ސެމިކޮންޑަކްޓާ އުފައްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި މައިކްރޯން ޓެކްނޮލޮޖީއަށް އެމެރިކާއިން 6.1 ބިލިއަން ޑޮލަރުގެ ސަބްސިޑީއެއް ދޭން ނިންމައިފިއެވެ.
މިދިޔަ އަންގާރަ ދުވަހު އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން މައިކްރޯން ޓެކްނޮލޮޖީއަށް 6.165 ބިލިއަން ޑޮލަރުގެ ސަރުކާރު ސަބްސިޑީއެއް ދިނުމަށް ނިންމާފައިވާއިރު، މި ސަބްސިޑީ ދެވެނީ ނިއުޔޯކް އަދި އައިޑަހޯގައި ސެމިކޮންޑަކްޓާ އުފެއްދުމަށްޓަކައެވެ.
މި ފަންޑިން އިން މައިކްރޯންގެ ދިގު މުއްދަތުގެ ޕްލޭނަށް އެހީތެރިވެދޭނެއެވެ. އެ ޕްލޭނުގެ ދަށުން ނިއުޔޯކްގައި 100 ބިލިއަން ޑޮލަރު އަދި އައިޑަހޯގައި 25 ބިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ވަނީ ރޭވިފައެވެ. މިއީ 2022ވަނަ އަހަރުގެ ޗިޕްސް އެންޑް ސައިންސް އެކްޓްގެ ދަށުން ޗިޕް ކުންފުނިތަކަށް ދެވޭ އެންމެ ބޮޑެތި ސަރުކާރު އެވޯޑުތަކުގެ ތެރެއިން އެވޯޑެކެވެ.
އާ ފަންޑިންގެ ތެރެއިން 4.6 ބިލިއަން ޑޮލަރު ދެވެނީ ނިއުޔޯކަށް އަދި 1.5 ބިލިއަން ޑޮލަރު ދެވެނީ އައިޑަހޯއަށެވެ. މީގެ އިތުރުން، ކޮމާސް ޑިޕާޓްމަންޓުން ވަނީ މައިކްރޯންއަށް 275 މިލިއަން ޑޮލަރުގެ އިތުރު ފަންޑިންއެއް ދިނުމަށް އިބްތިދާއީ އެއްބަސްވުމަކަށް އާދެވިފައެވެ. މި ފައިސާ ބޭނުންކުރެވޭނީ ވާޖީނިއާގެ މަނާސަސްގައި ހުރި ފެސިލިޓީ ތަރައްޤީކޮށް މޮޑަނައިޒް ކުރުމަށެވެ.
މި އިންވެސްޓްމަންޓްތަކުގެ ސަބަބުން ގާތްގަނޑަކަށް 20,000 ވަޒީފާ އުފެދޭނެ ކަމަށް ބެލެވެއެވެ. އަދި 2035ވަނަ އަހަރާ ހަމައަށް އެޑްވާންސްޑް މެމޮރީ ޗިޕް އުފެއްދުމުގައި އެމެރިކާގެ ހިއްސާ ދެ އިންސައްތައިން 10 އިންސައްތައަށް އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.
މައިކްރޯން ވަނީ ނިއުޔޯކް ސްޓޭޓްގެ މެދުތެރޭގައި 1,400 އޭކަރުގެ މެގަ ކެމްޕަހެއްގައި ޑައިނަމިކް ރޭންޑަމް-އެކްސެސް މެމޮރީ (ޑީރާމް) ޗިޕްތައް އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. މި ޗިޕްތަކަކީ ޕާސަނަލް ކޮމްޕިއުޓިން، ކާރު، އިންޑަސްޓްރިއަލް އޮޕަރޭޝަންތައް، ވަޔަލެސް މުވާސަލާތު އަދި އާޓިފިޝަލް އިންޓެލިޖެންސްގެ މުހިންމު ބައިތަކެކެވެ.
މައިކްރޯންގެ ސީއީއޯ ސަންޖޭ މެހްރޯޓްރާ ވިދާޅުވީ މި އެވޯޑުގެ ސަބަބުން "އިޤްތިޞާދީ ކުރިއެރުން ހޯދުމަށް މަގުފަހިވެ، އެމެރިކާ ޓެކްނޮލޮޖީގެ ރޮނގުން އެންމެ ކުރީ ސަފުގައި ދެމިހުރުމަށް މަގުފަހިވާނެ" ކަމަށެވެ.
އަންގާރަ ދުވަހު މައިކްރޯންގެ ހިއްސާ ވަނީ އެއް އިންސައްތައަށްވުރެ ދަށަށް ގޮސްފައެވެ.
ވައިޓް ހައުސްއިން ބުނެފައިވަނީ މި އިންވެސްޓްމަންޓްތަކުގެ ސަބަބުން "ޑިފެންސް އިންޑަސްޓްރީ، އޮޓޯމޯޓިވް ސެކްޓާ އަދި ނެޝަނަލް ސެކިއުރިޓީ ކޮމިއުނިޓީން ބަރޯސާވާ ކްރިޓިކަލް ޓެކްނޮލޮޖީއެއް އޮންޝޯ ކުރުމަށް" އެހީތެރިވެދޭނެ ކަމަށެވެ.
ރައީސް ޖޯ ބައިޑެންގެ އިދާރާއިން ވަނީ އިންޓެލްއަށް 7.86 ބިލިއަން ޑޮލަރު، ޓައިވާން ސެމިކޮންޑަކްޓާ މެނުފެކްޗަރިން ކޯގެ ޔޫއެސް ޔުނިޓަށް 6.6 ބިލިއަން ޑޮލަރު އަދި ގްލޯބަލްފައުންޑްރީޒްއަށް 1.5 ބިލިއަން ޑޮލަރު ހިމެނޭ ގޮތަށް އެތައް ސަބްސިޑީއެއް ދިނުމަށް ނިންމާފައެވެ.
މި ފައިނަލް އެވޯޑުތައް ދެވެނީ މި ޕްރޮގްރާމްއާމެދު ފާޑުކިޔާފައިވާ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް މަޤާމާ ހަވާލުވުމުގެ ހަފުތާތަކެއް ކުރިންކަން ފާހަގަކޮށްލަން ޖެހެއެވެ.