ދެކުނު ކޮރެއާގެ އަސްކަރީ ގާނޫނު، ތިން ގަޑިއިރު ނުވަނީސް އަނބުރާ ގެންގޮސްފި

ދެކުނު ކޮރެއާގެ ސޯލްގައި ހުންނަ ގައުމީ މަޖިލީހުގެ ކުރިމަތީގައި ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް މަގާމުން އިސްތިއުފާއަށް ގޮވާލައި މުޒާހަރާ ކުރަނީ. ފޮޓޯ/އޭޕީ

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޮލް ރޭގެ ވަގުތެއްގައި ކުއްލި ގޮތަކަށް އިއުލާނުކުރެއްވި އަސްކަރީ ގާނޫނު، ގާނޫނު ހަދާ މަޖިލީހުން ފާސްނުވުމުން އަނބުރާ ގެންގޮސްފިއެވެ.

ގާނޫނުހަދާ މަޖިލީހުން އަސްކަރީ ގާނޫނު އުވާލާފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެން 190 މަޖިލީސް މެމްބަރުންގެ ތާއީދާއެކުގައެވެ.

އެ ގާނޫނު ރަސްމީކޮށް އުވާލީ ފަތިހު 4:30 ގައި ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައެވެ.

ރައީސް ޔޫން އަސްކަރީ ބާރު ބޭނުންކުރައްވަން ނިންމެވީ، އިދިކޮޅުން ބަޣާވާތެއް ކުރަން އުޅޭ ކަމަށާއި އުތުރު ކޮރެއާއާ ގުޅިގެން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައެވެ.

އަސްކަރީ ގާނޫނު ތަންފީޒު ކުރުމަށް ފަހު ، ގައުމީ މަޖިލީހުގެ ރައީސް ވޫ ވޮން ޝިކް ވަނީ އެ ގާނޫނަކީ "ސައްޚަ ނޫން" ގާނޫނެއް ކަމަށާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން "ރައްޔިތުންނާ އެކު ޑިމޮކްރަސީ ހިމާޔަތް ކުރާނެ" ކަމަށް އިއުލާން ކުރައްވައިފައެވެ.

އިދިކޮޅު ފަރާތްތަކާއި ޔޫންގެ އަމިއްލަ ކޮންޒަވޭޓިވް ޕާޓީގެ ވެރިޔާ ވެސް ވަނީ، ރައީސްގެ ހީވެސް ނުކުރާފަދަ އެ އަމަލު ކުށްވެރިކުރައްވާފައެވެ.

އަސްކަރީ ގާނޫނު އަނބުރާ ގެންދަން އިއުލާން ކުރައްވަމުން ޔޫން ވަނީ ސަރުކާރުގެ މުހިންމު އޮފިޝަލުންނާއި ޕްރިސެކިއުޓާ ޖެނެރަލުން މަގާމުން ވަކިކުރަން މަޖިލީހުން ކުރާ މަސައްކަތްތަކަށް ފާޑުވިދާޅުވެފައެވެ.

އަނެއްކޮޅުން ދެކުނު ކޮރެއާގެ އެތައް ބަޔަކު އަންނަނީ ގާނޫނު ހަދާ މަޖިލީހުގެ ކުރިމައްޗަށް އެއްވެ ރައީސް ޔޫން އިސްތިއުފާ ދެއްވުމަށް ގޮވާލައި މުޒާހަރާކުރަމުންނެވެ.

ދެކުނު ކޮރެއާގެ ރިޔާސީ އޮފީހާ ހަވާލާދީ ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސް ޔޫންގެ ޗީފް އޮފް ސްޓާފާއި 10 ސީނިއާ ސެކްރެޓޭރިއަޓުން ވަނީ އެ މައްސަލައާ ގުޅިގެން އިސްތިއުފާ ދެއްވާފައެވެ.

ދެކުނު ކޮރެއާގެ ގާނޫނު އަސާސީގައި އޮންނަނީ ހަނގުރާމައާއި ހަތިޔާރު ބޭނުން ކޮށްގެން ހިންގާ ހަމަނުޖެހުންތަކާއި އެފަދަ އެހެނިހެން ގައުމީ ކުއްލި ހާލަތްތަކުގައި އާންމު ރައްކާތެރިކަން ކަށަވަރު ކުރުމަށް، ސިފައިންގެ ފައުޖުތައް ނެރުމަށް ޓަކައި އަސްކަރީ ގާނޫނު ހިންގޭނެ ކަމަށެވެ.

ކޮންޒަވޭޓިވް ޕީޕަލް ޕަވާ ޕާޓީ ތަމްސީލު ކުރައްވާ ޔޫން އަންނަނީ 2022ވަނަ އަހަރުން ފެށިގެން ދެކުނުކޮރެއާގެ ރައީސްކަން ކުރައްވަމުންނެވެ. ރައީސް ޔޫން އިންތިޚާބު ކާމިޔާބު ކުރެއްވީ ވާދަވެރި ލީއަށް ވުރެ އެއް ޕަސެންޓް ޕޮއިންޓަށް ވުރެ މަދު ތަފާތަކުންނެވެ.

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޮލް. ޔޫން އިއުލާނުކުރެއްވި އަސްކަރީ ގާނޫނު ވަނީ އަނބުރާ ގެންގޮސްފައި. ފޮޓޯ/އޭޕީ

ރައީސް ކަމަށް ވަޑައިގެންނެވިއިރު، ޔޫން އަކީ ސިޔާސީ ދާއިރާއަށް އަލަށް ވަޑައިގެންނެވި ބޭފުޅެކެވެ. އޭނާގެ ކެރިއަރުގެ ކުރީކޮޅު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި 27 އަހަރު ހޭދަކުރެއްވިއެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އުތުރު ކޮރެއާގެ މައްސަލައާއި، ދެކުނު ކޮރެއާގެ ބޮޑެތި ބައިވެރިން ކަމަށްވާ އެމެރިކާ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ ހަމަނުޖެހުމުގެ އިތުރުން ދެކުނު ކޮރެއާގައި ކުދިން އުފަންވާ ނިސްބަތް ވަރަށް ބޮޑަށް ދަށްވުން ފަދަ ގޮންޖެހުންތަކާ ޔޫން އަށް ވަނީ ކުރިމަތިވެވަޑައިގެންފައެވެ.

ޔޫން ވަނީ ގިނަ ދުވަސްތަކެއް ވަންދެން އުތުރު ކޮރެއާއާ މެދު ހަރުކަށި ސްޓޭންޑެއް ގެންގުޅުއްވާފައެވެ.

ފާއިތުވި މަސްތަކުގައި ޔޫންގެ މަގުބޫލުކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، 2022ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލް އޮންނަ މަޖިލީހާ ދެކޮޅަށް ޔޫންގެ އެއްވެސް އެޖެންޑާ ކުރިއަށް ގެންދިއުން އޮތީ ދަތިވެފައެވެ.

ރައީސް ޔޫން ވެރިކަމަށް ވަޑައިގެންނެވިއިރު ވެސް، އަދި މި އަހަރު އޮތް ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބަށް ފަހު ވެސް އެ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދައިފައި ވަނީ އިދިކޮޅުންނެވެ.

ދެކުނު ކޮރެއާގެ ގާނޫނު އަސާސީގައި އޮންނަ ގޮތުން، ގާނޫނު ހަދާ މަޖިލީހުން އަސްކަރީ ގާނޫނު ހިންގުމާ ދެކޮޅަށް ވޯޓަށް އަހައި ފާސްކޮށްފި ނަމަ، ރައީސް އެ އަމުރު ބާތިލުކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.

އަސްކަރީ ގާނޫނެއް އިއުލާނުކުރެއްވިއިރު، ޔޫންގެ އެ ފިޔަވަޅަކީ 1987 ވަނަ އަހަރު ޑިމޮކްރެޓިކްސް ނިޒާމެއް ތައާރަފު ކުރި ފަހުން، އަސްކަރީ ގާނޫނެއް އިއުލާނުކުރި ފުރަތަމަ ފަހަރެވެ.

އެގައުމުން އެންމެ ފަހުން އަސްކަރީ ގާނޫނެއް އިއުލާނުކުރީ 1979ވަނަ އަހަރުގެ އޮކްޓޯބަރު މަހު، ކުރީގެ އަސްކަރީ ހުދުމުޙުތާރު ވެރިޔާ ޕާކް ޗަންގް-ހީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ.

comment ކޮމެންޓް