.mv/200111

އެއާއެކު ވަަރަށް ބޮޑަށް ޓްރެފިކް ބްލޮކްވެ، މުޅި ސަރަހައްދު އޮތީ ތޮއްޖެހިފައެވެ.

އެހެންވެ، ފުލުހުން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވެ އިހުތިޖާޖު ރޫޅާލައި މަގު ހުޅުވޭތޯ މަސައްކަތް ކުރިއެވެ. އަދި އިހުތިޖާޖުގައި ބޭނުންކުރި ބައެއް ޓެކްސީތައް ފުލުހުން ރޭ ވަނީ ޓޯކޮށްފައެވެ.

comment ކޮމެންޓް