މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް މިދިޔަ މަހު ލިބުނު އާމްދަނީ ދަށްވެއްޖެއެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު އެ އިދާރާއަށް ލިބުނީ، 2.8 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މީރާއިން ބުނި ގޮތުގައި އެއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 0.8 ޕަސެންޓް ދަށް އަދަދެކެވެ. އަދި މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 11.6 ޕަސެންޓް ދަށް އަދަދެކެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 1.4 ބިލިއަން ރުފިޔާ ކަމަށްވާއިރު، ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 599.2 ބިލިއަން ރުފިޔާއެވެ.
މީގެއިތުރުން، ގްރީން ޓެކުހުގެ ގޮތުގައި 200.36 މިލިއަން ރުފިޔާއާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި 134.33 މިލިއަން ރުފިޔާއާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަށް 122.56 މިލިއަން ރުފިޔާ މީރާއަށް ލިބިފައިވެއެވެ.

ވެލާނާ އެއާޕޯޓުގެ ކައުންޓަރަކުން ޚިދުމަތް ދެނީ: އެއާޕޯޓު ޑިވެލޮޕްމަންޓް ފީއަށް މިދިޔަ މަހު ލިބުނު އާމްދަނީ ވަނީ ދަށްވެފައި --- ފޮޓޯ: އެމްއޭސީއެލް
ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި މިދިޔަ މަހު އެ އިދާރާއަށް ލިބުނީ، 196.34މިލިއަން ރުފިޔާ ކަމަށްވާއިރު، އެ މަހުގައި ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 126.85 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ. މިދިޔަ ޖަނަވަރީ މަހު ޑޮލަރު އާމްދަނީ 180.42 މިލިއަނަށް އަރާއިރު، ފެބްރުވަރީ މަހު ފެނިފައިވަނީ 30 ޕަސެންޓްގެ ދަށްވުމެކެވެ.
މީރާއިން ބުނި ގޮތުގައި، އެ މަހު ލިބުނު އާމްދަނީ ދަށްވީ، ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއާއި އެއާޕޯޓު ޑިވެލޮޕްމަންޓް ފީއާއި ރިޒޯޓުތަކުގެ ކުލިން ލިބުނު އާމްދަނީ ދަށްވެފައިވާތީއެވެ.
އާމްދަނީ ދަށްވި މައިގަނޑު އަނެއް ސަބަބަކީ މިދިޔަ މަހު ޓެކުހުގެ ސުންގަޑިތައް ރަސްމީ ބަންދު ދުވަސްތަކަކާ ދިމާވުމުގެ ސަބަބުން، މި މަހުގެ ދުވަސްތަކަކަށް މުއްދަތު އިތުރުކޮށްފައިވާތީ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ނަމަވެސް، މިދިޔަ އަހަރުގެ ފެބްރުވަރީއާ އަޅައިބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި އެޑްވާންސްކޮށް ދައްކައިފައިވާ ޕޭމަންޓްތައް އިތުރުވެފައިވާކަން މީރާއިން ފާހަގަކުރިއެވެ.

އެއާޕޯޓުގައި ބަޔަކު މަޑުކޮށްލައިގެން -- ފޮޓޯ/ އެމްއޭސީއެލް
މީރާއިން ބުނީ، އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ 11.6 އިންސައްތަ ދަށްވީ، ޖީއެސްޓީން ލިބުނު އާމްދަނީ ދަށްވުމުން ކަމަށެވެ. އަދި، އެއާޕޯޓް ޓެކުހާއި ގްރީން ޓެކުހުން ލިބުނު އާމްދަނީ ދަށްވުމަކީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ ދަށްވާން ދިމާވި ސަބަބެއް ކަމަށް އެ އިދާރާއިން ބުނެއެވެ.
މީރާއަށް މިދިޔަ މަހު ލިބުނު އާމްދަނީގެ 19 އިންސައްތައަކީ، ކުރީގެ ސުންގަޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި، އާމްދަނީގެ 16.9 އިންސައްތަ ލިބުނީ، މީރާއަށް ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންނެވެ.
މިގޮތުން، އެ މަސައްކަތުގެ ތެރެއިން 666 މިލިއަން ރުފިޔާ މިދިޔަ މަހު މީރާއަށް ވަނީ ހޯދާފައެވެ. އޭގެތެރޭގައި ނޯޓިސް ފޮނުވައިގެން ހޯދި 399 މިލިއަން ރުފިޔާއާއި ޑިއުސް ކްލިއަރެންސްގެ ތެރެއިން 156 މިލިއަން ރުފިޔާއާއި އިންސްޓޯލް އެއްބަސްވުމުގެ ދަށުން 61 މިލިއަން ރުފިޔާ ހިމެނެއެވެ.