އައްޑޫ ސިޓީ ހިތަދޫ ކިނބިވައު ސަރަހައްދުން ފުއްޓަރު ފަރާތަށް ކްލޮރިން ފާޓާތަކެއް އެޅި މައްސަލަ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އާއި ފުލުހުން ބަލަން ފަށައިފިއެވެ.
އެ ސަރަހައްދަށް ކްލޮރިން ފާޓާތަކެއް އަޅާފައިވުމުން މަހާއި ބޯވަފަދަ އެތައް ދިރުންތަކެއް މަރުވެގެން އިއްޔެ ވަނީ ލައްގައިފައެވެ. މި މައްސަލަ ސަމާލު ކަމަށް އައިސްފައިވާއިރު، އެއީ ކޮން ބަޔަކު ގެންދިޔަ ކްލޮރިން ފާޓާތަކެއް ކަން އެނގިވަޑައިނުގަންނަވާ ކަމަށާއި، ކޮންމެ ބަޔަކު ވިޔަސް އެއީ ކޮށްގެންވާނޭ ކަމެއް ނޫން ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އެ ސަރަހައްދުން ވަނީ ކްލޮރިން ހުސްކުރި 15 ޓައްޕު ފެނިފައެވެ.

ކިނބި ވައު ސަރަހައްދުގައި ކްލޮރިން ފާޓާތައް: ސިއްހީ އިދާރާއަކުން ވަކި އެއްޗެއް އަންގަންދެން އެ ސަރަަހައްދަށް މޫދަ ނޭރުމަށް އޮތީ އިލްތިމާސްކޮށްފައި --- ފޮޓޯ/ އައްޑޫ ސިޓީ ކައުންސިލް
މި ކަމާ ގުޅިގެން މިރޭ "ސަން"އަށް މައުލޫމާތު ދެއްވަމުން ނިޒާރު ވިދާޅުވީ ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުން ކަމަށާއި، އަދި މައްސަލައިގެ އިތުރު އަޕްޑޭޓެއް ފުލުހުންގެ ފަރާތުން ލިބިފައިނުވާ ކަމަށެވެ. ނިޒާރު ވިދާޅުވި ގޮތުގައި މިއަދު ވެސް ކައުންސިލްގެ ފަރާތުން ވަނީ ކްލޮރިން ފާޓާތައް އަޅާލާފައިވާ ސަރަހައްދަށް ގޮސް އެ ތަނުގެ ހާލަތު ބަލައިފައެވެ. އޭނާ ވިދާޅުވީ އިތުރު މަސްތައް މަރުވެގެން ލައްގާފައިވާ ކަމަށް މިހާރު ފާހަގަނުކެރެވޭ ކަމަށެވެ.
މި ކަމާ ގުޅިގެން ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫ ފުއްޓަރު ފަރާތު މޫދަށް ކްލޮރިން އަޅާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އިއްޔެ ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ މި މައްސަލަ ބަލަމުންދާ ކަމަށެވެ.
މި މައްސަލައިގައި އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް ވެސް، މައްސަލަ ބަލަމުންދާކަން ފިޔަވައި އިތުރު މައުލޫމާތެއް ނުދެއްވައެވެ.
ހިތަދޫ ފުއްޓަރު ފަރާތަށް ކްލޮރިން ފާޓާތަކެއް އެޅި މައްސަލައިގައި އައްޑޫ ސިޓީ ކައުންސިލުން ވަނީ ސިއްހީ އިދާރާއަކުން ވަކި އެއްޗެއް އަންގަންދެން، އެއްވެސް ބަޔަކު އެއްވެސް ބޭނުމެއްގައި އެ ސަރަހައްދަށް މޫދަށް ނޭރުމަށް އިލްތިމާސްކޮށްފައެވެ.
ކްލޯރިން ފާޓާތަކެއް އެޅުމުން، ހިތަދޫ ފުއްޓަރު ފަރާތަށް މަހާއި ކަނޑުގެ އެހެން ދިރުންތައް މަރުވެގެން ލައްގަމުންދިޔަ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައިވަނީ ދައުރުވެފައެވެ.
މި މައްސަލައިގައި އައްޑޫ ނޭޗާ ޕާކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ކްލޮރިންއަކީ މަސްމަހާމެއްސާއި ފަރުތަކާއި ގަސްގަހާގެއްސަށް ގެއްލުންދޭ އެއްޗެއްކަން ފާހަގަކޮށް، އެ ސަރަހައްދަށް މަރުވެގެން ލައްގާފައިވާ ދިރުންތަކުގެ ތެރޭގައި ކަކުންޏާއި ޑިނގާ އަދި ވެމާއި ބޯވަ ވެސް ހިމެނޭ ކަމަށް ނޭޗާ ޕާކުން ބުނެފައިވެއެވެ.
މީގެ އިތުރުން ކްލޮރިން މޫދަށް އެޅުމުން ނުރައްކާތެރި މާއްދާތައް އުފެދޭތީ، އެ ސަރަހައްދަށް ދާއިރު ރައްކާތެރިވުމުގެ ގޮތުން މާސްކެއް އެޅުމަށް އެ ޕާކުގެ މުވައްޒަފުން ވަނީ އެދިފައެވެ.