ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ ގޮތުން "ސިޒޭޝަންގެ" ޚިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ލިބޭނެ ގޮތް ގާއިމުކޮށް، އެ ޚިދުމަތް ބޭނުންވާ މީހުން ގުޅުމަށް ޚާއްސަ ކުއިޓް ލައިނެއް ގާއިމުކޮށްފިއެވެ.
އެ ޚިދުމަތަށް އެދި ގުޅޭނެ ނަންބަރަކީ 1676 އެވެ.
ދުންފަތް ކޮންޓްރޯލްކުރުމަށް ސަރުކާރުން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރުމަށް އާދަވެފައިވާ ފަރާތްތަކަށް އެކަން ހުއްޓާލުމަށް ބޭނުންވާ އެހީތެރިކަން މުޅި ރާއްޖޭގައި ލިބޭނެހެން ސިޒޭޝަންގެ ޚިދުމަތް ގާއިމުކުރުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.
ސިޒޭޝަންގެ ޚިދުމަތް ދޭ މީހުން ތަމުރީނުކުރުމުގެ މަސައްކަތް މިހާރު ކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. ނަމަވެސް، އެ މަސައްކަތް އިތުރަށް ކުރުމަށް ރޭވުންތައް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން، އެ ޚިދުމަތް ހޯދަން ބޭނުންވާ މީހުންނަށް ގާއިމްކުރި ހެލްޕްލައިން 1676 ގެ ޚިދުމަތް އަންނަ އާދިއްތަ ދުވަހުން ފެށިގެން ލިބޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
އެ ޚިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށްޓަކައި ކުއިކް ލައިނެއް މި ވަނީ ގާއިމުކުރެވިފައި. މިއީ 24 ގަޑިއިރު ޚިދުމަތް ލިބޭނެ ގޮތަށް ގާއިމުކުރެވިފައިވާ ކުއިކް ލައިނެއް. ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުން، އާދެ އަންނަ އާދިއްތަ ދުވަހުން ފެށިގެން މި ކުއިޓް ލައިންގެ ޚިދުމަތް އެޗްޕީއޭ މެދުވެރިކޮށް ދެވިގެންދާނެ، ހެލްތު މިނިސްޓަރު އަހުމަދު ނާޒިމް
މީގެ އިތުރުން، ދުންފަތް ކޮންޓްރޯލްކުރަން ރާއްޖޭގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ފަސް އަހަރު ދުވަހުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ އެހީތެރިކަމާ އެކު މިހާރު ފަށާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެ މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުންތަކުގެ ތެރެއިން ނިންމެވުމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.
އެ ޕްލޭން އެކުލަވާލުމުގައި ކަމާ ބެހޭ އިދާރާތަކުގެ އިތުރުން ރައްޔިތުންގެ ޚިޔާލާއި، ބައިވެރިވުމާއި، މަޝްވަރާ ހޯދުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ހެލްތު މިނިސްޓްރީން މިހާރު ކުރަމުން އަންނަ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.