އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ކްރިސްޓަލް ޕެލަސް ބަލިނުކުރެވި، އިތުރު ހާސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ.
ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
ޕެލަސްއިން ފަށާފައިވަނީ ވަރަށް ފޯރީގައެވެ. ހަތަރުވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ޕެލަސްއިން މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެނިއަލް މޫނިއޯޒެވެ. މި ލަނޑު ޖެހިތާ މާ ގިނައިރުތަކެއް ނުވެ، ސިޓީގެ ފޯވަޑް އާލިން ހާލަންޑަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކުރާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ދިޔައީ ޕެލަސްގެ ކީޕާރު ޑީން ހެންޑަސަންގެ ބޮލުގައި ޖެހިފާ ބޭރަށެވެ.
ސިޓީގެ ފުރަތަމަ ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހާލަންޑެވެ. މިއީ ހާލަންޑް ލީގުގައި ކާމިޔާބުކުރި 13 ވަނަ ލަނޑެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ އިތުރު ލަނޑެއް ނުފެނިއެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ޕެލަސް ފެނިގެންދިޔައީ ހަމަލާއަށް އިސްކަންދީ މެޗުގެ ލީޑު ނަގަން މަސައްކަތްކުރި ތަނެވެ. އެ މަސައްކަތުގެ ނަތީޖާ ފެނިގެންދިޔައީ މެޗުގެ 56 ވަނަ މިނެޓުގައެވެ. ޕެލަސްއަށް ލިބުނު ކޯނަރަކުން އެ ޓީމަށް ދެވަނަ ފަހަރަށް މެޗުގައި ލީޑު ނަގައިދިނީ މަޒެންސް ލެކްރޮއިޒެވެ. މި ލަނޑާ އެކު ދަނޑުގެ ފޯރިގަދަވެ، ޕެލަސްއަށް އިތުރު ހިތްވަރެއް ލިބިގެންދިޔައެވެ.
ސިޓީން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ މެޗުގެ 68 ވަނަ މިނެޓުގައި ރީކޯ ލުއިސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑާ އެކު ސިޓީން މެޗުގެ ކޮންޓްރޯލް އަތުލާ މެޗުން މޮޅުވުމަށް މަސައްކަތްކުރި ތަން ފެނިގެންދިޔައެވެ. ނަމަވެސް، އެ ޓީމުން ކުރަމުންދިޔަ މަސައްކަތަށް އިތުރަށް ހުރަސް އެޅުނީ މެޗުގެ 84 ވަނަ މިނެޓުގައި ދެވަނަ ރީނދޫ ކާޑާ އެކު ސިޓީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިން ލުއިސްއަށް ރަތް ކާޑު ދެއްކުމުންނެވެ.
ނަމަވެސް، ރިޕްލޭ ބަލާލުމުން ރެފްރީގެ ނިންމުމަކީ ގޯސް ނިންމުމެއްކަން ހާމަވިއެވެ. މެޗު ނިމުނީ އިތުރު ލަނޑެއް ނުފެނި އެއްވަރުވެގެންނެވެ.
މި ނަތީޖާއާ އެކު ދެވަނައަށް ވަގުތީ ގޮތުން އެރުމަށް ސިޓީއަށް ލިބުނު ފުރުސަތު މިވަނީ ގެއްލިފައެވެ. އެ ޓީމު މިހާރު އޮތީ 27 ޕޮއިންޓާ އެކު ހަތަރުވަނައިގައެވެ. ޕެލަސް އޮތީ 13 ޕޮއިންޓާ އެކު 16 ވަނައިގައެވެ.
މުބާރާތުގައި އެއްވަނައިގައި އޮތް ލިވަޕޫލާއި ވާދަވެރި އެވަޓަން ރޭ ކުޅެން ހަމަޖެހިފައިވި މެޗުވަނީ މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފައެވެ. އެ މެޗު ފަސްކޮށްފައިވަނީ ދެ ކްލަބްގެ އޮފިޝަލުންނާއި މާސީސައިޑް ޕޮލިސްއާއި ލިވަޕޫލް ސިޓީ ކައުންސިލްގެ މެދުގައި ބޭއްވި ބައްދަލުވުމަކަށް ފަހެވެ.