ފުވައްމުލަކު ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑާކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ އަލީގައި ފުވައްމުލަކު ސިޓީގައި ނެޓްވޯކެއް ހަދައިގެން މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީލޯންޑާ ކުރުމުގައި ވެސް ހަރަކާތްތެރިވާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި ޏ. ފުވައްމުލަކު ދޫޑިގަން، ކަރަންކާވިލާ އުމުރުން 34 އަހަރުގެ އަހުމަދު ނިއުޝާދާއި ޏ. ފުވައްމުލަކު ދޫޑިގަން، ޒަމާނީގެ އުމުރުން 29 އަހަރުގެ ހަސަން އާޒިމް އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންގެ ތަހުގީގަށް ހޯދިފައިވާގޮތުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި އަހުމަދު ނިއުޝާދުގެ ބޭންކު އެކައުންޓް މެދުވެރިކޮށް 21 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވެއެވެ. ފާއިތުވި ދެ އަހަރުގެ ތެރޭގައި ހަސަން އާޒިމްގެ ބޭންކު އެކައުންޓް މެދުވެރިކޮށް ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން މިހާރު 21 މީހަކާއި ދެ ކުންފުންޏެއްގެ އެކައުންޓު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައި ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މަސްތުވާތަކެތީގެ ވިޔަފާރިއާއި ދެކޮޅަށް ފުވައްމުލަކު ސިިޓީގައި "އޮޕަރޭޝަން ވެށިރައްކަލް"ގެ ނަމުގައި ފުލުހުން އޮޕަރޭޝަން ފަށާފައިވަނީ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހެވެ.
ފުލުހުން ބުނީ، އެ ޖޮއިންޓް އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 4،048 ހޮޓްސްޓޮޕް ބަލައި ފާސްކޮށްފައިވާނެ ކަމަށާއި 1،147 މީހުން ހުއްޓުވައި ބަލައި ފާސްކޮށް، 85 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރި މީހުންގެ މައްޗަށް ކުރެވޭ ޖުމްލަ 75 މައްސަލައެއް ތަހުގީގުކޮށް، މިހާތަނަށް 65 މައްސަލައެއްގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލް ޕީޖީގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ.
ފުލުހުން ވަނީ މި އޮޕަރޭޝަންތަކުގައި މިހާތަނަށް ކުރެވުނު މަސައްކަތުންނާއި ހިންގުނު ތަހުގީގުތަކުން، ފުވައްމުލަކު ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑާކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއި އެ ފަރާޓްތަކަށް އެހީތެރިވާ ފާރާތްތައް ދެނެގަނެވިފައިވާ ކަމަށް ބުނެފައެވެ.
ފުލުހުން ވަނީ މި ކަމާ ގުޅުހުންހުރި އިދާރާތަކުންނާއި ފުވައްމުލަކު ސިޓީގެ ރައްޔިތުންގެ ފަރާތުން މި އޮޕަރޭޝަނަށް ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ.