އެޗްޑީސީން ފިޔަވަތީގެ ކުދިންނަށް 2ލައްކަ ރުފިޔާއަށްވުރެ އަގުބޮޑު ދެ ގޭމް ރޫމް ހަދިޔާކޮށްފި

ފިޔަވަތީގައި އުޅޭ ކުދީންނަށް ދެ ގޭމް ރޫމް ހަދިޔާކުރުން -- ފޮޓޯ: އެޗްޑީސީ

ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ޚާއްސަކޮށްގެން އެޗްޑީސީން ދެ ގޭމް ރޫމް މިއަދު ހަދިޔާކޮށްފިއެވެ.

މި ގޭމް ރޫމްތައް ހަދިޔާކޮށްފައިވަނީ އެޗްޑީސީގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ބޭއްވި މި އަހަރުގެ "ފިޔަވަތި ފަން ޑޭ"ގެ ތެރެއިންނެވެ.

"ފިޔަވަތި ފަން ޑޭ" އަކީ އެޗްޑީސީގެ ސީއެސްއާރުގެ ދަށުން، ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަކޮށްގެން، މުނިފޫހި ފިލުވުމުގެ ތަފާތު އެކި ހަރަކާތްތަކާއި، ހަދިޔާ ދިނުމާއެކު އެކުދިންނަށް އުފާވެރި މަޖާ ދުވަހެއް ފާހަގަކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. ކުރީ އަހަރުތަކާ ހިލާފަށް، މި އަހަރު މި އިވެންޓު ފާހަގަކޮށްފައިވަނީ އެޗްޑީސީގެ ހުރިހާ މުވައްޒަފުންގެ ބައިވެރިވުމާއެކުއެވެ.

ފިޔަވަތީގެ ޕާޓީގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ -- ފޮޓޯ: އެޗްޑީސީ

މި އަހަރުގެ މި އިވެންޓުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އެޗްޑީސީގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ދެ ގޭމިން ރޫމް ހަދިޔާ ކުރުމެވެ.

އެގޮތުން އެޗްޑީސީގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ވަނީ ފިޔަވަތީގައި މި ގޭމިން ރޫމްތައް ތަރައްގީ ކުރުމަށް 240،000 ރުފިޔާގެ އެހީ ހޯދައިފައެވެ. އަދި "ފިޔަވަތި ފަންޑޭ" ނިންމާލުމުގެ ގޮތުން އެޗްޑީސީން ވަނީ މި ޑޮނޭޝަން ފިޔަވައްޗާ ހަވާލުކޮށްފައެވެ.

ތަފާތު ގިނަ ހަރަކާތްތަކާއެކު މި އަހަރުގެ ފިޔަވަތި ފަންޑޭ މިއަދު ކުރިއަށްގެންދިޔައީ ހުޅުމާލޭގެ ފަރުކޮޅުފުށީގައެވެ. މުޅި ދުވަހަށް ބަހާލައިގެން ކުރިއަށްގެންދިޔަ އެ ހަރަކާތްތައް ފެށީ ހެނދުނު 8:30 ގައި ހެނދުނުގެ ސައިންނެވެ. އެއަށްފަހު، ޕިކްނިކާއެކު ބީޗް ގޭމްތަކުގެ އިތުރުން މެންދުރުފަހު ރޮބޯ މޭންގެ ހަރަކާތާއި ޕޫލް ޕާޓީއެއް ވަނީ ބާއްވާފައެވެ. އެއަށްފަހު ހަވީރުގެ ސަޔާއެކު "ފަން ޑޭ" ނިންމާލުމުގެ ގޮތުން ބޮޑު ޕާޓީއެއް ވަނީ ބާއްވާފައެވެ. މި ޕާޓީގައި ފިޔަވަތީގެ ކުދިންގެ ހުށަހެޅުންތަކާއި ހަދިޔާ ބެހުން އަދި ކޭކު ފެޅުން ވަނީ ކުރިއަށްގެންގޮސްފައެވެ.

މި ޕާޓީގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މެޑަމް ސާޖިދާ ވަނީ ފިޔަވަތީގެ ކުދިންނަށް ހަދިޔާ ދެއްވައި، އެކުދިންނާއެކު ކޭކު ފެޅުމުގައި ބައިވެރިވެލައްވާފައެވެ.

comment ކޮމެންޓް