ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ މަރާމާތަށް އިންޑިއާ ސަރުކާރުން 8.5 މިލިއަން ރުފިޔާ ދީފައި ވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައި ވަނީ 37ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ބައިވެރީން ދަސްވެނިވުމަށް މިރޭ އައްޑޫ ސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިރޭ އަޅުގަނޑު އުފަލާއެކު އިއުލާނުކުރަން އިންޑިއާ ސަރުކާރުން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ އާޑޯ ކެމްޕަސް އާރާސްތުކޮށް ބެލެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން 8.5 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ދެއްވުމަށް ނިންމަވާފައިވާ ކަން. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން
ވަޒީރު ވިދާޅުވީ އިންޑިއާއިން ދެއްވި ހިލޭ އެހީއަށް ފުން ޝުކުރެއް ދަންނަވާ ކަމަށާއި މި ހިލޭ އެހީން ދައްކުވައިދެނީ އިންޑިއާ ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮތް ހާއްސަ ގުޅުން ކަމަށެވެ.
އަދި ދެއްވި ހާއްސަ ދައުވަތު ގަބޫލުކުރައްވާ އިންޑިއާގެ ނޭޝަނަލް ޕޮލިސް އެކަޑަމީގެ ޑިރެކްޓާ އަމިތް ގާގް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުން ވަޒީރު ވަނީ ހާއްސަ ޝުކުރެއްވެސް އަދާކުރައްވާފައެވެ.
ވަޒީރުގެ ވާހަގަފުޅުގައި ވަނީ ޑްރަގާ ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި މަސްތުވާތެކެތި ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި ވާކަން ފާހަގަކޮށްފައެވެ.
އެގޮތުން ނިމިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 1.3 ބިލިއަން ރުފިޔާގެ ޑްރަގު މުޖުތަމައުގެ ތެރެއަށް ދައުރުވިޔަ ނުދީ ހުއްޓުވާފައި ވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ 37ވަނަ އަސާސީ ތަމްރީނު ކޯހުން ޖުމްލަ 171 އޮފިސަރުން ވަނީ މިރޭ ދަސްވެނިވެފައެވެ. އަދި އޭގެތެރޭގައި ޖުމްލަ 39 އަންހެން އޮފިސަރުން ހިމެނެއެވެ.
އެ ކޯހުން އެންމެ މޮޅު ދަރިވަރު، ޕޮލިސް ކޮންސްޓަބަލް ހަސަން ޝާމިލަށް ކޮމިޝަނާ އެކްސެލެންސް އެވޯޑު މިރޭ ވަނީ އަރުވަފައެވެ.