ވުލްވްސް ބަލިކޮށް، ވެސްޓް ހާމަށް ލުޔެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހާމް ޔުނައިޓެޑުން ވުލްވަހެމްޕްޓަން ވޮންޑަރާސް ބަލިކޮށްފިއެވެ.

ވެސްޓް ހާމްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-1 އިންނެވެ.

މި ސީޒަންގައި އެންމެ ރަނގަޅު ކުޅުމެއް ނުދެއްކި އޮތް ދެ ޓީމުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި ކާމިޔާބުކޮށް، މެޗުގެ ލީޑު ނަގާފައިވަނީ ވެސްޓް ހާމުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތޯމަސް ސޯޗެކެވެ. ވުލްވްސްއިން ވަނީ މެޗުގެ 69 ވަނަ މިނެޓުގައި މެޓް ޑޮހަޓީ ކާމިޔާބުކޮށްދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ނަމަވެސް، ވެސްޓް ހާމުން ވަނީ މި ލަނޑު ޖެހިތާ ތިން މިނެޓް ފަހުން ޖެރޮޑް ބޯވެން ކާމިޔާބުކޮށްދިން ލަނޑުން މެޗުގެ ލީޑު ދެވަނަ ފަހަރަށް ނަގާފައެވެ.

މެޗުގައި ރެފްރީގެ ބައެއް ނިންމުންތަކާ މެދު ވުލްވްސް އިން ހިތްހަމަނުޖެހުން ފާޅުކުރަމުންދިޔަ ތަން ފެނިގެންދިޔައެވެ.

މި ކާމިޔާބީއާ އެކު ވެސްޓް ހާމް މިހާރު އޮތީ 15 މެޗުން ލިބިފައިވާ 18 ޕޮއިންޓާ އެކު 14 ވަނައިގައެވެ. މި ނަތީޖާއާ އެކު އެ ޓީމުގެ ކޯޗު ހޫލެން ލޮޕެޓެގޫއަށް އޮތް ޕްރެޝަރުމިވަނީ ކޮންމެ ވެސް ވަރަކަށް ކުޑަވެގެންގޮސްފައެވެ. ނަމަވެސް، ވެސްޓް ހާމްގެ ކޯޗާ ހިލާފަށް ވުލްވްސްގެ ކޯޗު ގެރީ އޯނީލަށް އޮތް ޕްރެޝަރު މިވަނީ އިތުރު ވެގެންގޮސްފައެވެ. ވުލްވްސް މިހާރު އޮތީ ނުވަ ޕޮއިންޓާ އެކު 20 ޓީމު ހިމެނޭ މި ލީގުގެ 19 ވަނައިގައެވެ.

comment ކޮމެންޓް