ހުއްދަ ނެތި ބޭރުގެ ކޮމްޕިއުޓަރު ޑޭޓާއަށް އެކްސެސްވުމުގެ ބާރު ފުލުހުންނަށް ލިބޭގޮތަށް ފާސްކޮށްފި

ޝަހީދު ހުސައިން އާދަމް ބިލްޑިން: ހުއްދަ ނެތި ބޭރުގެ ކޮމްޕިއުޓަރު ޑޭޓާއަށް އެކްސެސްވުމުގެ ބާރު ފުލުހުންނަށް ލިބޭގޮތަށް މަޖިލީހުން ފާސްކޮށްފި-- ސަން ފޮޓޯ/ ނާޢިޝް ނާހިދު

ބޭރު ގައުމުތަކުގެ ހުއްދަ ހޯދުމަކާ ނުލައި، އެ ގައުމެއްގެ ކޮމްޕިއުޓަރު ޑޭޓާ ލިބިގަތުމުގެ ބާރު ރާއްޖޭގެ ތަހުގީގީ އިދާރާތަކަށް ދިނުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްްވީ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދެވެ. މި ބިލު މިއަދު ފާސްކުރީ 58 މެންބަރުންގެ ވޯޓުންނެވެ. ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

އެ އިސްލާހުގައި ވާގޮތުގައި ސައިބާ ކުށަކާ ގުޅިގެން ބޭރު ގައުމެއް ނުވަތަ ބޭރުގެ އެޖެންސީއަކާއެކު ރާއްޖޭގެ އިދާރާތަކަށް މަސައްކަތް ކުރެވިދާނެއެވެ. އަދި ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު ލިބިފައިވާ އިދާރާއަކަށް ބޭރު ގައުމެއްގެ ހުއްދަ ހޯދުމަކާ ނުލައި މައުލޫމާތު ހޯދުމުގެ ބާރު ވެސް އެ އިސްލާހާއެކު ވަނީ ދީފައެވެ.

އިސްލާހުގައިވާގޮތުގައި ބޭރުގައި ހުރި ކޮމްޕިއުޓަރު ސިސްޓަމެއްގައި ރައްކާކޮށްފައިހުރި ޑޭޓާއަށް އެކްސެސްވެވޭނީ ދެ ހާލަތެއްގައެވެ. އެއީ އަމިއްލަ ފަރުދުންގެ ފުރާނައަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތް ހާލަތެއްގެ އިތުރުން ރާއްޖޭގައި ގެއްލުން ލިބުނު މީހުންގެ އަދަދަށް ބަލައި، އިގުތިސާދީ ގޮތުން ބޮޑު ގެއްލުމެއް މެދުވެރިވެއްޖެ ހާލަތުގައެވެ.

މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް -- ފޮޓޯ/ މަޖިލިސް

މީގެއިތުރުން ސޯޝަލް މީޑިއާ ނުވަތަ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ހިންގާ ސައިބާ ކުށްތައް ހުއްޓުވުމުގެ ބިލު ވެސް މިއަދު ވަނީ ފާސްކޮށްފައެވެ. މި ބިލު މިއަދު ފާސްކުރީ 58 މެންބަރުންގެ ވޯޓުންނެވެ. ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

ސަރުކާރުގެ ފަރާތުން މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް، ސައިބާ ކްރައިމް އަކީ ކުށެއް ކަމުގައި ކަނޑައަޅައި ގަނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުގައި މައިގަނޑު 10 ކަމެއް ވަނީ ކުށުގެ ގޮތުގައި ހިމަނާފައެވެ. އެއީ:

  • ހުއްދަނެތި ކޮމްޕިއުޓަރު ސިސްޓަމަކަށް އެކްސެސްވުން
  • އިތުރު ކުށެއް ކުރުމަށް މަގުފަހިކުރުމުގެ ނިޔަތުގައި ހުއްދަނެތި ކޮމްޕިއުޓަރު ސިސްޓަމަކަށް އެކްސެސްވުން
  • ހުއްދަނެތި ކޮމްޕިއުޓަރު ޑޭޓާ އިންޓަސެޕްޓުކުރުން
  • ހުއްދަނެތި ކޮމްޕިއުޓަރު ޑޭޓާއަށް އިންޓަފިއަކުރުން
  • ހުއްދަނެތި ކޮމްޕިއުޓަރު ސިސްޓަމަކަށް އިންޓަފިއަކުރުން
  • ނަހަމަގޮތުގައި ޑިވައިސްތައް ބޭނުންކުރުން
  • ސައިބާ ވަޔަލަންސްގެ އަމަލުތައް
  • ކޮމްޕިއުޓަރާ ގުޅުންހުރި ފޯޖަރީގެ އަމަލުތައް
  • ކޮމްޕިއުޓަރާ ގުޅުންހުރި އޮޅުވާލުމުގެ އަމަލުތައް
  • ކޮޕީރައިޓާ ގުޅޭ އެއާގުޅުންހުރި އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް

ސައިބާ ކްރައިމްގެ ކުށްތައް ރާއްޖޭގައި ވެސް ފުޅާ ދާއިރާއެއްގައި ހިންގަމުން ދެއެވެ.

comment ކޮމެންޓް