ނިއުކާސްލްއިން ލިވަޕޫލް އަތުން ޕޮއިންޓެއް ދަމައިގެންފި

އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލަށް ނިއުކާސްލް ޔުނައިޓެޑް ކައިރިން މޮޅުނުވެވި، އެއްވަރުވެއްޖެއެވެ.

ނިއުކާސްލް ގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ލިވަޕޫލުން ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފައްދާފައިވަނީ ނިއުކާސްލުންނެވެ. ފުރަތަމަ ލަނޑު މެޗުގެ 35 ވަނަ މިނެޓުގައި ޖަހައި ލީޑު ނެގީ ވެސް ނިއުކާސްލުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެލެގްޒެންޑާ އިސާކެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ފަސްވަނަ މިނެޓުގައި ކާޓިސް ޖޯންސް ޖަހައިދިން ލަނޑުން ލިވަޕޫލުން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މެޗުގައި ނިއުކާސްލުން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 62 ވަނަ މިނެޓުގައި އެންތަނީ ގޯޑަން ކާމިޔާބުކޮށްދިން ލަނޑުންނެވެ. ނަމަވެސް، މި ފަހަރު ނިއުކާސްލަށް މި ލީޑު ދެމެހެއްޓޭގޮތްވީ އެންމެ ހަ މިނެޓް ވަންދެނެވެ.

މެޗުގެ 68 ވަނަ މިނެޓުގައި މުހައްމަދު ސަލާހް ކާމިޔާބުކޮށްދިން ލަނޑާ އެކު މެޗުގެ ނަތީޖާ ލިވަޕޫލުން ދެވަނަ ފަހަރަށް ހަމަހަމަކުރިއެވެ. ދެން ފެނުނީ މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް ސަލާހް ކާމިޔާބުކޮށްދިން ދެވަނަ ލަނޑާ އެކު ލިވަޕޫލުން ލީޑު ނެގި ތަނެވެ. މިއީ މި ސީޒަންގައި ސަލާހް ލީގުގައި ކާމިޔާބުކުރި 13 ވަނަ ލަނޑެވެ. އޭނާ މިވަނީ މެންޗެސްޓާ ސިޓީގެ އާލިން ހާލަންޑް ފަހަތަށް ޖައްސައިލާ ލަނޑު ލިސްޓްގެ އެންމެ ކުރިއަށް ވެސް އަރާފައެވެ.

މި ލަނޑާ އެކު ލިވަޕޫލުން މެޗު ކާމިޔާބުކުރާނޭ ހީވި ނަމަވެސް ނިއުކާސްލުން ހިތްވަރު އެލުވައިނުލާ ކުޅުމުގެ ނަތީޖާއަކަށްވީ 90 ވަނަ މިނެޓުގައި ފަބިއަން ޝާ ޖަހައިދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ.

މެޗު އެއްވަރުވުމުން އެއްވަނައިގައި ލިވަޕޫލަށް ލިބިފައި އޮތް ނުވަ ޕޮއިންޓުގެ ލީޑު ހަތް ޕޮއިންޓަށް ވަނީ ކުޑަވެފައެވެ. ލިވަޕޫލަށް މިހާރު ލިބިފައިވަނީ 14 މެޗުން 35 ޕޮއިންޓެވެ. ދެވަނައިގައި އޮތް އާސެނަލް އަދި ތިންވަނައިގައި އޮތް ޗެލްސީއަށް ލިބިފައިވަނީ 28 ޕޮއިންޓެވެ. ނިއުކާސްލް އޮތީ 20 ޕޮއިންޓާ އެކު 10 ވަނައިގައެވެ.

comment ކޮމެންޓް