މިދިޔަ ނޮވެންބަރުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް 1.89 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.
މީރާއިން ބުނީ، މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 13.2 ޕަސަންޓު އިތުރު އަދަދެއް ކަމަށެވެ. އަދި މިއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ 19.7 ޕަސެންޓު އިތުރު އަދަދެކެވެ.
މީރާއިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރުގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު، މި އަހަރުގެ ނޮވެމްބަރުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ މި އަހަރު ބިން ހޯދުމާއި ބަދަލުކުރުމުގެ ފީ އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމެވެ. އަދި މި އަހަރުގެ ނޮވެމްބަރުގައި އެއާޕޯޓު ޓެކުހާއި ފީއާއި ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވެސް އިތުރުވެފައިވާތީއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރާ އަޅައިބަލާއިރު، މި އަހަރުގެ އޮކްޓޯބަރުގައި ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އިންސައްތަ ވެސް ވަނީ 8.5 ޕަސަންޓުން އިތުރުވެފައެވެ. އަދި އެއާޕޯޓު ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވެސް އިތުރެވެ.
މީރާއިން ބުނެފައިވަނީ މި އަހަރުގެ ނޮވެމްބަރުގައި ލިބުނު އާމްދަނީ އަންދާޒާކުރި ވަރަށްވުރެ އިތުރުވެފައިވާއިރު، އެއްފަހަރާ ނަގާ ފީތައް ބަލައިގެންފައިވުމާއެކު އާމްދަނީން ރަނގަޅު ނަތީޖާއެއް ލިބިފައިވާ ކަމަށެވެ.
މި އަހަރުގެ ނޮވެމްބަރުގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 1.09 ބިލިއަން ރުފިޔާ ނުވަތަ ޖުމްލަ އާމްދަނީގެ 57.9 ޕަސަންޓެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބިން ހޯދުމާއި ބަދަލުކުރުމުގެ ފީއިންނެވެ. އެއީ 171.62 މިލިއަން ރުފިޔާ ނުވަތަ އާމްދަނީ 9.1 އިންސައްތައެވެ. މީގެ އިތުރުން ވެސް، އެއާޕޯޓު ޑިވަލޮޕްމެންޓަލް ފީގެ ގޮތުގައި 93 މިލިއަން ރުފިޔާއާއި، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 92.79 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 91.45 މިލިއަން ރުފިޔާ މީރާއަށް ލިބިފައިވެއެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި ވެސް 85.73 މިލިއަން ރުފިޔާވަނީ ލިބިފައެވެ.
މިދިޔަ ނޮވެމްބަރުގައި މީރާއަށް ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 88.17 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.