ނެސްލޭ އިންފެންޓް ފޯމިއުލާގެ ބެޗުތަކެއް ވިހަ މާއްދާއެއް، ސަމާލުވާން އެދެފި

ތަޣައްޔަރުވެފައިވާ އިންފެންޓް ފޯމިއުލާގެ ބައެއް ވައްތަރުތައް --

ރާއްޖޭގެ ފާމަސީތަކުގައި ވެސް ވިއްކާ ނެސްލޭ ކުންފުނީގެ އިންފެންޓް ފޯމިއުލާގެ ބެޗުތަކެއް ތަޣައްޔަރުވެފައިވާތީ ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެމްއެފްޑީއޭއިން ބުނީ ނެސްލޭއިން އުފައްދާ "އެސްއެމްއޭ" ބްރޭންޑުގެ އިންފެންޓް ފޯމިއުލާއާއި، ފޮލޯއަޕް ފޯމިއުލާގެ ބައެއް ބެޗުތަކުން "ސެރެއުލައިޑް" ކިޔާ ވިހަ މާއްދާއެއް ފެނިފައިވާ ކަމަށެވެ.

އެހެންވެ އެ ތަކެތި ބާޒާރުން ނެގުމަށް ނިންމައިފައިވާ ކަމަށް އެ ކުންފުނިން ވަނީ އިއުލާނުކޮށްފައެވެ.

ސެރެއުލައިޑަކީ ބެސިލަސް ސިރިއަސް ޖަރާސީމުން އުފައްދާ ވިހަ މާއްދާއެކެެވެ. މި މައްދާއިން ތަޣައްޔަރުވެފައިވާ އެއްޗެއް ބޭނުން ކުރެއްވިޖެ ނަމަ، މޭނުބައިކޮށް، ހޮޑުލުން، އަދި ބަނޑުގައި ރިއްސުންފަދަ އަލާމަތްތައް ފެނުމަކީ އެކަށީގެންވާކަމެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ތަޣައްޔަރުވެފައިވާ ބާވަތްތަކުގެ ތެރޭ ހިމެނެނީ އަންނަ އަހަރުގެ އެޕްރީލް، މޭ، ޖޫން، ޖުލައި، މުއްދަތު އޮކްޓޯބަރު އަދި ނޮވެމްބަރަށް މުއްދަތު ހަމަވާ އުފެއްދުންތަކެކެވެ. އެއީ:

  • އެސްއެމްއޭ އެޑްވާންސް ފަސްޓް އިންފެންޓް މިލްކް 800 ގުރާމް
  • އެސްއެމްއޭ އެޑްވާންސް ފޮލޯ އޮން މިލްކް 800 ގުރާމް
  • އެސްއެމްއޭ އެންޓި ރެފްލަކްސް 800 ގުރާމް
  • އެސްއެމްއޭ އަލްފަމިނޯ 400 ގުރާމް
  • އެސްއެމްއޭ ފަސްޓް އިންފެންޓް މިލްކް 800 ގުރާމް
  • އެސްއެމްއޭ ފަސްޓް އިންފެންޓް މިލްކް 400 ގުރާމް
  • އެސްއެމްއޭ ފަސްޓް އިންފެންޓް މިލްކް 1.2 ކިލޯ ގްރާމް
  • އެސްއެމްއޭ ލިޓުލް ސްޓެޕް ފަސްޓް އިންފެންޓް މިލްކް 800 ގުރާމް
  • އެސްއެމްއޭ ކޮމްފޮޓް 800 ގުރާމް
  • އެސްއެމްއޭ ފަސްޓް އިންފެންޓް 200 މިލި ލީޓަރު
  • އެސްއެމްއޭ ފަސްޓް އިންފެންޓް 70 މިލި ލީޓަރު
  • އެސްއެމްއޭ ލެކްޓޮސް ފްރީ 400 ގްރާމް

މީގެ ކުރިން ވެސް ރާއްޖެއަށް އެތެރެކުރާ ބައެއް ކާބޯތަކެއްޗާއި، ބޭހުގެ ބާވަތްތައް ތަޣައްޔަރުވުމުން އެމްއެފްޑީއޭއިން ސަމާލުވާން އަންގައިފައިވެއެވެ.

comment ކޮމެންޓް