އެއްވެސް ހަގީގަތެއް ނެތް ދޮގު ޚަބަރު ފަތުރަމުން އަންނަ މީހުންނަށް އަމާޒުކޮށް އިންޑިއާގެ މެގަ ސްޓާ އަމީތާބް ބައްޗަން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
ދާދިފަހުން އަމީތާބުގެ އަމިއްލަ ބްލޮގް އަދި އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އަމިއްލައަށް ވާހަކަތައް ހަދަހަދައިގެން ނޫސްތަކުގައި ލިޔާ މީހުންގެ ސިކުނޑީގެ އެއްބައި އުނި ކަމަށެވެ.
އެމީހުން އެފަދަ ވާހަކަތައް ލިޔަނީ އަމިއްލަ ދިރިއުޅުމުގެ ހަގީގަތް ފޮރުވަން ކަމަށާއި އެފަދަ މީހުންނަކީ ތާކުން ތާކު ނުޖެހޭ ސިކުނޑި ރަނގަޅަށް މަސައްކަތް ނުކުރާ މީހުންގެ ގޮތުގައި އިންޑިއާގެ އެންމެ ނުފޫޒުގަދަ އެކްޓަރު ވަނީ ސިފަކޮށްފައެވެ.
އަމީތާބް މިފަދަ ގޮތަކަށް އަމިއްލަ ބްލޮގްގައި ޕޯސްޓުކޮށްފައިވާއިރު ދަރިފުޅު އަބީޝެކްގެ ދެމަފިރިންގެ ކައިވެނީގައި މައްސަލަތަކެއް ޖެހިގެން އުޅޭ ކަމުގެ ޚަބަރުތައް ދޭތެރެދޭތެރެއިން ނޫސްތަކުން އައީ ލިޔަމުންނެވެ.
އެގޮތުން ދަނބިދަރިފުޅު އައިޝްވާރިއާގެ ކައިވެނީގައި މައްސަލަތައް އުފެދެން ފެށީ ޖަޔާ ބައްޗަން އާއި އަބީޝެކްގެ ދައްތަ ޝްވޭތާގެ ނުފޫޒު ގޭތެރޭގައި ގަދަވުމުގެ ސަބަބުން ކަމަށް ވެސް ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ.
މިހާތަނަށް މިކަމާ ގުޅޭގޮތުން މި އާއިލާއިން އަދި އަބީޝެކްގެ ދެމަފިރިންގެ ފަރާތުން ވެސް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އަމީތާބް މިފަހަރު ކުރި ޕޯސްޓަކީ އެ އާއިލާއާ ގުޅޭގޮތުން ދޮގު ޚަބަރުތައް ފަތުރަމުން އަންނަ މީހުންނަށް ދިން ރައްދެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.
އަމީތާބްގެ ދަރިފުޅު އަބީޝެކްގެ ކައިވެނީގައި މައްސަލަތަކެއް ޖެހިގެން އުޅޭކަމުގެ ޚަބަރުތަކުގެ އަޑު ގަދަވެފައި ވަނިކޮށް ދާދިފަހުން އަންހެނުން އައިޝްވާރިއާއާ އެކު މުމްބާއީގައި އޮތް ކައިވެނި ޕާޓީއަކަށް ހާޒިރުވެ އެކީގައި ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.
މި ފޮޓޯތަކުގައި އައިޝްވާރިޔާގެ މަންމަ ފެންނަން ހުރިއިރު ދެ ތަރިންގެ ކައިވެނީގައި ޖެހުނު މައްސަލަތަކަށް ހައްލެއް އައި ކަމުގެ ކުލަވަރު ފެންނަން ފަށައިފި ކަމަށް ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ.