ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްޖީއޭއެމް) އާއި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގުޅިގެން އަޒަރުބައިޖާނާއި ޖޯޖިއާގައި ރާއްޖެ އިޝްތިހާރުކުރަން ތައްޔާރުވެއްޖެއެވެ.
ގެސްޓްހައުސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައިވާ ގޮތުން، 'އައި އެމް މޯލްޑިވްސް ރޯޑްޝޯ'ގެ ނަމުގައި އަޒަރުބައިޖާނުގެ ބާކޫގައި އާއި ޖޯޖިއާގެ ތިބިލީސީގައި ބާއްވާ ހަރަކާތްތައް އޮންނާނީ މިމަހުގެ 17އިން 20އަށެވެ. އެ ރޯޑްޝޯގެ މަގުސަދަކީ، ރާއްޖެއަކީ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އެ ސަރަހައްދުގައި އިޝްތިހާރު ކުރުން ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
އެ ހަރަކާތުގައި ރާއްޖޭގެ ރިޒޯޓުތަކައި ހޮޓެލްތަކާއި ގެސްޓްހައުސްތަކާއި ޓްރެވެލް އޭޖެންސީތައް ހިމެނޭ ގޮތަށް 18 ފަރާތަކުން ބައިވެރިވެ، ބޭރުގެ ވިޔަފާރިތަކާ ގުޅުން ބަދަހިކުރާނެއެވެ. އެގޮތުން އެ ފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މައުލޫމާތު ފޯރުކޮށްދީ، އެ ދެ ގައުމުގެ މާކެޓާ ގުޅޭ މައުލޫމާތު ހޯދާނެ ކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ބުންޏެވެ.
އެ އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދު ވިދާޅުވީ، އެއީ ރާއްޖޭގައި ކުރިއަރަމުން އަންނަ މާކެޓްތަކުގައި ލޯކަލް ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
"އަޅުގަނޑުމެންގެ މަގުސަދަކީ އަޅުގަނޑުމެންގެ ގެސްޓްހައުސް އޮޕަރޭޓަރުންނާއި ލޯކަލް ޓޫރިޒަމް ވިޔަފާރިތަކާ، މި މާކެޓުތަކާ ގުޅުވައި، އަޅުގަނޑުމެންގެ މެންބަރުންގެ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމުގެ ފުރުސަތުތައް ހޯދައި ދިނުން،" އޭނާ ވިދާޅުވިއެވެ.
އެ ރޯޑްޝޯގައި، ޖޯޖިއާއާއި އަޒަރުބައިޖާނާއި ރާއްޖެ ގުޅުވައިދޭ ދަތުރުތަކާ ގުޅޭ ގޮތުން ވެސް މައުލޫމާތު ފޯރުކޮށްދޭނެއެވެ. އަދި ބައިވެރިންގެ މެދުގައި ގުރުނަގައި، މި އިންޑަސްޓްރީގައި ހިމެނޭ ފަރާތްތަކުން ފޯރުކޮށްދޭ ހޮލިޑޭ ޕެކޭޖްތައް 40 މީހަކަށް ލިބޭނެއެވެ.
މި ރޯޑްޝޯގެ ޓްރެވެލް ޕާޓްނަރަކީ އެއާ އަރަބިއާ އެވެ.
މީގެ އިތުރުން އަޒަރުބައިޖާންގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން، އެމްއެމްޕީއާރުސީން އަޒަރުބައިޖާން އެއާލައިންސްއާ ގުޅިގެން މީޑިއާ އާއި ސޯޝަލް މީޑިއާ ޝަހުސިއްޔަތުތައް ބައިވެރިވާ ދަތުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.